ޚަބަރު

ޗައިނާގެ ހާބިންގައި ފުރަބަންދުގެ އުޞޫލުތަކެއް އިޢުލާންކޮށްފި


ޗައިނާގެ އިރުއުތުރުގައި އޮންނަ ހާބިންގައި ކޯވިޑް-19އާ ދެކޮޅަށް ފުރަބަންދުގެ އުޞޫލުތަކެއް އިޢުލާންކޮށްފިއެވެ.

ޗައިނާގެ ޤައުމީ ޞިއްޙަތާބެހޭ އިދާރާއިން ބުނެފައިވަނީ ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި އެ ޤައުމުގައި ކޯވިޑް-19 ޖެހުނު މީހުންގެ ތެރެއިން 3 މީހުންނަށް ބަލިޖެހިފައިވަނީ ހާބިންގައެވެ. އެއީ މިދިޔަ ފެބްރުއަރީ މަހަށްފަހު އެ ރަށުގައި ދިރިއުޅޭ ބަޔަކަށް ބަލިޖެހުނު ފުރަތަމަ ފަހަރެވެ. އެއާއެކު ހާބިންގައި ފުރަބަންދުގެ އުޞޫލުތަކެއް އިޢުލާންކޮށް އެ ރަށުގައި ދިރިއުޅޭ 10 މިލިޔަން މީހުން ބައްޔަށް ތަޙްލީލުކުރުމަށްވަނީ ނިންމައިފައެވެ. އަދި ތަޙްލީލުތަކުގެ ނަތީޖާ ލިބުމުގެ ކުރިން ގެއިން ނުނިކުތުމަށްވެސް އެ ރަށުގައި ދިރިއުޅޭ މީހުންނަށްވަނީ އަންގައިފައެވެ. އޭގެ އިތުރުން ހާބިންގެ މަދަރުސާތަކާއި ވިޔަފާރި މަރުކަޒުތަކާއި މުނިފޫހިފިލުވާ މަރުކަޒުތައްވެސްވަނީ ބަންދުކޮށްފައެވެ.

ޗައިނާގެ ޤައުމީ ޞިއްޙަތާބެހޭ އިދާރާއިން ބުނެފައިވާ ގޮތުގައި އެ ޤައުމުގެ ފޫޖިޔާން ޕުރޮވިންސްގެ ދެ ރަށެއްގައި ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި 13 މީހުންނަށްވަނީ ކޯވިޑް-19 ޖެހިފައެވެ. އެއާއެކު އެ ޕުރޮވިންސަށް ވަދެނުކުތުންވަނީ މަނާކޮށްފައެވެ.

ދުނިޔޭގައި އެންމެ ފުރަތަމަ ކޯވިޑް-19 ފެތުރެން ފެށުނީ 2019ވަނަ އަހަރުގެ ޑިސެންބަރު މަހުގެ ތެރޭގައި ޗައިނާގައެވެ.