ޚަބަރު

ތުޅާދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތް ފަށައިފި


ބ. ތުޅާދޫގައި ކުރިއަށްގެންދިޔުމަށް ނިންމާފައިވާ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތުގެ ދަށުން ކުރިން ފުންކޮށްފައިވާ ފަޅު އަލުން ފުންކުރުމުގެ މަސައްކަތް އެމްޓީސީސީން ފަށައިފިއެވެ.

އެމްޓީސީސީން އެ މަސައްކަތް ކުރަން ފަށާފައިވަނީ މިމަހުގެ 15 ވަނަ ދުވަހުގައެވެ.

ބ. ތުޅާދޫގެ ގޮނޑުދޮށް ހިމަޔާތްކުރުމުގެ މަޝްރޫއުގެ ދަށުން ފަޅު ކޮނުމަށްފަހު ބިންގަނޑު އެއްވަރުކުރަން 11700 ކިއުބިކް މީޓަރުގެ ވެލި ބޭނުންކުރުމަށް ވަނީ ހަމަޖެހިފައެވެ. އަދި ބެޑު ތައްޔާރުކުރުމާއި 280 މީޓަރުގެ ސަރަޙައްދެއްގައި ޖީއީބޭގް ރިވެޓްމަންޓް ޖެހުމަށްވެސް ވަނީ ހަމަޖެހިފައެވެ. މި މަޝްރޫޢުއަށް 10.13 މިލިޔަން ރުފިޔާ ޚަރަދުވެއެވެ.

ދެހާހަށްވުރެ ބޮޑުއާބާދީއެއް އޮންނަ މާޅޮސްމަޑުލު ދެކުނުބުރީ ތުޅާދޫ އަކީ އަބަދުވެސް ރަށްގިރުމުގެ މައްސަލަ އިންތިހާއަށް ކުރިމަތިވަމުން އަންނަ ރަށެކެވެ. ތުޅާދޫ ރަށްގިރުމާ ރާޅު ބޮޑުވާ ދުވަސްތަކުގައި ރަށުގެ ދެކުނުފަރާތުގައި ދިރިއުޅޭ މީހުންނަށް އުންދަގޫވުމުގެ ޝަކުވާ އަބަދުވެސް އަންނަނީ ލިބެމުންނެވެ.

ގޮނޑުދޮށާއި ކައިރި ސަރަހައްދުތަކުގައި ދިރިއުޅޭ މީޙުން ބުނާގޮތުން ރާޅު ބޮޑުވާ ދުވަސްތަކުގައި ލޮނުގެ އަސަރުކޮށްގެން ބޮޑެތި ގެއްލުންތަކެއް އެމީހުންނަށް ދަނީ ލިބެމުންނެވެ. ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް މިހާރު ފަށާފައިވާއިރު ބައެއް ގޭގެއާއި ގޮޑުދޮށާ ދެމެދު ފަންސާހަކަށްފޫޓްވެސް ނުހުންނާނެއެވެ. އަދި އެސަރަހައްދު ގިރާތީ އެކަން ހުއްޓުވުމަށް ރަށުން އިމާރާތްކުރުމަށް ތަޅާލާ ގެތަކުގެ ގާތައް އެސަރައްހައްދަށް ވަނީ ޖަމާކޮށްފައެވެ. އަދި އެސަރައްދުގައި ހުރި ބައެއް ރުއްގަސް ގިރައިގެންގޮސްފައިވާކަމަށް އެސަރަހައްދުގައި ދިރިއުޅޭ ފަރާތްތަކުން ބުނެއެވެ.