ކުޅިވަރު

އޭޝިއަން ޓޭބަލް ޓެނިސް ޗެމްޕިއަންޝިޕްގައި ވާދަކުރަން ގައުމީ ޓީޓީ ޓީމް ގަތަރަށް


އޭޝިއަން ޓޭބަލް ޓެނިސް ޗެމްޕިއަންޝިޕްގައި ވާދަކުރަން ގައުމީ ޓޭބަލް ޓެނިސް ޓީމު ގަތަރަށް ފުރައިފިއެވެ. އޮކްޓޯބަރު މަހުގެ 5ވަނަ ދުވަހު ގަތަރުގައި ކުރިއަށްދާ މިމުބާރާތުގައި ވާދަކުރުމަށް ރާއްޖެއިން ފުރާފައިވަނީ 8 ކުޅުންތެރިންނެވެ. އެއީ 4 އަންހެން ކުޅުންތެރިންނާއި 4 ފިރިހެން ކުޅުންތެރިންނެވެ. ގަތަރަށް ފުރާފައިވާ 4 އަންހެން ކުޅުންތެރިންނަކީ ފުރަތަމަ ފަހަރަށް ބައިނަލްއަގުވާމީ މި ފެންވަރުގެ މުބާރާތެއްގައި ވާދަކުރާ އުމުރުން 13 އަހަރުގެ މިޝްކާ މުޙައްމަދު އިބްރާހިމާއި ފާޠިމަތު ދީމާ ޢަލީ، އައިޝަތު ރަފާ ނާޒިމް އަދި ލައިޝާ ފަތުހުﷲއެވެ. ފިރިހެން 4 ކުޅުންތެރިންނަކީ އަކްޔާލް، މޫސާ މުންސިފް، ޝައްފާން އިސްމާއިލްގެ އިތުރުން ޒީސްތު ނަސީމްއެވެ. މިމުބާރާތަށް ތައްޔާރުވުމަށް ގައުމީ ޓީމުގެ ފަރިތަކުރުންތައް ކުރިއަށް ގެންދާތާ މަހެއްހާދުވަސް ވަނީ ވެފައެވެ. ނަމަވެސް ކޯވިޑް-19އާއި ގުޅިގެން ގައުމީ ޓީމުގެ ފަރިތަކުރުންތަކަށް ވެސް ވަނީ ހުރަސްއެޅިފައެވެ.

ޓޭބަލް ޓެނިސް އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން ބޭނުންވަނީ މިއަންނަ އަހަރު ދެކުނު އެފްރިކާގައި ބޭއްވުމަށް ހަމަޖެހިފައިވާ ވޯލްޑް ޓޭބަލް ޓެނިސް ޗެމްޕިއަންޝިޕަށް ކޮލިފައިވުމެވެ. ކޯވިޑް-19އާއި ގުޅިގެން މިދިޔަ އަހަރާއި މިއަހަރުގެ މިހާތަނަށް ވެސް ޓީޓީ ޓީމް އެއްވެސް މުބާރާތެއްގައި ވާދަކޮށްފައި ނުވެއެވެ. މިއީ ކޯވިޑް-19އަށް ފަހު ޓީޓީ ޓީމް ވާދަކުރާ ފުރަތަމަ މުބާރާތެވެ. އެންމެ ފަހުން ގައުމީ ޓީޓީ ޓީމް ވާދަކޮށްފައިވަނީ 2019ވަނަ އަހަރު ނޭޕާލްގައި ކުރިއަށްދިޔަ ސައުތް އޭޝިއަން ގޭމްސްގައެވެ. އަދި މާލޭގައި ބޭއްވުމަށް މަސައްކަތް ކުރި ބައިނަލްއަގުވާމީ ދެ މުބާރާތްވެސް މިހާރުވަނީ މިއަންނަ އަހަރަށް ފަސްކޮށްފައެވެ.