ޚަބަރު

އެމްޑީޕީގެ ވާދަވެރި އިންތިޚާބުގެ ވޯޓުން ނިންމައި ގުނަން ފަށައިފި


އެމްޑީޕީގެ އެތެރޭގެ އެންމެ ބޮޑު އިންތިޚާބުގެ ވޯޓުލުން ނިމި ވޯޓު ގުނަން ފަށައިފިއެވެ.

އެމްޑީޕީގެ ދާއިރާތަކުގެ އިންތިޚާބަކީ މިހާތަނަށް އެޕާޓީން ބާއްވާ އެންމެ ވާދަވެރި އިންތިޚާބެވެ. މިއިންތިޚާބުގެ ވޯޓުލުން ފަށާފައިވަނީ މިއަދު ހެނދުނު 9 ޖެހިއިރުއެވެ. ވަރަށް ފޯރީގައި ކުރިއަށްދިޔަމި އިންތިޚާބުގެ ވޯޓު ލުން ނިމި މިހާރު ދަނީ ވޯޓު ގުނުމުގެ މަސައްކަތެވެ. އަދި ބައެއް ދާއިރާތަކުގެ ނަތިޖާ މިހާރު ވަނީ އިއުލާންކުރަން ފަށާފައެވެ.

އެމްޑީޕީން ބުނީ އިންތިޚާބުގެ ކަންކަން ކުރިއަށްދަނީ ވަރަށް އަމާންކޮށްކަމަށެވެ.

މިއިންތިޚާބުގައި 3 ރަށެއްފިޔަވައި ރާއްޖޭގެ ހުރިހާ ރަށެއްގައިވެސް ވޯޓުލުން ކުރިއަށް ގެންދިޔައެވެ. މާލެ ސިޓީ ހިމެނޭ ސަރަހައްދުގައި ވޯޓުލުން ކުރިއަށްދާނީ 15 ސްކޫލެއްގެ އިތުރުން ސޯޝަލް ސެންޓަރުގައެވެ. ރަށްރަށުގައި ވޯޓުލުން ކުރިއަށްދަނީ އެރަށެއްގެ ސްކޫލްގައެވެ. މި އިންތިހާބުގައި ޕްރޮވިންސްތަކާއި ސިޓީތަކާއި ދާއިރާތަކަށް 455 މީހަކު އިންތިހާބު ކުރުމަށް ހަމަޖެހިފައިވެއެވެ، އިންތިހާބުގެ ވޯޓް ނެގުުމުގެ ކުރީން 165 ކެންޑިޑޭޓަކު ވަނީ ހޮވިފައެވެ. މިބޭފުޅުން ހޮވިފައިވަނީ ކުރިމަތިލާންޖެހޭ އަދަދަށްވުރެއް އިތުރަށް މެމްބަރުން ކުރިމަތި ނުލުމުންނެވެ.

މި އިންތިޚާބުގައި 92،743 މީހުނަށް ވޯޓް ލެވޭނެ ކަމަށް އެޕާޓީން ވަނީ ބުނެފައެވެ. މިއީ ރާއްޖޭގެ ސިޔާސީ ޕާޓީއަކުން މިހާތަނަށް ބާއްވާ އެންމެ ބޮޑު އަދި އެންމެ ވާދަވެރި އިންތިޚާބެވެ.