ޚަބަރު

އިތުރު 126 މީހަކު ކޯވިޑަށް ޕޮޒިޓިވްވެއްޖެ


ކޯވިޑް-19އަށް އިތުރު 126 މީހަކު ޕޮޒިޓިވްވެއްޖެއެވެ. މިއާއެކު ރާއްޖެއިން ކޯވިޑަށް ޕޮޒިޓިވްވި މީހުންގެ ޢަދަދު މިވަނީ 84،200އިން މައްޗަށް އަރާފައެވެ.

ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން ހާމަކޮށްފައިވާ ގޮތުގައި ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި ރާއްޖެއިން ބައްޔަށް ޕޮޒިޓިވްވެފައިވަނީ 126 މީހުންނެވެ. މީގެ ތެރޭގައި ހިމެނެނީ މާލެ ސަރަޙައްދުން ޕޮޒިޓިވްވި 32 މީހުންނާއި އަތޮޅުތަކުގެ ރަށްރަށުން ޕޮޒިޓިވްވީ 88 މީހަކާއި ރިސޯޓުތަކުން ޕޮޒިޓިވްވި 4 މީހެކެވެ. އަދި ސަފާރީތަކުން ވަނީ 2 މީހަކު ޕޮޒިޓިވްވެފައެވެ.

މިއާއެކު ރާއްޖެއިން ކޯވިޑަށް ޕޮޒިޓިވްވީ މީހުންގެ ޖުމްލަ ވަނީ 84،290އަށް އަރާފައެވެ. އެޗްޕީއޭގެ ތަފާސްހިސާބަށް ބަލާއިރު ފަހަކަށް އައިސް އެންމެ ގިނަ ބަޔަކު ޕޮޒިޓިވްވަމުން އަންނަނީ އަތޮޅުތަކުގެ ރަށްރަށުންނެވެ.

އެންމެ ފަހުން ޕޮޒިޓިވްވީ މީހުންނާއެކު ރާއްޖޭގައި މިވަގުތު ކޯވިޑަށް ޕޮޒިޓިވް 1614 މީހުން އެބަތިއްބެވެ. މީގެތެރެއިން 15 މީހަކަށް ފަރުވާދެމުން އަންނަނީ ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެންކަމަށް އެޗްޕީއޭއިން ވިދާޅުވެއެވެ.

ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި123 މީހަކު ކޯވިޑް ބަލިން ރަނގަޅުވެފައިވާއިރު މިހާތަނަށް މިބަލިޖެހުނު މީހުންގެ ތެރެއިން ޖުމްލަ 82،432 މީހުންވަނީ ބަލިން އެއްކޮށް ރަނގަޅުވެފައިކަމަށް އެޗްޕީއޭއިން ވިދާޅުވެއެވެ. ބަލި ދެނެގަތުމަށް ރާއްޖޭގެ އެކި ކަންކޮޅުތަކުން ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި 3،893 ސާމްޕަލް ވަނީ ޓެސްޓުކޮށްފައެވެ.