ކުޅިވަރު

އެކުވެރިކަމުގެ ފުރަތަމަ މެޗް ރާއްޖެއިން ކާމިޔާބުކޮށްފި


އުރީދޫ ސާފް ޗެންޕިއަންޝިޕްއަށް ތައްޔާރުވުމަށް ގައުމީ ޓީމް ކުޅުނު އެކުވެރިކަމުގެ ފުރަތަމަ މެޗް އެޓީމް ކާމިޔާބުކޮށްފިއެވެ. ސާފް ޗެންޕިއަންޝިޕަށް ތައްޔާރުވުމަށް ގައުމީ ޓީމް މިހާރުދަނީ ގަތަރުގައި ކޭންޕް ކުރަމުންނެވެ. ގަތަރުގައި ގައުމީ ޓީމް ކުރަމުންދާ ކޭންޕްގެ ތެރެއިން ކުޅުނު ފުރަތަމަ މެޗް ގައުމީ ޓީމް ކާމިޔާބުކޮށްފައިވަނީ ގަތަރުގެ ދެވަނަ ޑިވިޝަންގައި ކުޅެމުންދާ ލުސައިލްއާ ވާދަކޮށްގެންނެވެ. މިމެޗް ގައުމީ ޓީމް ކާމިޔާބުކޮށްފައިވަނީ 4 ލަނޑު 3 ލަނޑުންނެވެ.

މިމެޗް ގައުމީ ޓީމް ކާމިޔާބުކުރިނަމަވެސް، މެޗްގައި ފުރަތަމަ ލީޑް ނަގާ ކުރި ހޯދީ ގަތަރުގެ ލުސައިލްއިންނެވެ. މިލަނޑު އެޓީމުން ކާމިޔާބުކުރީ މެޗްގެ ފުރަތަމަ ހާފްގެ 24ވަނަ މިނެޓްގައެވެ. މިލަނޑަށްފަހުވެސް އެޓީމުން ރާއްޖޭގެ ގޯލަށް ނުރައްކާތެރި ހަމަލާތަކެއް ފޮނުވާލާފައިވެއެވެ. މީގެ ތެރެއިން ގިނަ ހަމަލާތައް ވަނީ ކީޕަރު ފައިސަލް ދިފާޢުކޮށްފައެވެ. ގަތަރުގެ ދެވަނަ ޑިވިޝަންގައި ކުޅެމުންދާ ލުސައިލް އިން މެޗްގައި ލީޑް ނެގިނަމަވެސް، އެޓީމަށް މާގިނައިރު ލީޑްގައި އޮވެވޭ ގޮތެއް ނުވިއެވެ. މެޗްގެ 28ވަނަ މިނެޓްގައި ރާއްޖެއިން ވަނީ ލަނޑެއްޖަހައި މެޗްގެ ނަތީޖާ ހަމަހަމަކޮށްފައެވެ. މިލަނޑު ކާމިޔާބުކޮށްދިނީ ޢަލީ އަޝްފާގެވެ. މެޗްގެ ފުރަތަމަ ހާފް ނިމުމުގެ ކުރިން ރާއްޖެއިން ވަނީ އިތުރު ލަނޑެއް ޖަހާ މެޗްގައި ފުރަތަމަ ފަހަރަށް ލީޑް ނަގާފައެވެ. މިލަނޑު ރާއްޖޭގެ ޓީމަށް ކާމިޔާބުކޮށްދިނީ ޢަލީ ހައިޝަމް (ޗުމްޕު)އެވެ. މެޗްގައި ރާއްޖެއިންވަނީ މޮޅު ކުޅުމެއް ދައްކާފައެވެ.

މެޗްގެ ދެވަނަ ހާފްގައި ފެށިގެން، 58ވަނަ މިނެޓްގައި ރާއްޖެއިންވަނީ ލިބިފައިވާ ލީޑް ފުޅާކޮށްފައެވެ. ލިބުނު ޕެނަލްޓީއަކުން މިލަނޑު ގައުމީ ޓީމަށް ކާމިޔާބުކޮށްދިނީ ފޮވާޑް ޢަލީ ފާސިރެވެ. އަދި މެޗްގެ 64ވަނަ މިނެޓްގައި ޢަލީ ހައިޝަމް (ޗުމްޕު)ވަނީ މެޗްގެ ހަތަރުވަނަ ލަނޑު ގައުމީ ޓީމަށް ޖަހާދީފައެވެ. މެޗްގައި ރާއްޖެއިން 3 ލަނޑުގެ ލީޑަކާއެކު ކުރީގައި އޮވެގެން ކުޅުނު ނަމަވެސް މެޗްގެ 69ވަނަ މިނެޓްގައި ގަތަރުގެ ދެވަނަ ޑިވިޝަންގައި ކުޅެމުންދާ ލުސައިލްއިން ވަނީ ލަނޑެއްޖަހައި ރާއްޖޭގެ ލީޑް ހަނިކޮށްފައެވެ. އަދި މެޗްގެ ނިމެން 4 މިނެޓްއަށްވެފައި ގަތަރުގެ ލުސައިލްއިން ވަނީ އިތުރު ލަނޑެއް ޖަހާ ރާއްޖެއަށް ލިބިފައިވާ ލީޑް އެއް ލަނޑަށް ހަނިކޮށްފައެވެ.

މި ފަަހަރުގެ ސާފް ޗެމްޕިއަންޝިޕްގައި ވާދަކުރާ ގައުމުތަކަކީ ރާއްޖެ އާއި އިންޑިއާ، ބަންގްލަދޭޝް، ނޭޕާލް އަދި ސްރީލަންކާއެވެ. މިމަހުގެ އެއްވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވާ އުރީދޫ ސާފް ޗެންޕިއަންޝިޕް ކުރިއަށްދާނީ ލީގް އުސޫލުންނެވެ. 5 ގައުމްގެ މެދުގައި ލީގް ބުރެއް ކުޅުމަށްފަހު، ފައިނަލަށް ދަނީ އެންމެ ގިނަ ޕޮއިންޓް ހޯދާ ދެ ޓީމެވެ.