ޚަބަރު

ފްލެޓަށް ބޭނުންވާ ތަކެތި ދެވަނަ ފިޔަވަހިން ލިބޭނެ އިންތިޒާމް ހަމަޖައްސަނީ


ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ޤާއިމްކޮށްފައިވާ ހިޔާ ފްލެޓްތައް ނިންމުމަށް އެސަރަހައްދުން މުދާ ލިބޭނެ އިންތިޒާމް ހަޖެއްސުމުގެ މަސައްކަތްކުރަމުން އަންނަކަމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން އެޗްޑީސީން ވިދާޅުވެއްޖެއެވެ.

ހިޔާ ފްލެޓްތަކުގެ ކުލި ކުޑަކުރުމާއި، މަރާމާތުގެ މުއްދަތު އިތުރުކުރުންފަދަ ކަންކަން ކުރުމަށް ގޮވާލާ ރައްޔިތުންގެ މަޖިލީހުގެ ޕެޓިޝަން ކޮމިޓީއަށް ހުށައަޅާފައިވާ މައްސަލައާއި ގުޅޭގޮތުން ކޮމިޓީގައި ވާހަކަފުޅު ދައްކަވަމުން އެޗްޑީސީގެ މެނޭޖިންގ ޑިރެކްޓަރ ސުހައިލް އަޙްމަދު ވިދާޅުވީ، މިދިޔަ އާދީއްތަ ދުވަހާއި ހަމައަށް ހިޔާ ފްލެޓްގައި 40 ވަރަކަށް އާއިލާ ދިރިއުޅެން ފަށާފައިވާކަމަށެވެ.

ފްލެޓްތަކުގެ އަގު ކުޑަކުރުމާއި ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ސުހައިލް ވިދާޅުވީ، ހިޔާ މަޝްރޫޢުއަކީ އެޗްޑީސީން ދައްކަންޖެހޭގޮތަށް ނަގާފައިވާ ލޯނެއްކަމަށާއި، އެހެންކަމުން މިހާރު ކަނޑައަޅާފައިޥާ އަގަށްވުރެ ކުޑަކުރެވެން ނެތްކަމަށެވެ. އޭނާ ވިދާޅުވީ މިހާރު ފްލެޓްތަކަށް ކަނޑައަޅަފައިވާ އަގުތަކަކީ ބިމުގެ އަގާއި ޕްރޮޖެކްޓް މެނޭޖްމަންޓް އަގުފަދަ ކަންކަމަށް ރިޔާއަތްކޮށް ކޮންމެ ފްލެޓަކަށް 85،000 ރުފިޔާގެ ޑިސްކައުންޓެއް ދެވިގެން ހަދާފައިވާ އަގުތަކެއްކަމަށެވެ.

ސުހައިލް ވިދާލުވީ އެޗްޑީސީގެ އަމާޒަކީ ކުރު މުއްދަތެއްގެ ތެރޭގައި ވީހާވެސް ގިނަބަޔަކު ފްލެޓްގައި ދިރިއުޅެވޭނެ އިންތިޒާމް ހަމަޖެއްސުންކަމަށާއި، އެކަމަށް މަސައްކަތްކުރަމުން އަންނަކަމަށެވެ.

ސުހައިލް މިހެން ވިދާޅުވެފައިވާއިރު އެޗްޑީސީން އެކި ބޭންކުތަކުން ނަގާފައިވާ ލޯންތަކުގެ ޢަދަދު 696 މިލިއަން ޑޮލަރަށް އަރައެވެ.

ހިޔާ ފްލެޓްތައް މަރަމާތުކުރަން ފެށުމާއެކު ތަކެޓީގެ އަގު އުފުލުނުކަން ފާހަގަކުރައްވަމުން ސުހައިލް ވިދާޅުވީ އެކަންކަމުގައިވެސް ލުއިތަކެއް ހޯދައިދިނުމަށް މަސައްކަތްކުރައްވާކަމަށެވެ. އެގޮތުން މާރކެޓްގައި ތަކެތީގެ އަގުތަކަށް އަންނަ ބަދަލުތައް ބަލައި، ހިޔާ ފްލެޓް ސަރަހައްދުން ކޮންތެއިނަރގައި މުދާ ބަހައްޓައިގެން މުދާ ދޫކުރެވޭނެ އިންތިޒާމް ހަމަޖެއްސުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް ސުހައިލް ވިދާޅުވިއެވެ.

"އަޅުގަނޑުމެންވެސް ހަމަ ކޮންސިޑަރކުރާނަން ބާޒާރުގައި މި އަންނަ ދަތިތަކާއި އެއްޗެހި ބަލަމުން މިދަނީ. އިތުރު ފަސޭހައެއްގެ ގޮތުން އަޅުގަނޑުމެން އެބަ ބަލަން ވަރަށް އަވަހަށް އެސަރަހައްދުގައި ކޮންޓެއިނަރ ބަހައްޓައިގެން ސީދާ މުދާ ދޫކުރެވޭނެގޮތް ހެދުމަށް. އެހެންވީމަ އެ މޮނީޓާކުރަމުން ގެންދާނަން." ސުހައިލް ވިދާޅުވިއެވެ.

ދެވަނަ ފިޔަވަހީގައި މީހުން އާބާދުވަމުން އަންނައިރު އެސަރަހައްދުގައި އަސާސީ ޚިދުމަތްތައް ފެށުމަށް ކުރަމުން އަންނަ މަސައްކަތްތަކަށް އަލިއަޅުއްވާލައްވާ ސުހައިލް ވިދާޅުވީ، އާންމު ޚިދުމަތްތަކަށް މާސްޓަރ ޕްލޭންގެ ދަށުން ބިން ކަނޑައެޅިފައިވާކަަމަށެވެ. ނަމަވެސް އެ ޚިދުމަތްތައް ފެށުމުގައި ލަސްތަކެއް ވެފައިވާކަމަށާއި، އެއީ ކޯވިޑްގެ ސަބަބުން އައި ލަސްތަކެއްކަމަށްވެސް ސުހައިލް ވިދާޅުވިއެވެ. ނަމަވެސް މިހާރު ކޮންޓެކްޓަރ ފައިނޭންސްގެ ދަށުން 2 ސްކޫލް އެޅުމަށް ބަޔަކާއި ހަވާލުކުރެވިފައިވާކަމަށާއި، އެސަރަހައްދުގައި ޤާއިމްކުރާ އެއް މިސްކިތް ނިމުމަކާއި ގާތްވެފައިވާކަމަށްވެސް ސުހައިލް ވިދާޅުވިއެވެ. އަދި ވަގުތީ މިސްކިތެއްވެސް އެޅުމުގެ މަސައްކަތް މިހާރު ކުރިއަށްދާކަން ސުހައިލް ފާހަގަކުރެއްވިއެވެ.

އެސަރަހައްދުގެ ޕާކިންއާއި ގުޅޭގޮތުން ސުހައިލް ވިދާޅުވީ، މިހާރުވެސް ކޮންމެ ފްލެޓަކަށް ސައިކަލެއް ޕާކް ކުރެވޭނެ އިންތިޒާމް ހަމަޖެހިފައި ހުންނާނެކަމަށެވެ. އަދި ވަރަށް އަވަހަށް ކޮމަރޝަލް ސަރަހައްދަކާއެކު ކާރު ޕާކިން އިމާރާތެއް އެޅުމަށް އިއުލާންކުރާނެކަމަށް ވެސް ސުހައިލް ވިދާޅުވިއެވެ.

އެޗްޑީސީން ވަނީ ކުރިއަށް އޮތް ދެތިން މަސްތެރޭ ހުޅުމާލޭ ދެވަނަ ފިޔަވައްސަށް ބޮޑު އާބާދީއެއް ދިރިއުޅުން ބަދަލުކުރާނެކަމަށް ލަފާކޮށްފައެވެ. ހިޔާ މަޝްރޫޢާއެކު ހުޅުމާލޭ ދެވަނަ ފިޔަވައްސަށް ސާޅީސް ހާހެއްހާ މީހުން ބަދަލުވާނެކަމަށް ބެލެވެއެވެ.