ޚަބަރު

ފްލައި ޕާސްޓް ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފި


ބައިނަލްއަޤްވާމީ މަދަނީ ވައިގެ
ދަތުރުފަތުރުގެ ދުވަހާއި ގުޅިގެން މަތިންދާބޯޓުތަކުގެ ހިތްގައިމު ހަރަކާތްތަކެއް
ދައްކާލައިފިއެވެ.



ރާއްޖޭގައި އަލަށް ދައްކާލި
މިމަންޒަރު ބަލާލުމަށް ގިނަ ބަޔަކު އެސަރަޙައްދަށް ގޮސްފައިވެއެވެ. ބައިނަލްއަޤްވާމީ މަދަނީ ވައިގެ
ދަތުރުފަތުރުގެ ދުވަހާއި ގުޅިގެން ސިވިލް އޭވިއޭޝަން އޮތޯރިޓީ އާއި ރާއްޖޭގެ 3
ފްލައިޓް އޮޕަރޭޓަރުންގެ ފްލައިޓްތައް ބޭނުންކޮށްގެން ކުރިއަށްގެންދިޔަ، ފްލައި ޕާސްޓް ޙަރަކާތަކީ މަތިންދާބޯޓުތައް ޢާއްމުކޮށް
ދަތުރުކުރާ ވަރަށްވުރެ ތިރިން އެއް ފަހަރާ ގިނަ މަތިންދާބޯޓުތަކެއް ދަތުރުކުރުމެވެ.



މިޙަރަކާތުގައި މޯލްޑިވިއަން،
ޓީއެމްއޭ އަދި ވިލާ އެއަރގެ ފްލައިޓްތަކުން މާލޭގެ ދެކުނު ފަރާތުގައި
ބޮޑުތަކުރުފާނު މަގަށް ފެންނަ ހިސާބުގައި 8 މަތިންދާބޯޓުގެ ހަރަކާތްތައް
ދައްކާލާފައިވެއެވެ.



ޢާއިލާތަކަށް ހިތްގައިމު ރީތި
މަންޒަރުތަކަކާއެކު އުފާވެރި ވަގުތުކޮޅެއް ހޭދަކުރުމުގެ ފުރުޞަތު ދިނުމުގެ
މަޤުޞަދުގައި ސިވިލް އޭވިއޭޝަން އޮތޯރިޓީއާއި އޭވިއޭޝަން ސިނާޢަތުގައި
ހަރަކާތްތެރިވާ ފަރާތްތައް ގުޅިގެން ބޭއްވި ފްލައިޕާސްޓް ޙަރަކާތްތަށް ބަލާލުމަށް
އެސަރަޙައްދަށް ގިނަ ފަރާތްތަކުން ވަނީ ގޮސްފައެވެ. ރާއްޖޭގައި ފުރަތަމަ ފަހަރަށް
ކުރިއަށްގެންދިޔަ މިޙަރަކާތަކީ ގިނަ ބައެއް ޝަޢުޤުވެރިވި ހަރަކާތަކެވެ.



ބައިނަލްއަޤްވާމީ މަދަނީ ވައިގެ
ދަތުރުފަތުރުގެ ދުވަހުގެ ގޮތުގައި ފާހަގަކުރަނީ ޑިސެމްބަރު މަހުގެ ހަތްވަނަ ދުވަހެވެ.



މި އަހަރުން ފެށިގެން 2018 ވަނަ
އަހަރަށް އައިކާއޯ އިން ކަނޑައަޅާފައިވާ ޝިއާރަކީ "އެއްވެސް ގައުމެއް ބާކީ
ވިޔަނުދިނުމަށް ގުޅިގެން މަސައްކަތް ކުރުން،" މިޝިއާރެވެ.