ކުޅިވަރު

ނޭޕާލުން އޮމާނާއި ދެކޮޅަށް މެޗެއް ކުޅެނީ


މިއަންނަ މަހުގެ އެއްވަނަ ދުވަހު މާލޭގައި ފެށުމަށް ހަމަޖެހިފައިވާ ސާފް ޗެންޕިއަންޝިޕަށް ތައްޔާރުވުމަށް ނޭޕާލުން އޮމާނާއި ދެކޮޅަށް އެކުވެރިކަމުގެ މެޗެއް ކުޅެން ނިންމައިފިއެވެ. އުރީދޫ ސާފް ޗެންޕިއަންޝިޕަށް ތައްޔާރުވުމަށް ނޭޕާލުން މިވަގުތުދަނީ ގަތަރުގައި ކޭންޕް ކުރަމުންނެވެ. ނޭޕާލުން އޮމާންއާއި ދެކޮޅަށް މެޗް ކުޅުމަށް ހަމަޖެހިފައިވަނީ މާދަމާއެވެ. މިމެޗަށް ނޭޕާލް ނިކުންނައިރު، އޮމާނަކީ މެދުއިރުމަތީގެ ފުޓްބޯޅައިގެ ވަރުގަދަ ބާރެކެވެ. މިވަގުތު ފިފާ ރޭންކިންގައި އޮމާން އޮތީ ދުނިޔޭގެ 78ވަނަގައެވެ.

މިމުބާރާތަށް ތައްޔާރުވުމަށް ނޭޕާލުން ވަނީ އިންޑިޔާއާއި އެއްކޮށް ވެސް އެކުވެރިކަމުގެ ދެ މެޗް ކުޅެފައެވެ. އެގޮތުން ފުރަތަމަ މެޗް 1 ލަނޑު 1 ލަނޑުން އެއްވަރުވިއިރު، ދެވަނަ މެޗުން އިންޑިޔާ މޮޅުވީ 2 ލަނޑު 1 ލަނޑުންނެވެ. ނޭޕާލުން އުރީދޫ ސާފް ޗެންޕިއަންޝިޕަށް ތައްޔާރުވުމަށް ގަތަރުގައި ކޭންޕް ކުރަމުންދާއިރު، އެގައުމުން ވަނީ ގަތަރުގެ ދެ ވަނަ ޑިވިޝަންގެ ކްލަބް އަލް ބިދާ ސްޕޯޓްސް ކްލަބާ ދެކޮޅަށް ކުޅެ އެމެޗް ކާމިޔާބުކޮށްފައެވެ. ނޭޕާލުން މެޗް ކާމިޔާބުކޮށްފައިވަނީ 2 ލަނޑު 0 ލަނޑުންނެވެ. ނޭޕާލަށް މިވަގުތު އިރުޝާދު ދެމުންދަނީ ކުވެއިތުގެ ކޯޗެއްކަމަށްވާ ޢަބްދުﷲ އަލް މުތައިރީއެވެ.

އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހު މާލޭގައި ފެށުމަށް ހަމަޖެހިފައިވާ އުރީދޫ ސާފް ޗެންޕިއަންޝިޕްގައި ވާދަކުރާ ނޭޕާލް ޓީމުން މުބާރާތުގައި ކުޅޭ ފުރަތަމަ މެޗްގައި ވާދަކުރާނީ ރާއްޖެއާއި ދެކޮޅަށެވެ. ފުރަތަމަ މެޗްގައި ރާއްޖެއާއި ނޭޕާލުން ވާދަކުރާއިރު، މިވަގުތު ރާއްޖެއިންވެސް ދަނީ ގަތަރުގައި ކޭންޕް ކުރަމުންނެވެ. ނޭޕާލުން މިމުބާރާތުގައި ކުޅޭ ދެ ވަނަ މެޗުގައި އަންނަ މަހު 4ވަނަ ދުވަހު ނުކުންނާނީ ލަންކާއާ ދެކޮޅަށެވެ. ތިން ވަނަ މެޗުގައި 10 ވަނަ ދުވަހު ކުޅޭނީ އިންޑިއާއި ދެކޮޅަށެވެ. އަދި ލީގު ބުރުގެ ފަހު މެޗުގައި ނާޕާލް ވާދަކުރާނީ އަންނަ މަހު 13 ވަނަ ދުވަހު ބަންގްލަދޭޝްއާއި ދެކޮޅަށެވެ.

މިމުބާރާތުގައި ވާދަކުރާ ސްރީލަންކާއިން ވެސް ގަތަރުގައި ކޭންޕް ކުރުމަށް މަސައްކަތް ކުރިއެވެ. ނަމަވެސް، ލަންކާގެ ކޯވިޑް-19ގެ ހަލަތާއި ގުޅިގެން އެގައުމު ޓީމަށް ގަތަރަށް އެތެރެވުމަށް ވިސާއެއް ނުލިބުނެވެ. އެހެންކަމުން ލަންކާއިން ފަހުން ކޭންޕުކޮށްފައި ވަނީ ސަޢުދިއަރަބިއްޔާ ގައެވެ.