ކުޅިވަރު

ގައުމީ ޓީމް މެލޭޝިޔާގައި ކޭމްޕް ކުރުމަށް ހަމަޖެހިއްޖެ


ސާފް ސުޒުކީކަޕްގެ ކުރިން
ގައުމީ ޓީމް ކޭމްޕް ކުރުމަށް މިހާރު މެލޭޝިޔާ ހަމަޖެހިފައިވާކަމަށް އެފްއޭއެމްއިން
ބުނެފިއެވެ. 

އެފްއޭއެމްގެ ޖެނެރަލް ސެކެޓްރީ ބައްސާމް އަދީލް ޖަލީލް ވިދާޅުވީ
މެދުއިރުމަތީގެ ގައުމަށް ކޭމްޕްކުރުމަށް ވަރަށް ގިނަ ގޮތް ގޮތުން މަސައްކަތް
ކުރި ކަމަށާ ނަމަވެސް މެދުއިރުމަތީގެ ގައުމުތަކުގެ ފުޓްބޯޅަ ސީޒަން
މިދުވަސްވަރު ކުރިއަށްދާތީ ވަރުގަދަ މެޗްތަކެއް ހަމަޖެއްސުމަށް އުދަގޫތަކެއް
ކުރިމަތިވީކަމަށެވެ. 

ބައްސާމް ވިދާޅުވީ މެދުއިރުމައްޗަށް ކޭމްޕް ކުރުމަށް ކުރިން
ނިންމީ އެގައުމުތަކަކީ މިސަރަހައްދުގެ ގައުމުތަކަށް ވުރެއް، ފުޓްބޯޅައިގެ ގޮތުން
ކުުރިއަރާފައިވާ ގައުމުތަކެއް ކަމުން، އެގައުމުތަކުގެ ވަސީލަތްތަށްވެސް މިސަރަހައްދުގެ
ގައުމުތަކާ އަޅާބަލާއިރު، ވަރަށް ފުރިހަމަވާނެތީކަމަށެވެ. ނަމަވެސް އެގައުމުތަކުގެ
ފުޓްބޯލަ ސީޒަން ކުރިއަށްދާތީ، ވަރުގަދަ މެޗްތަކެއް ކުޅުމަށް ކުރި މަސައްކަތް ނާކާމިޔާބުވެފައިކަމަށް ބައްސާމް ވިދާޅުވިއެވެ.

ސާފް ސުޒުކީ ކަޕްގެ ކުރިން
ތަމްރީންތަކަށް މޭލޭޝިޔާއަށް މިހާރު ގައުމީ ޓީމް ފުރަން ހަމަޖެހިފައިވާއިރު، އެގައުމްގަައި
މަދުވެގެން ފަސް މެޗް ކުޅުމަށް މިހާރުވެސް މަސައްކަތް ކުރަމުންދާކަމަށްވެސް
ބައްސާމް ވިދާޅުވިއެވެ. 

މެދުއިރުމައްޗަށް ނުދެވުނުކަމުގައި ވީނަމަވެސް
މަލޭޝިޔާގައިވެސް ރަގަނޅު އަދި ކޯޗް ބޭނުންވާފަދަ ތަމްރީންތަކެއް
ކުރެވިގެންދާނެކަމަށްވެސް ބައްސާމް ވިދާޅުވިއެވެ. ކޭމްޕް ނިންމާލުމަށްފަހު ގައުމީ ޓީމް
މާލެ އަންނާނީ މިމަހުގެ ވިހިވަނަ ދުވަހުއެވެ. އަދި ސާފް ސުޒުކީ ކަޕްއަށް ގައުމީ ޓީމް
ފުރާނީ މިމަހުގެ ބާވީސްވަނަ ދުވަހުއެވެ.