ޚަބަރު

އިސްލާމިކް ފެސިލިޓީގެ ދަށުން ލޯނު ލިބޭ ފަރާތްތައް ކަނޑައަޅައިފި


އިސްލާމިކް ފެސިލިޓީގެ ދަށުން ލޯން ލިބޭ 172 ފަރާތް ކަނޑައަޅައި، ފައިސާ
ދޫކުރައްވަން ފައްޓަވައިފިއެވެ.



ހައުސިންގ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަހްމަދު ފާއިޒް ވިދާޅުވީ،
އިސްލާމިކް ފެސިލިޓީގެ ދަށުން ލޯނު ލިބޭ ފަރާތްތަކުގެ ތެރެއިން ލޯނަށް އެދި
ހުށަހެޅި 106 ފަރާތުގެ ފޯމް އެޕްރޫވްކޮށް ފައިސާ ދޫކުރައްވަން ފައްޓަވާފައިވާ
ކަމަށެވެ.  ފާއިޒް ވިދާޅުވީ، މީހުން
ހޮވުމުގައި ބެއްލެވީ ތަރައްގީއަށް އިސްކަންދޭ ރަށްތަކަށް ބަލައިގެން ކަމަށެވެ.



އިސްލާމިކް ފެސިލިޓީ އަކީ ރާއްޖޭގެ ރަށްތަކުގައި ދޫކޮށްފައިވާ ގޯތިތަކުގެ
ތެރެއިން ގެދޮރު އިމާރާތް ނުކުރެވުމުގެ ސަބަބުން ދިރިއުޅެން ފަށާފައި ނުވާ
ގޯތިތައް އިމާރާތްކުރުމުގެ މަގު ތަނަވަސްކޮށްދޭން ސަރުކާރުން ކުރިއަށް ގެންދާ ސްކީމެކެވެ. އެ ސްކީމަށް
މި އަހަރު ކަނޑައަޅާފައިވަނީ 70 މިލިއަން ރުފިޔާއެވެ.



އިސްލާމިކް  ފެސިލިޓީގެ ތެރެއިން ގެ ހެދުމަށް މަދުވެގެން ފަންސާސް ހާސް ރުފިޔާގެ ލޯނު ލިބޭއިރު، އެންމެ ގިނައިން ލިބެނީ ހަތަރު ލައްކަ ރުފިޔާއެވެ.   



ލޯންގެ ފައިސާ އަނބުރާ ދައްކަން ކަނޑައަޅާފައިވާ މުއްދަތަކީ  ވިހި އަހަރެވެ.  މި ސްކީމް ހިންގަން ސަރުކާރުން ހަވާލުކޮށްފައި ވަނީ ހައުސިން ޑިވެލޮޕްމަންޓް
ފައިނޭންސް ކޯޕަރޭޝަނާއެވެ.