ޚަބަރު

އެމް.އެން.ޑީ.އެފުން ކުޑަކުދިންގެ ހަވީރެެއް ބާއްވައިފި


މިއަހަރުގެ ޤައުމީ ދުވަސް ފާހަގަކުރުމަށްޓަކައި "ސިފަ ހަވީރު" ގެ ނަމުގައި އެމް.އެން.ޑީ.އެފުން ކުޑަކުދިންގެ ހަވީރެއް ބާއްވައިފިއެވެ. މިއަދު ހަވީރު ޖުމްހޫރީ މައިދާން ސަރަހައްދުގައި ބޭއްވި މިހަވީރު ފައްޓަވައި ދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފާތުމަތު އިބްރާހީމެވެ. މި ހަވީރުގައި ކުޑަކުދިންނަށް ޚާއްސަ ތަފާތު ކުޅިވަރުތައް އެމް.އެން.ޑީ.އެފުން އިންތިޒާމުކޮށްފައިވެއެވެ. އެމް.އެން.ޑީ.އެފުން ބުނީ މި ހަވީރަކީ ކުޑަކުދިންގެ ހިތްތަކުގައި ޤައުމީ ރޫޙް އަށަގަންނުވާ އާލާ ކުރުމަށްޓަކައި ކުރިއަށްގެންދިޔަ ހަވީރެއްކަމަށެވެ. މިހަވީރު ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ޑިފެންސް މިނިސްޓަރ އާދަމް ޝަރީފް އުމަރު ވިދާޅުވީ ޤައުމީ ކޮންމެ ކަމެއްގައިވެސް ދިވެހި ސިފައިން ތިއްބަވަނީ އެންމެ ކުރީ ސަފުގައި މަސައްކަތް ކުރުމަށް އަތުކުރި އޮޅާލައިގެން ކަމަށެވެ. އަދި މިއީ ޒަމާނުންސުރެ ދިވެހިސިފައިންގެ ރޫޙް ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މިހަވީރުގެ ތެރެއިން ކުރިއަށްގެންދިޔަ ހަރަކާތްތަކުގެ ތެރޭގައި ދިވެހި ސިފައިން ބޭނުންކުރައްވާ އެކި ޔުނީފޯމުތައް ދައްކައިލުމާއި، ކުޑަކުދިންނަށް ސިފައިންގެ ޔުނީފޯމުގައި ފޮޓޯ ނެގުމުގެ ފުރުސަތުވެސް ވަނީ ދެއްވާފައެވެ. މީގެ އިތުރުން މިއުޒިކާއި އެކި ކަހަލަ ކުޅިވަރުގެ ހަރަކާތްތައްވެސް ވަނީ ކުރިއަށްގެންގޮސްފައެވެ. މި ހަވީރު މާދަމާ ހަވީރު ވެސް ޖުމްހޫރީ މައިދާނުގައި ކުރިއަށްދާނެއެވެ.