ޚަބަރު

ބޭނުންޖެހޭ ޙާލަތުގައި ދަރަނި ނެގިޔަސް، ދަރަނި އަދާކުރަން އަވަސްވެގަންނަންޖެހޭ: ޚުޠުބާ


ކޮންމެހެން ބޭނުންޖެހޭ ޙަލަތްތަކުގައި ދަރަންޏަށް ފައިސާ ނެގުމަކީ ހުއްދަކަމެއްކަމުގައިވީނަމަވެސް ދަރަނި އަދާކުރުމަށް އަވަސްވެގަތުމަށް ހުކުރު ޚުޠުބާގައި ނަސޭޙަތްތެރިވެއްޖެއެވެ.

މިއަދުގެ ހުކުރު ޚުޠުބާގައި އަލިއަޅުވާލާފައިވަނީ އިޤްތިޞާދުކުރުމާއި އިސްރާފުކުރުން ކުޑަކުރުމުގެ މައްޗަށެވެ.

އިސްލާމްދީނުގައި އެކަކު އަނެކެއްގެ ބޭނުން ފުއްދައިދިނުމަށް ބާރުއަޅުއްވާ މިންވަރު ބަޔާންކުރައްވަމުން ހުކުރު ޚުޠުބާގައިވަނީ ބޭނުންޖެހިފައިވާ ޙާލަތްތަކުގައި ދަރަނިނެގުން ހުއްދަކަމަށް ވިދާޅުވެފައެވެ. އެހެންނަމަވެސް ދަރަނި އަދާކުރުމަށް އަވަސްވެގަތުމުގެ މުހިއްމުކަން ޚުޠުބާގައިވަނީ ފާހަގަކުރައްވާފައެވެ. ދުނިޔޭގައި ލިބެނީ ކަނޑައެޅިގެންވާ ވަކި މުއްދަތަކަށްވާއިރު އެމީހެއްގެ އަޖަލު ޖެހޭއިރު ދަރަނި އަދާނުކޮށް ތިބުމަކީ ނުރައްކާތެރިކަން ބޮޑުކަމެއްގެ ގޮތުގައި ޚުޠުބާގައިވަނީ ބަޔާންކުރައްވާފައެވެ.

އިސްލާމް ދީނުގައި އިޤްތިޞާދުކުރުމަށާއި އިސްރާފު ކުޑަކުރުމަށް ބާރުއަޅުއްވާފައިވީނަމަވެސް މުޖުތަމަޢުގެ ތެރެއިން ދީނާ ބީރައްޓެހި ބައެއް އާދަތައް ފެންނަމުންދާކަމަށް ހުކުރު ޚުޠުބާގައިވަނީ ފާހަގަކުރައްވާފައެވެ. އެހެންނަމަވެސް ލިބޭ މިންވަރުން ޚަރަދުތައް ބެލެހެއްޓުމަކީ އިސްލާމީ އިޤްތިޞާދުގެ މުހިއްމު އަސާސެއްކަމަށް ހުތުބާގައި ވިދާޅުވިއެވެ. އަދި ޚަރަދުކުރުމުގައި މެދުމިން ޚިޔާރުކުރުމުގެ މުހިއްމުކަން ބަޔާންކޮށް ޚުޠުބާގައި ވިދާޅުވީ ދުނިޔޭގެ ކުރިއަރާފައިވާ ޤައުމުތަކުން އެހިސާބަށް ދިޔުމުގައި ބޭނުންކުރީ އިސްލާމީ މިއަސާސްކަމަށެވެ.

"ތިމާއަށް ލިބޭ އެއްޗަކުން ދިރިއުޅުމުގެ ޚަރަދުތައް ފޫނުބެއްދޭނަމަ، ކޮންމެހެން ބޭނުންޖެހިއްޖެ ޙާލަތެއްގައި، ތިމާގެ ބޭނުންތައް ފުއްދުމަށްޓަކާ ދަރަންޏަށް ފައިސާ ނެގުމަކީ ހުއްދަކަމެއް. އެހެންނަމަވެސް ދަރަނި އަދާކުރުމުގައި އަވަސްވެގަންނަންޖެހޭ. ދުނިޔޭގައި ހުންނަ ވަގުތު ކަނޑައެޅިފައިވާއިރު އަބަދުވެސް ހުންނަންވާނީ މީހުންގެ ޙައްގުތައް އަދާކޮށް ދަރަނިއަދާކޮށްގެން. އެހެންނޫނީ އެއީ ވަރަށް ނުރައްކާކަމެއް." ހުތުބާގައި ވިދާޅުވިއެވެ.

ހުކުރު ޚުޠުބާގައިވަނީ އިޤްތިޞާދުކުރުމަށް ޒުވާނުން ހޭލުންތެރިކުރުވުމުގެ މުހިއްމުކަންވެސް ބަޔާންކޮށްދެއްވާފައެވެ. އަދި އެކަމުގައި މައިންބަފައިންނާއި ކަމާބެހޭ ފަރާތްތަކުގެ ޒިންމާއާއި ޒުވާނުންނަށް ރަނގަޅު ނަމޫނާ ދެއްކުމުގެ މުހިއްމުކަން ވަނީ ކިޔާދެއްވާފައެވެ.

ކޯވިޑްގެ ނުރައްކަލާއެކު އަމިއްލަ ދިރިއުޅުމުގައި މާލީގޮތުން ހުރި ދަތިތަކާއި މުޅި އިޤްތިޞާދަށް ގިނަ ގޮންޖެހުންތަކެއް ކުރިމަތިވެފައިވާ މިދަނޑިވަޅުގައި އިޤްތިޞާދުކޮށް ފަހަށް ރައްކާކުރުމުގެ މުހިއްމުކަން ޚުޠުބާގައި ފާހަގަކުރައްވާ އެކަންކުރުމަށް ވަނީ ނަސޭޙަތްތެރިވެފައެވެ. އަދި މިފަދަ ޙާލަތްތަކުގައި މުސްލިމުންގެ ޢަގީދާ މުހިއްމު ދައުރެއް އަދާކުރާކަން ފާހަގަކުރައްވާ ދީނީކަންކަމަށް ފަރުވާތެރިވުމަށް ހުތުބާގައި ވަނީ ހަނދާންކޮށްދެއްވާފައެވެ.