ޚަބަރު

ކުޑަހުވަދޫ މަގުތައް ތާރު އަޅައިގެން ހެދުމުގެ ދެވަނަ ފިޔަވަހީގެ މަސައްކަތް ފަށަނީ


ދ.ކުޑަހުވަދޫ މަގުތައް ތާރު އަޅައިގެން ހެދުމުގެ މަސައްކަތުގެ ދެވަނަ ފިޔަވަހީގެ މަސައްކަތް ކުރުމަށް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަަން، އާރްޑީސީއަށް ހަވާލުކޮށްފިއެވެ.

މި މަސައްކަތުގެ އެއްބަސްވުމުގައި މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިން ހައުސިން އެންޑް އިންފްރަރސްޓްރަކްޗާއިން ސޮއިކުރެއްވީ ޑިރެކްޓަރ ޖެނެރަލް ފާޠިމަތު ޝާނާ ފާރޫޤްއެވެ. އާރްޑީސީން ސޮއިކުރެއްވީ އެ ކުންފުނީގެ ޖެނެރަލް މެނޭޖަރ ހަސަން ސައީދުއެވެ.

މަޝްރޫއުގެ ދަށުން ކުޑަހުވަދޫގެ 5.85 ކިލޯމީޓަރުގެ މަގުގައި ތަރުއެޅުމަށް ވަނީ ހަމަޖެހިފައެވެ. އަދި މަގުތަކުގައި ފެންހިންދާ ނިޒާމް ޤާއިމްކުރުމާއި މަގުބައްތި ޖެހުމަށްވެސް ވަނީ ހަމަޖެހިފައެވެ. މި މަޝްރޫއުއަކީ ދަޢުލަތުގެ ބަޖެޓުން 122 މިލިޔަނަށްވުރެ ގިނަ ރުފިޔާ ޚަރަދުކޮށްގެން ކުރިއަށްގެންދާ މަޝްރޫއެކެވެ. މި މަސައްކަތް ކުރުމަށް އެ ކުންފުންޏާ ހަވާލުކޮށްފައިވަނީ 1 އަހަރާއި 80 ދުވަހުގެ ތެރޭގައި މަސައްކަތް އެއްކޮށް ނިންމާލުމަށެވެ.

ކުޑަހުވަދޫ މަގު ހެދުމުގެ މަޝްރޫއުއަކީ 2020 ވަނަ އަހަރުގެ ބަޖެޓުގައި ހިމަނައިގެން ކުރިޔަށްގެންދާ މަޝްރޫއެކެވެ. އެރަށުގެ މަގުތައް ހަދައި ރަށަށް ތަރައްގީ ގެންނަވާނެކަމަށް ރައީސް އިބްރާހިމް މުހައްމަދު ސާލިހް އިއުލާންކުރެއްވީ 2019 ވަނަ އަހަރު އެރަށަށް ކުރެއްވި ޒިޔާރަތެއްގެ ތެރެއިންނެވެ. ރައީސް ވިދާޅުވެފައިވަނީ ސަރުކާރުގެ ތަރައްޤީގެ ޕްލޭނުގައި އެ ސަރަޙައްދުގައި ޤާއިމުކުރެވޭ އަރބަން ސެންޓަރެއްގެ ގޮތުގައި ކުޑަހުވަދޫ ތަރައްޤީ ކުރާނެކަމަށެވެ. އަދި އެފަދަ އަރބަން ސެންޓަރަކަށް ބޭނުންވާ ހުރިހާ ވަސީލަތެއް އެ ރަށުގައި ޤާއިމު ކުރައްވާނެކަމަށްވެސް ރައީސް ވަނީ ވިދާޅުވެފައެވެ.

ކުޑަހުވަދޫގެ މަގުތައް ހެދުމުގެ ދެވަނަ ފިޔަވަހީގެ މަސައްކަތް ކުރުމަށް ހަވާލުކޮށްފައިވާއިރު 2013 ވަނަ އަހަރާއި 2015 ވަނަ އަހަރުގައިވެސް ވަނީ މަގުހެދުމުގެ މަޝްރޫޢުއެއް ކުރިއަށް ގެންގޮސްފައެވެ. އެގޮތުން 2015 ވަނަ އަހަރުގައިވެސް 13 މަގެއް ހެދުމުގެ މަސައްކަތް ވަނީ ކޮށްފައެވެ.