ޚަބަރު

ފ.ނިލަންދޫގައި ކުޑަކުދިންނަށް ޚާއްސަ ގެއެއް ތަރައްޤީކުރަން ހުޅުވާލައިފި


ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ކުދިން ބޭއްތިއްބުމަށްޓަކާއި ފ.ނިލަންދޫގައި ޤާއިމުކުރާ ޚާއްސަ ޗިލްޑްރެންސް ހޯމް ތަރައްޤީކޮށްދޭނެ ފަރާތެއް ހޯދުމަށް ހުޅުވާލައިފިއެވެ.

މިއީ ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި ކުދިންނަކީ މުޖުތަމަޢުގެ ބައިވެރިވުމާއެކު ބޮޑެތިވާ ކުދިންނަށް ހެދުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން ކުރިއަށްގެންދާ މަޝްރޫޢުއެކެވެ.

ފ.ނިލަންދޫގައި ކުޑަކުދިންނަށް ޚާއްސަ ގެއެއް ތަރައްޤީކުރުމަށް ޝައުގުވެރިވާ ފަރާތެއް ހޯދުމަށް ފިނޭންސް މިނިސްޓްރީން ނެރުނު އިއުލާނުގައި ވިދާޅުވީ މިނިސްޓްރީ އޮފް ޖެންޑަރ ފެމިލީ އެންޑް ސޯޝަލް ސަރވިސްއިން ފ. ނިލަންދޫގައި ޤާއިމުކުރުމަށް އެދޭ ކުޑަކުދިންނަށް ޚާއްސަ ގެއެއް ޢިމާރާތްކުރުމަށް ޝައުފުވެރިވާ ފަރާތްތަކުން އަންނަ މަހުގެ 12 ވަނަ ދުވަހާއި ހަމައަށް އެކަމަށް ކުރިމަތިލުމަށް ހުޅުވާލާފައިވާކަމަށެވެ.

މިމަޝްރޫޢޫ ކުރިއަށްގެންދިޔުމަށް މިއަހަރުގެ ބަޖެޓުގައި ވަނީ 4.2 މިލިއަނަށްވުރެ ގިނަ ރުފިޔާ ހިމަނާފައެވެ. މިމަޝްރޫޢޫ އަންނަ އަހަރުގެ ތެރޭގައި އެއްކޮށް ނިންމުމުގެ މަސައްކަތް ކުރަމުންދާކަމަށް ސަރުކާރުން ހާމަކުރައްވައެވެ.

ޖެންޑަރ މިނިސްޓްރީން ގެންދަވަނީ މާލެ ސަރަޙައްދުގައި ހުރި ކުޑަކުދިންގެ ހިޔާތައް ބަންދުކޮށް އެތަންތަނުގައި ތިބޭ ކުދިންނަށް މުޖުތަމަޢާއި ގާތުން ޢާއިލާތަކާއެކު އުޅެވޭނެ ފަދަ މާހައުލެއް ޤާއިމުކުރުމަށް މަސައްކަތްކުރަމުންނެވެ. ދައުލަތުގެ ބެލުމުގެ ދަށުން ބަލަމުންދާ ކުދިންނަކީ މުޖުތަމަޢުގެ އަޅާލުމާއި ލޯބި ލިބިގެން ބޮޑެތިވާ ކުދިންނަށް ހެދުމަށް ކުރަމުން އަންނަ މަސައްކަތުގެ ދަށުން ރާއްޖޭގެ އެކި ރަށްރަށުގައި އަމާން ވެށިތައް ޤާއިމުކުރުމުގެ މަސައްކަތް ޖެންޑަރ މިނިސްޓްރީން އަންނަނީ ކުރަމުންނެވެ.

އެގޮތުން ބ.އޭދަފުށީގައި ޤައިމުކޮށްފައިވާ އަމާންވެއްޓަށް 18 ކުއްޖަކު ވަނީ ބަދަލުކޮށްފައެވެ. އަދި ށ. ފުނަދޫގައި ހުންނަ އަމާންވެއްޓަށް 16 ކުދިން އަދި ފުވައްމުލަކު އަމާންވެށީގައި އަންނަނީ 16 ކުދިން ބަލަހައްޓަމުންނެވެ. މީގެއިތުރުން އައްޑޫގައިވެސް މިފަދަ މަރުކަޒެއް ތަރައްޤީކުރުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.