ޚަބަރު

"އަންލޮކް ދަ ފިއުޗަރ" ޙަރަކާތުގައި ރައީސްގެ އަނބިކަނބަލުން ބައިވެރިވެވަޑައިގެންފި


އުޖާލާ މުސްތަޤްބަލެއް ބިނާކުރުމަށްޓަކައި ދުނިޔޭގެ އެކި ކަންކޮޅުތަކުގެ ޒުވާނުންނާ ގުޅިގެން މަސައްކަތްކޮށް، އެމީހުންގެ ކަންބޮޑުވުންތައް އަޑު އެހުމާއެކު ކުރިޔަށްދާ ޤައުމެއްގެ ގޮތުގައި ދިވެހިރާއްޖެ ދެމިއޮންނާނެކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނިކަނބަލުން ފަޒްނާ އަޙްމަދު ވިދާޅުވެއްޖެއެވެ.

އ.ދ. ގެ ޢާންމު މަޖިލީހުގެ 76 ވަނަ ބައްދަލުވުމުގެ ޙަވާސާގައި، ވަރލްޑް ވައި.އެމް.ސީ.އޭ، ބީ.އާރު.އޭ.ސީ، އަދި ވަރލްޑް އެސޯސިއޭޝަން އޮފް ގަރލް ގައިޑް އެންޑް ގަރލް ސްކައުޓާއި، އެހެނިހެން އެކްޓިވިސްޓް ޖަމާޢަތްތައް ގުޅިގެން ބޭއްވި "އަންލޮކް ދަ ފިއުޗަރ" ހަރަކާތުގައި ފަޒްނާ އަޙުމަދުވަނީ ބައިވެރިވެވަޑައިގެން ވާހަކަފުޅުދައްކަވާފައެވެ.

ވަރޗުއަލްކޮށް ބޭއްވި މިހަރަކާތުގައި، ޒުވާން ލީޑަރުންނާއި، އެކްޓިވިސްޓުންނާއި، ސަރުކާރުތަކާއި، ނިއުޔޯކުގައި ޤާއިމުކޮށްފައިވާ އ.ދ.ގެ މިޝަންތަކާއި، ކަމާގުޅޭ ޖަމިޢިއްޔާ ޖަމާޢަތްތައް ބައިވެރިވިއެވެ.

"އަންލޮކް ދަ ފިއުޗަރ ޑެކްލެރޭޝަން" އިފްތިތާޙް ކޮށްފަވަނީ މި ހަރަކާތުގެ ތެރެއިންނެވެ. މީގެ ސަބަބުން، މިހާރުގެ ޒުވާނުން ތަޖުރިބާކުރާ ކަންކަމުގެ ތެރެއިން އެންމެ އިސްކަމެއްދީގެން މުސްތަޤުބަލަށް ގެނެވޭނެ ބަދަލުތައް ދެނެގަނެވި، ޒުވާނުންނަށް އެމީހުންގެ މުސްތަޤްބަލު ބައްޓަންކުރުމަށް އެހީތެރިވެދޭނެއެވެ. އަދި ޒުވާނުންގެ ބައިވެރިވުން އިތުރުކޮށް، ޒުވާނުންގެ ކުރިއެރުމަށް ހުރި ހުރަސްތައް ނައްތާލުމަށް ބައިނަލްއަޤްވާމީ އެއްބާރުލުންވެ ލިބިގެންދާނެއެވެ.

މި ހަރަކާތުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ދެއްކެވި ވާހަކަފުޅުގައި، ޒުވާނުން ބާރުވެރިކުރުމާއި އެމީހުން ކަންކަމުގައި އަޑު އުފުލުމަށް ހިތްވަރުދިނުމުގެ ގޮތުން އެކުލަވާލާފައިވާ މި ޑެކްލެރޭޝަންގެ މަސައްކަތުގައި އުޅުއްވި ބައިވެރިންގެ ބުރަ މަސައްކަތް ފާހަގަކުރައްވައި، އެއީ ބޮޑު ކާމިޔާބީއެއްކަމުގައި އެކަމަނާ ސިފަކުރައްވާފައިވެއެވެ.

މީގެއިތުރުން ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ، އެކި ޤައުމުތަކުގެ އިސްވެރިންނާއި، އަމިއްލަ ޖަމުޢިއްޔާ ޖަމާޢަތްތަކުން އަންނަން އޮތް ޖީލުގެ ކުރިއެރުމަށް ދެއްވާ އަހަންމިއްޔަތުކަމަށް ޝުކުރު އަދާކުރައްވާފައެވެ. އަދި، މިފަދަ މަސައްކަތްތަކުގައި ހަރަކާތްތެރިވާ ރާއްޖޭގެ ފަރާތްތަކާއި، އެހެނިހެން ފަރާތްތަކުންވެސް، ޒުވާން ޖީލަށްޓަކައި ކުރާ މަސައްކަތްތައް މައުނަވީ ގޮތެއްގައި ގުޅިގެން ކުރިއަށް ގެންދިއުމަށް ގޮވައިލައްވާފައިވެއެވެ.

އެކަމަނާ ވިދާޅުވީ ދެމެހެއްޓެނިވި ވިލުންތެރި ދުނިޔެއެއް ބިނާކުރުމުގައި ޒުވާނުން އަދާކުރާ މުހިންމު ދައުރު ރާއްޖެއިން ބަލައިގަންނަކަމަށެވެ.

މި ހަރަކާތުގެ ތެރެއިން ވަނީ، ޒުވާނުންނަށް އަމާޒުކޮށް ތަޢުލީމާއި، ވަޒީފާއާއި، މޫސުމާގުޅޭ ދާއިރާގެ އެކްޝަންތައް ހިމެނޭ ޑިވެލޮޕްމަންޓް ޕްރޮގްރާމް "އަވަރ ފިއުޗަރ އެޖެންޑާ" އިފްތިތާޙް ކޮށްފައެވެ.