ޚަބަރު

އައިޔޫއެމްގެ ބައިނަލްއަޤްވާމީ 6ވަނަ މަހާސިންތާ ފަށާއިފި


އިސްލާމިކް ޔުނިވަރސިޓީ އޮފް މޯލްޑިވްސް "އައިޔޫއެމް"އިން ސިލްސިލާކޮށް ބާއްވަމުން އަންނަ ބައިނަލްއަޤްވާމީ އިލްމީ މަހާސިންތާގެ 6 ވަނަ މަހާސިންތާ ފަށައިފިއެވެ. މި ހަރަކާތަކީ އިލްމު ޙިއްސާކޮށް އުނގެނުމަށް ލޯބިކުރާ މުޖުތަމަޢެއް ބިނާކުރުމަށް އައިޔޫއެމްއިން ކުރިއަށްގެންދާ މަހާސިންތާއެކެވެ.

އިލްމީ ކުރިއެރުމާބެހޭ ބައިނަލްއަޤްވާމީ މަހާސިންތާ އައި.ސީ.އައި.އޭއަކީ ދިވެހިރާއްޖޭގަ ބޭއްވާ މިފަދަ ބައިނަލްއަޤްވާމީ އެންމެ ބޮޑު މަހާސިންތާއެކެވެ. މި މަހާސިންތާއަކީ އެކި ދާއިރާތަކުން ކޮށްފަވާ ދިރާސާތަކާ ހޯދުންތަކުގެ އިލްމު ބައިނަލްއަޤްވާމީ ޕްލެޓްފޯމެއްގަ ޙިއްސާކުރުމުގެ މަގު ފަހިކޮށްދިނުމަށް ބާއްވާ ފޯރަމެކެވެ. މިއަހަރުގެ މަހާސިންތާގަ 23 ޤައުމަކުން 300ގާތްކުރާ އަދަދަކަށް ބައިވެރިން ބައިވެރިވެއެވެ. މީގެތެރޭގަ ސިޔާސަތުތަށް އެކުލަވާލުމަށް މަސައްކަތްކުރާ ފަރާތްތަކާ، ތަޢުލީމު ދިނުމުގަ މަސައްކަތްކުރާ ފަރާތްތަކާ ލެކްޗަރާއިންނާ ޕްރޮފެސަރުންގެ އިތުރުން، އެކި ދާއިރާތަކުން ތަޢުލީމު ޙާސިލްކުރަމުންދާ ދަރިވަރުން ބައިވެރިވެއެވެ.

މިއަހަރުގެ އައި.ސީ.އައި.އޭގެ މަހާސިންތާ ފައްޓަވައިދެއްވީ މިނިސްޓަރ އޮފް ހަޔަރ އެޑިއުކޭޝަން ޑރ.އިބްރާޙިމް ޙަސަންއެވެ. މިނިސްޓަރ ވިދާޅުވީ މި ޕްލެޓްފޯމަކީ ގިނަ އާ މަޢުލޫމާތުތަކެއް އުނގެނުމަށް ލިބޭ ފުރުޞަތެއްކަމަށެވެ. އަދި މި ފޯރަމުގެ ސަބަބުން ޤައިމުތަކުގެ ގުޅުން އިތުރަށް ބަދަހިވެ، އިލްމު އުނގެނުމަށް އިތުރު ދޮރުތަށް ހުޅުވިގެންދާކަމަށެވެ.

"އާ ހޯދަންތަކާ އިޖާދުތަކު އަލީގަ، ކުރިމަގުގަ ކަންކަން ބައްޓަންވާންޖެހޭނެގޮތުގެ މުހިންމު މަޢުލޫމާތުތަކެއް ފޯރަމުން އެބަ ލިބިގެންދޭ. މިއީ މަދުން ނޫނީ ނުލިބޭނެ ފުރުޞަތެއް. މި މަޢުލޫމާތުތަކުގެ އަލީގަ ނިންމުންތައް ނިމުމުގަ މުހިންމު މަޢުލޫމާތުތައް އެބަ އެއްކުރެވޭ." މިނިސްޓަރ ވުދާޅުވިއެވެ.

މިފަހަރުގެ ފޯރަމްގަ އެކި ދާއިރާތަކުން 44 ކަރުދާސް ހުށައަޅައެވެ. މި ދާއިރާތަކުގެ ތެރޭގަ ތަޢުލީމު، މެނޭޖްމަންޓް، އިޤްތިސާދާ މާލީ ކަންކަން، ފަތުރުވެރިކަން، ތިމާވެށި އަދި ކޮވިޑް 19ގެ ޙާލަތާގުޅޭ ކަރުދާތައްވެސް މިއަހަރުގެ މަހާސިންތާގަ ހިމެނެއެވެ. އައިޔޫއެމްއިން ވިދާޅުވީ ކޯވިޑް19އާ ގުޅިގެން ތަޢުލީމު ފޯރުކޮށްދިނުމަށް އައި ބަދަލުތަކާ، ފްރަންޓްލައިންގަ މަސައްކަތްކުރާ ސިއްޙީ އެހީތެރިންނަށް ކުރިމަތިވާ ގޮންޖެހުންތަކުގެ އިތުރުން ބަލިމަޑުކަމާއެކު އިގްތިޞާދަށް އައި ބަދަލުގެ މައްޗަށް ބިނާކޮށް ކަރުދާސްތައް ހުށައަޅާނެކަމަށެވެ.

އައި.ސީ.އައި.އޭގެ މި މަހާސިންތާ ކުރިއަށްދާނީ ދެ ދުވަހުގެ މުއްދަތަށެވެ. ފޯރަމްގަ ވަރޗުއަލްކޮށް ބާއްވާ ސެޝަންތައްވެސް ހިމެނެއެވެ.