ޚަބަރު

ފުރަތަމަ ހައި ސްޕީޑު ފެރީ ޓެސްޓުކުރަން މޫދަށް ބާލައިފި


ރާއްޖޭގެ އަތޮޅުތަކުގެ ރަށްރަށް ހައިސްޕީޑް ފެރީގެ ނިޒާމަކުން ގުޅާލުމަށްޓަކައި ބޭނުންކުރާ ފުރަތަމަ ފެރީ ޓެސްޓުކުރުމަށްޓަކައި މޫދަށް ބަލައިފިއެވެ.

އެމްޓީސީސީން ވަނީ "އިންޓަގްރޭޓެޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވޯކް" ގައި ބޭނުންކުރާ މި ފުރަތަމަ އުޅަނދު މޫދަށް ބޭލި ވީޑިއޯ ޢާއްމުކޮށްފައެވެ. އިންޓަރގްރޭޓެޑް ފެރީ ނިޒާމުގެ ޚިދުމަތަށް ބޭނުންވާ ފެރީތައް ބަންނަނީ ގަލްފް ކްރާފްޓާ ޙަވާލުކޮށްގެނެވެ. ޒޯން 1ގެ ޚިދުމަތަށް 17 ފެރީ ބަނުމަށް ހަމަޖެހިފައިވާއިރު މީގެ ފުރަތަމަ ފެރީގެ މަސައްކަތް ނިންމައި ޓެސްޓްކުރުމަށްޓަކައި މިހާރު ވަނީ މޫދަށް ބާލާފައެވެ. އެމްޓީސީސީން ވިދާޅުވީ ފެރީގައި އިންޖީނު އަޅައި މިހަފްތާގެ ތެރޭގައި ޓެސްޓުކުރުންތައް ފެށޭނެ ކަމަށެވެ.

ރާއްޖޭގެ ރަށްރަށް ހައި ސްޕީޑު ފެރީ ނިޒާމަކުން ގުޅާލުމަކީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިހުގެ ވައުދުފުޅެކެވެ.


ރާއްޖޭގެ ރަށްތައް ހައި ސްޕީޑް ފެރީގެ ނިޒާމުން ގުޅާލުމުގެ މަސައްކަތުގެ ދަށުން، ޒޯން އެކެއްގެ ދަތުރުތައް ނޮވެމްބަރު މަހު ފެށުމަށް ވަނީ ހަމަޖެހިފައެވެ. މި ޚިދުމަތުގައި ބޭނުންކުރާ ފެރީތަކަކީ 30 ނޯޓިކަލް މޭލުގެ ބާރުމިނުގައި ދުވާގޮތަށް ހަދާ ފެރީތަކެކެވެ. މިއީ މިހާރު ބޭނުންކުރާ ފެރީތަކަށްވުރެ ހަލުވި ފެރީތަކެކެވެ. ފެރީއެއްގައި އެއްފަހަރާ 50މީހުން އުފުލޭނެއެވެ. މީގެއިތުރަށް ފުރޮޅުލީ ގޮނޑީގައި އުޅޭ މީހުންނާއި، ބަލިމީހުންވެސް ފަސޭހައިން އުފުލޭނެއެވެ.

މި މަޝްރުޢުގައި ރާއްޖޭގެ ސަރަޙައްދުތައް ޖުމްލަ 6 ޒޯނަށްވަނީ ބަހާލާފައެވެ. ޒޯން 1ގައި ހިމެނޭ ހއ، ހދ އަދި ށ. އަތޮޅުގައި މީހުން ދިރިއުޅޭ 40 ރަށް ހިމެނެއެވެ. އެމްޓީސީސީން މިވަގުތު އަންނަނީ މި ރަށްރަށަށް ބޭނުންވާ ފެރީ ޓާމިނަލްގެ މަސައްކަތްތައްވެސް ކުރަމުންނެނެވ.