ޚަބަރު

ދިގު މުއްދަތުގެ ބޭސް ސިޓީއަށް ދެން ބޭސް ދޫކުރަނީ އެއް ފަހަރު

އެކިއެކި ބަލިބައްޔާ ގުޅިގެން ދިގު މުއްދަތަަށް ބޭސް ކާ މީހުންގެ ބޭސް ސިޓީއަށް އަންނަ މަހުން ފެށިގެން ބޭސް ދޫކުރާނީ ކޮންމެ ސިޓީއަކަށް 1 ފަހަރުކަމަށް އާސަންދައިން ނިންމަވައިފިއެވެ.

ރާއްޖޭގައި ކޯވިޑް-19ގެ ޙާލަތު ގޯސްވުމުން ޢާއްމުންނަށް ފަސޭހަ ކޮށްދިނުމަށްޓަކައި، ދިގު މުއްދަތަކަށް ބޭސް ކާ މީހުންގެ ބޭސް ސިޓީއަށް ދެފަހަރު ބޭސް ނެގޭގޮތަށް މިދިޔަ އަހަރު އާސަންދައިން އުސޫލެއް އެކުލަވާލިއެވެ.

ނަމަވެސް މިހާރު އެ އުޞޫލަށް ބަދަލުގެނެސް އަންނަ މަހުން ފެށިގެން ދެވަނަ ފަހަރަށް ބޭސް ނެގޭނީ ޑޮކްޓަރު އަލުން ބޭސް ސިޓީއެއް ލިޔެދިނުމުން ކަމަށް އާސަންދައިން ވިދާޅުވެއެވެ.

މީގެ އިތުރުން މިދިޔަ އަހަރު ބަދަލު ކުރި އުސޫލުތަކުގެ ތެރޭގައި އުފަންވާ ކުދިންނަށް 28 ދުވަސް ވުމަށް ފަހު ވެސް މަންމަގެ އައިޑީކާޑުން ޚިދުމަތް ދެވޭނެގޮތް ހަމަޖެއްސިނަމަވެސް އަންނަ ނޮވެމްބަރުން ފެށިގެން އެއުސޫލަށް ބަދަލުގެނެސް އެކުއްޖާއަށްވެސް އާސަންދަ ސްކީމްގެ ދަށުން ޚިދުމަތް ލިބޭނީ ކުއްޖާގެ އައިޑީކާޑަށްކަމަށެވެ.

ޚިދުމަތް ހޯދާއިރު އައިޑީކާޑުފަދަ ތަކެތީގެ ކޮޕީއާއި ފޮޓޯއަށް އާސަންދައިގެ ދަށުން ޚިދުމަތް ދިންނަމަވެސް އެ ކުންފުނީގެ އުސޫލަކީ އެތަކެތީގެ އަސްލު ގެންދިއުމުން ޚިދުމަތް ދިނުންކަމަށް އާސަންދައިން ވިދާޅުވެއެވެ. އެހެންކަމަށް އާސަންދައިގެ ޚިދުމަތް ހޯދާ ފަރާތްތައް އައިޑިކާޑު ނުވަތަ ޚިދުމަތް ލިބޭ އެހެނިހެން ކާޑުތަކުގެ އަސްލު ދެއްކުމަށް އެކުންފުނިން އިލްތިމާސްކުރައްވައެވެ.

އާސަންދައިން އަންނަނީ އެ ކުންފުނީގެ ޚިދުމަތް މެދުނުކެނދި ދިނުމަށް ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. މިގޮތުން ކޯވިޑްގެ ފުރަބަންދުގައިވެސް ރައްޔިތުންނަށް ލުއިފަސޭހަކޮށް ހުއްޓުމެއްނެތި ޚިދުމަތްތައް ވަނީ ދީފައެވެ. އާސަންދަ ކުންފުނިން ވިދާޅުވީ މިއަހަރުގެ ފުރަތަމަ 7 މަސް ދުވަހުގެ ތެރޭގައި 3 ލައްކައަށްވުރެ ގިނަ މީހުން އާސަންދަ ސްކީމުން ޚިދުމަތް ހޯދާފައިވާކަމަށެވެ. އަދި 1.2 ބިލިއަން ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ.

އާސަންދަ ކުންފުންޏަކީ ދިވެހިރާއްޖޭގެ އިޖްތިމާއީ ޞިއްޙީ އިންޝުއަރެންސްގެ ޤައުމީ ނިޒާމުގެ މަސައްކަތްތައް ހިންގާ ބެލެހެއްޓުމަށްޓަކައި ސަރުކާރުން 2011ވަނަ އަހަރު ޤާއިމްކޮށްފައިވާ ކުންފުންޏެކެވެ. އާސަންދައިން ފޯރުކޮށްދޭ ޚިދުމަތްތައް އިތުރަށް ފުޅާކޮށް "ހުސްނުވާ އާސަންދަ" ސްކީމް ތަޢާރަފުކޮށްފައިވަނީ 2014ވަނަ އަހަރުގެ ތެރޭގައެވެ. "ހުސްނުވާ އާސަންދަ" ސްކީމަކީ ކުރިން ބޭނުންކުރަމުންދިއަ "އާސަންދަ" ސްކީމަށް ބަދަލުތަކެއް ގެނެސް، ޚިދުމަތްތައް އިތުރުކޮށް ކޮންމެ ރައްޔިތަކަށް އަހަރަކަށް ކަނޑައެޅިފައިވާ އެއްލައްކަ ރުފިޔާގެ ލިމިޓް އުވާލުމަށްފަހު އެކުލަވާލާފައިވާ ސްކީމެކެވެ. ރާއްޖެއާއި ރާއްޖޭން ބޭރުގެ ތަންތަން ހިމެނޭހެން 687 ތަނަކުން އާސަންދައިގެ ޚިދުމަތް މިހާރު ލިބޭނެކަމަށް އެކުންފުނިން ވިދާޅުވެއެވެ.