ޚަބަރު

ދީނާއި ޤައުމީ މިނިވަންކަން ޙިމާޔަތްކުރުމުގެ ޢަޒުމް އާކުރަންޖެހޭ


ދީނާއި
ޤައުމީ މިނިވަންކަން ޙިމާޔަތްކޮށް ރައްކާތެރިކުރުމުގެ ޢަޒުމު އާކުރެއްވުމަށް
ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމިން އަބްދުލްޤައްޔޫމް އިލްތިމާސް
ކުރައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ
މިކަމަށް އިލްތިމާސްކުރެއްވީ، މާދަމާ ފާހަގަކުރާ ދިވެހިރާއްޖޭގެ ޤައުމީ ދުވަހުގެ
މުނާސަބަތުގައި ދިވެހިރާއްޖޭގެ ރައްޔިތުންނަށް ފޮނުއްވެވި ޙިޡާބުގައެވެ. މިޙިޡާބުގައި
އެމަނިކުފާނު ވަނީ ދިވެހިރާއްޖޭގެ ފަޚުރުވެރި ޤައުމީ ދުވަހުގެ މުނާސަބަތުގައި
ރާއްޖޭގެ އެންމެހައި ލޮބުވެތި ރައްޔިތުންނަށް، އިޚްލާޞްތެރިކަމާއެކު ތަހުނިޔާ
ދަންނަވައި ހެޔޮއެދުންތައް އަރިސްކުރައްވާފައެވެ.

ރައީސްގެ
ޙިޡާބުގައި ޕޯޗުގީޒުންގެ އަތްދަށުން ދިވެހި ޤައުމު ސަލާމަތް ކުރެއްވުމަށްޓަކައި
ބޮޑުތަކުރުފާނު ކުރެއްވި ޖިހާދަކީ، ބިރުވެރިކަމާއި މުސީބާތާއި ދަތި އުނދަގޫތަކުގެ
ކުރިމަތީގައިވެސް، ނުގުޑާފަދަ ޢަޒުމަކާއި ހިތްވަރެއް ކުރިއަށް ނެރެފިނަމަ، އަޅުވެތިކަން މިނިވަންކަމަށް ބަދަލުކުރެވޭނެކަން
ސާބިތުކޮށްދެއްވި ޖިހާދެއްކަމަށް ވިދާޅުވިއެވެ. އަދި  ބޮޑުތަކުރުފާނާއި، އެ ތަކުރުފާނާއެކު އެ
މަތިވެރި ޖިހާދުގައި ބައިވެރިވެވަޑައިގެންނެވި އަބްޠާލުން އެ ދެއްކެވި ފުރިހަމަ
ކެރިވަޑައިގަތުމާއި ހިތްވަރުގަދަކަމާއި ސާބިތުކަމުގެ ނަމޫނާއިން މިއަދުގެ ޒުވާން
ޖީލު ޢިބްރަތް ޙާޞިލު ކުރުމަށް ރައީސުލްޖުމްހޫރިއްޔާ ގޮވާލެއްވިއެވެ. 

ގައުމީ ދުވަހަކީ، ދިވެހީންގެ މަދު މީސްކޮޅަކާ އެކު، އުތީމު
މުޙައްމަދު ތަކުރުފާނު އިސްވެ ހުންނަވައިގެން، 15 އަހަރު ވަންދެން ދިވެހިރާއްޖެ
ހިފައިގެން ތިބި ޕޯޗުގީޒުންނާ ހަނގުރާމަކުރައްވައި އެމީހުން ބަލިކުރައްވައި،
ދިވެހިރާއްޖެ މިނިވަންކުރެއްވި ދުވަސް ފާހަގަކޮށް އެބަތަލުންގެ ޒިކުރާ އާކުރުމަށް
ފާހަގަ ކުރުމުން އަންނަ ދުވަހެކެވެ.

ޤައުމީ
ދުވަހުގެ ގޮތުގައި ފާހަގަކުރަމުން އަންނަނީ ރަބީއުލްއައްވަލްމަހުގެ އެއްވަނަ
ދުވަހެވެ. މިއަހަރުގެ
ޤައުމީ ދުވަސް ރަސްމީކޮށް ފާހަގަކުރުމަށް ހަމަޖެހިފައިވަނީ ހއ. އުތީމުގައެވެ.