ކުޅިވަރު

ކޭންޕުގެ ސަބަބުން ޓީމަށް ބޮޑު ބަދަލްތަކެއް އައިސްފި - ސުޒޭން


މާލެއިން ފުރިއިރަށް ވުރެއް ގައުމީ ޓީމުގެ ރޫހު ވަރަށް ބޮޑުތަން މިހާރު ރަނގަޅުކަމަށް ގައުމީ ކޯޗް ޢަލީ ސުޒޭން ބުނެފިއެވެ. މިއަންނަ މަހު މާލޭގައި ފެށުމަށް ހަމަޖެހިފައިވާ އުރީދޫ ސާފް ޗެންޕިއަންޝިޕަށް ތައްޔާރުވުމަށް ގައުމީ ޓީމު މިހާރުދަނީ ގަތަރުގައި ކޭންޕް ކުރަމުންނެވެ. މިމުބާރާތަށް ތައްޔާރުވުމަށް ގަތަރުގައި ކޭންޕް ކުރުމަށް ގައުމީ ޓީމް ފުރަން އެއް ދުވަހަށްވެފައި އޮއްވާ ކޯޗް ޢަލީ ސުޒޭން ކޯވިޑް-19އަށް ޕޮޒިޓިވްވުމުންނެވެ. ކޯވިޑުން ރަނގަޅުވެގެން ސުޒޭން މިހާރު ޓީމާއި ގުޅިފައިވާއިރު، ސުޒޭންވަނީ ޓީމްގެ ރޫހު ކުރިއަށް ވުރެއް ރަނގަޅުކަން ފާހަގަކޮށްފައެވެ.

ގައުމީ ކޯޗް ސުޒޭން ބުނީ ޓީމުގެ ކުޅުންތެރިންނަށް ވަރަށް ބޮޑު އިމްޕްރޫވްމަންޓެއް އައިސްފައިވާކަމަށާއި ޓީމުގެ މުހިންމު ކުޅުންތެރިންގެ ފަރާތުން އެކަން ވަރަށް ބޮޑަށް ފެންނަމުންދާކަމަށެވެ. އަދި ކޭންޕުގައި މިވީ 10ވަރަކަށް ދުވަހުގެ ތެރޭގައި ވަރަށް ރަނގަޅު މަސައްކަތްތަކެއް ކުރެވިގެންދިޔަކަން ސުޒޭން ވަނީ ފާހަގަކޮށްފައެވެ. ގައުމީ ޓީމު ގަތަރުގައި ކޭންޕް ކުރަމުންދިޔައިރު، ސުޒޭން ދިއުމާއި ހަމައަށް މިހާތަނަށް ގައުމީ ޓީމުގެ ފަރިތަކުރުންތައް ކުރިއަށްގެންގޮސްފައިވަނީ އެސިސްޓެންޓް ކޯޗް އިސްމާޢީލް މަހުފޫޒްގެ ބެލުމުގެ ދަށުންނެވެ. ޓްރެއިނިން ކޭމްޕްގައި އެންމެ ފުރަތަމަ ރާއްޖެއިން ތިން މެޗެއް ކުޅެން ހަމަޖެހުނުއިރު، ސްރީ ލަންކާއާ ދެކޮޅަށް ކުޅެން ރޭވި މެޗު ކެންސަލްވީ ގަތަރުގެ ވިސާ ނުލިބިގެން ލަންކާއަށް ނާދެވުމުންނެވެ. ގައުމީ ޓީމުން ޓްރެއިނިން ކޭމްޕްގައި ކުޅުނު ފުރަތަަމަ މެޗުން މިދިޔަ އަންގާރަ ދުވަހުގެރޭ ވަނީ 4 ލަނޑު 3 ލަނޑުން ގަތަރުގެ ދެ ވަނަ ޑިވިޝަންގެ ލުސައިލް އެފްސީ ބަލިކޮށްފައެވެ.

މެޗަށް އިޝާރާތްކޮށް ވާހަކަދައްކަމުން ކޯޗް ސުޒޭން ބުނީ މެޗުގައި ވަރަށް ގިނަ ރަނގަޅު ކަންތައްތަކެއް ފެނިގެންދިޔަކަމަށާއި އަދި ރަނގަޅު ކުރަންޖެހޭ ވަރަށް ގިނަ ކަންތައްތައް ވެސް ފާހަގަވެގެންދިޔަކަމަށެވެ. ސުޒޭން ބުނީ ގަތަރުގެ ޓްރެއިނިންގް ކޭންޕްގެ ސަބަބުން ޓީމަށް ބޮޑު ފައިދާއެއް ކުރާކަމަށެވެ. މި ފަަހަރުގެ ސާފް ޗެމްޕިއަންޝިޕްގައި ވާދަކުރާ ގައުމުތަކަކީ ރާއްޖެ އާއި އިންޑިއާ، ބަންގްލަދޭޝް، ނޭޕާލް އަދި ސްރީލަންކާއެވެ. މިމަހުގެ އެއްވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވާ އުރީދޫ ސާފް ޗެންޕިއަންޝިޕް ކުރިއަށްދާނީ ލީގް އުސޫލުންނެވެ. 5 ގައުމުގެ މެދުގައި ލީގް ބުރެއް ކުޅުމަށްފަހު، ފައިނަލަށް ދަނީ އެންމެ ގިނަ ޕޮއިންޓް ހޯދާ ދެ ޓީމެވެ.