މުނިފޫހިފިލުވުން

ސަލްމާންޚާންގެ ހަޔާތުގެ މައްޗަށް ޓީވީ ސީރީޒެއް


ބޮލީވުޑްގައި އެންމެ ކާމިޔާބު ތަރިންގެ ލިސްޓުގެ އެންމެ ކުރީގައި ގުނާލެވޭނެ އެއް ތަރިއަކީ ސަލްމާން ހާން އެވެ. ފިލްމީ މަސައްކަތުގައި 30 އަހަރަށްވުރެ ގިނަ އަހަރު ދުވަހު މަސައްކަތްކޮށްފައިވާ ސަލްމާން ވަނީ ބޮލްކް ބަސްޓަރ އެތައް ފިލްމެއް ދޫކޮށްލާފައެވެ. ފިލްމު ކުޅުމުގެ އިތުރުން ގިނަ ޓީވީ ޝޯތަކެއްވެސް ވަނީ ސަލްމާން ހޯސްޓްކޮށްފައެވެ.

ސަލްމާންގެ ފިލްމީ ހަޔާތުގެ މައްޗަށް ޓީވީ ސީރީޒެއް ހެދުމުގެ މަސައްކަތް މި ވަނީ ފަށާފައެވެ. ބޮލީވުޑް ޚަބަރުތައް ބުނާގޮތުން މި ސީރީޒްގައި ފެންނާނީ ސަލްމާންގެ ފިލްމީ ކެރިއަރ ފެށިގެން މިހާތަނަށް ކުރި ދަތުރެވެ. މީގެތެރޭގައި ސަލްމާންގެ ފިލްމީ ދަތުރުގައި ކުރިމަތިވި މީހުންނަށް ނޭގޭ އެތައް ހާދިސާއެއްވެސް ހިމެނޭނެކަމަށްވެއެވެ.

ސަލްމާންގެ އާއިލާގެ މެމްބަރުންނާއި، ޑައިރެކްޓަރުން، ކޯ ސްޓާރުން، ޕްރޮޑިއުސަރުން އަދި ރައްޓެހިންވެސް މި ސިރީޒްގައި ބައިވެރިވާނެއެވެ.

ސަލްމާނަށް އުފައްދާ މި ސީރީޒްގެ އިތުރުން ސަލްމާންގެ ބައްޕަ އަދި ކުރީގެ މަޝްހޫރު އެކްޓަރ ސަލީމްޚާނާއި ލިރިސިސްޓް ޖާވީދު އަޚްތަރުގެ މައްޗަށް އުފައްދާ ޑޮކިއުމެންޓްރީއެއް މަސައްކަތްވެސް އަންނަނީ ކުރަމުންނެވެ.

ސަލްމާނާއި ގުޅިގެން ޖާވިދުގެ ދެ ދަރިން ކަމުގައިވާ ފަރްހާން އަޚްތަރާއި ޒޯޔާ އަޙްތަރު އުފައްދާ މި ޑޮކިއުމެންޓްރީ ދައްކާނީ ނެޓްފްލިކްސްއިންނެވެ.

ކެޓްރީނާ ކައިފް އަދި މަނީޝް ޝަރުމާއާއިއެކު ސަލްމާން މިވަގުތު ހުރީ ކުރިއަށް އޮތް ފިލްމު "ޓައިގަރ3" ގެ މަންޒަރުތައް ނެގުމަށް އޮސްޓްރިއާގައެވެ. ސަލްމާންގެ ކުރިއަށް ހުރި ފިލްމުތަކުގެތެރޭގައި "އަންތިމް:ދަ ފައިނަލް ޓްރަތް" ، "ކިކް 2" އަދި "ކަބީ ޢީދް ކަބި ދިވާލީ" ހިމެނެއެވެ.