ޚަބަރު

ގެބްރިޔޭސުސް މަޤާމުގައި ދެމިހުންނެވުމުގެ ފުރުޞަތު ބޮޑުވެއްޖެ


ދުނިޔޭގެ ޞިއްޙަތު ޖަމުޢިއްޔާގެ ސެކެޓުރީ ޖެނެރަލްގެ މަޤާމުގައި އިތުރު ދަޢުރަކަށް ޓެޑްރޮސް އަދަނޮމު ގެބްރިޔޭސުސް ދެމިހުންނެވުމުގެ ފުރުޞަތު ބޮޑުވެއްޖެއެވެ.

2017ވަނަ އަހަރުގެ ޖުލައި މަހުގެ ތެރޭގައި ދުނިޔޭގެ ޞިއްޙަތު ޖަމުޢިއްޔާގެ ސެކެޓުރީ ޖެނެރަލްގެ މަޤާމަށް ވަޑައިގެންނެވި ގެބްރިޔޭސުސް އެ މަޤާމުގައި ބެހެއްޓުމަށް ވިލާތުގެ 17 ޤައުމަކުންވަނީ ތާޢީދުކޮށްފައެވެ. އަދި އެހެން ބޭފުޅަކު އެ މަޤާމަށް ވަޑައިގެންނެވުމަށް މިހާތަނަށް ޝައުޤުވެރިކަން ފައުޅުކުރައްވައިފައެއް ނުވެއެވެ. އެއާއެކު އަންނަ މެއި މަހުގެ ތެރޭގައި ބާއްވައި އިންތިޚާބުގައި ގެބްރިޔޭސުސް ވާދަކުރައްވާނީ ގިނިކަންޏާކަމަށް ބެލެވެއެވެ. އަދި ގެބްރިޔޭސުސްސަށް އިތުރު ދަޢުރެއް ދިނުމަށް އެމެރިކާއިން ދެކޮޅުހަދާފައެއްވެސް ނުވެއެވެ.

ދުނިޔޭގެ ޞިއްޙަތު ޖަމުޢިއްޔާގެ ސެކެޓުރީ ޖެނެރަލްގެ މަޤާމަށް އެހެން ބޭފުޅަކު ވަޑައިގެންނެވުމަށް ޝައުޤުވެރިކަން ފައުޅުނުކުރެއްވި ނަމަވެސް ގެބްރިޔޭސުސްގެ ނަން ވޯޓަށް އަހަންޖެހޭނެއެވެ. ދުނިޔެއަށް ކުރިމަތިވެފައިވާ ކޯވިޑް-19ގެ ޙާލަތާ ކުރިމަތިލެއްވުމަށް ގެބްރިޔޭސުސްވަނީ ވަރަށް ބުރަ މަސައްކަތްތަކެއް ކުރައްވައިފައެވެ. އަދި އެއީ އޭނާއަށް ދެވަނަ ދަޢުރެއް ލިބިވަޑައިގަންނަވާނެ އެންމެ މައިގަނޑު ސަބަބުކަމަށްވެސް ބެލެއެވެ.

އިތިއޯޕިޔާއަށް އުފަންވެވަޑައިގެންނެވި ޢުމުރުފުޅުން 56 އަހަރުގެ ގެބްރިޔޭސުސްވަނީ 2005ވަނަ އަހަރުން 2012ވަނަ އަހަރަށް އެ ޤައުމުގެ ޚާރިޖީ ވަޒީރުކަމާއި 2012ވަނަ އަހަރުން 2016ވަނަ އަހަރަށް އެ ޤައުމުގެ ޞިއްޙަތާބެހޭ ވަޒީރުކަން ކުރައްވައިފައެވެ.