ޚަބަރު

ހެއްކާބެހޭ ބިލާއެކު ސިޔާސީ ނުފޫޒުން ހެކި އުފައްދާ އުފެއްދުން ނިމުމަކަށް އަންނާނެ: ސަލީމް


ހެއްކާބެހޭ ބިލު ޤާނޫނަކަށްވުމުން ސިޔާސީ ނުފޫޒޫން ހެކި އުފައްދައި، ސިޔާސީ މަޤުސަދުގައި ދަޢުވާކޮށް ކުރަމުންދާ މަސައްކަތަށް ނިމުމެއް އަންނާނެކަމުގައި ރައްޔިތުންގެ މަޖިލީހުގެ ހޯރަފުށީ ދާއިރާގެ މެމްބަރު އަޙްމަދު ސަލީމް ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހެޅި ހެއްކާބެހޭ ބިލުގެ ބަހުސްގެ މަރުހަލާގައި ވާހަކަ ދައްކަވަމުން ސަލީމް ވިދާޅުވީ މިއީ ފާއިތުވެދިޔަ 45 އަހަރުގެ ތެރޭގައި އެއްވެސް ވެރިކަމަކުން ކުރަން ބޭނުން ނުވި ކަމެއްކަމަށެވެ. ޒަމާނީ ހެއްކާބެހޭ ބިލެއް ވުޖޫދުކޮށް ހެކީގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް ގިނަ ބާރުތަކެއް ލިބިގެންދާކަމަށް ސަލީމް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ މިއީ ޑިމޮކްރަޓިކް ހެޔޮ ވެރިކަމެއް ކުރުމަށް ސަރުކާރުން ވެފައިވާ ވައުދު ފުއްދުމަށް ހުށަހެޅުނު ވަރަށް މުހިންމު ބިލެއްކަމަށެވެ. އަދި ޚާއްސަކޮށް ޖުޑީޝަރީ މިނިވަންކަމާއެކު ހިންގުމަށް ސަރުކާރުން ވެފައިވާ ވައުދު ފުއްދުމަށްޓަކައި މިބިލަކީ މުހިންމު ބިލެއްގެ ގޮތުގައި ސަލީމްވަނީ ފާހަގަކުރައްވާފައެވެ.

އެގޮތުން ހެކީގެ ސިފަތައް ކަނޑައެޅުމުން ހެކި އުފައްދައިގެން ހެކި ހުށަހެޅުމުގެ ސަޤާފަތް ނިމިގެންދާނެކަމަށް ސަލީމް ވިދާޅުވިއެވެ. އަދި މިހާރު ކުރަމުންދާ ކަމަކީ އެފަދަ ހެކި އުފެއްދުމަށް އޮތް ޖާގަ ނައްތާލުން ކަމަށާއި، މިކަމުގެ ހެޔޮ މަންފާ ރައްޔިތުންނަށް ކުރަމުންދާނެކަމަށެވެ. އަދި މިކަން އެންމެ ރަނގަޅު ގޮތުގައި ކުރެވިގެންދާނީ ފަނޑިޔާރުންވެސް އިޚުލާސްތެރި ނިތަތެއްގައި ޝަރުއީ މަރުހަލާއިން ކަންކަން ކޮށްގެންކަމަށް ސަލީމް ވިދާޅުވިއެވެ.

"މިހާތަނަށް މިކަން ނުކޮށް މިއޮތް ސަބަބަކީ ޚުދުމުހުތާރު ވެރިކަން ރާއްޖޭގައި ޑިމޮކްރަޓިކް ނަމުގައި ހިންގަމުން ގެންދިއުން. އިރާދަކުރެއްވިއްޔާ އެދުވަސް އެދިޔައީ މާޒީވެގެން. އެހެންކަމުން މިސަރުކާރުން އިސްނަގައިގެން ކުރިއަރާފައިވާ ޑިމޮކްރަޓިކް ޤައުމުތަކުގައި ޢަމަލުކުރާ އުސޫލާއި މިންގަނޑުތަކަށް ފެތޭ ގޮތަށް ހެއްކާއިބެހޭ ބިލެއް އެކުލަވބާލައި މަޖިލީހަށް ފޮނުވަމުމަކީ ޝަރުއީ ނިޒާމު ހަރުނަދާކޮށް ހިންގުމަށް ސަރުކާރުން ވެފައިވާ ވައުދު ފުއްދަމުންދާކަމުގެ ފުރިހަމަ ހެއްކެއް." ސަލީމް ވިދާޅުވިއެވެ.

މިބިލަށް ވާދަހަކެ ދެއްކެވި ގިނަ މެމްބަރުން ވަނީ ބިލުގެ ސަބަބުން ހެކި ހޯދުމަށާއި، ހެކި ބަލައިގަތުމަށް ގިނަ މަގުތަކެއް ތަނަވަސް ވެގެންދާނެކަމަށެވެ. އަދި ޚާއްސަކޮށް މީގެ ކުރިން ސިޔާސީ ބޭނުންތަކުގައި ހެކި އުފައްދައިގެން ކުރަމުންދިޔަ ދައުވަތަކަށް މިބިލު ޤާނޫނަކަށް ވުމާއިއެކު ނިމުން އަންނާނެކަމަށެވެ.

ސަރުކާރުން މަޖިލީހަށް ހުށަހެޅި ހެއްކާއިބެހޭބިލުގައި ހެކީގެ ބާވަތްތަކާއި، ހެކި ދަރަޖަ ކުރެވިގެންދާ ގޮތާއި، ކަމެއް ސާބިތު ކުރުމަށް ހެކި ބޭނުންވާ ނިސްބަތާއި، ހެކި ހުށަހެޅުމާއި، ބަލައި ގަތުމާއި، ވަޒަން ކުރުމުގައި އަމަލު ކުރަންޖެހޭ އުސޫޅުތަކާއި، އެނޫނސްވެސް ހެއްކައިބެހޭ އާންމު އުސޫލުތަކާއި މިންގަނޑުތައް ވަރަށް ތަފްސީލުކޮށް ވަރަށް ރަނގަޅަށް ބަޔާން ކޮށްފައިވެއެވެ.

މިބުލުގައި ހެކީގެ ގޮތުގައި ކޯޓަށް ބަލައި ގެނެވޭނީ ކޮން ބާތެއްގެ އެއްޗެއްކަންވެސް ވަނީ ބަޔާންކޮށްފައެވެ. އަދި ހެކި ވަޒަން ކުރުމުގެ އުސޫލުވެސް ތަފްސީލްކޮށްފައިވެއެވެ. މީގެ އިތުރުން ސިޔާސީ ނުފޫޒު ބޭނުންކޮށްގެން ކުރިން ރާވައިގެން ހެކި އުފައްދައިގެން އެކިއެކި މީހުން ފްރޭމްކޮށްގެން، އިންޓެލިޖެންސް ރިޕޯޓް ހަދައިގެން އެރިޕޯޓްތަކުގެ ބޭނުން ނަހަމަ ގޮތުގައި ހަދައިގެން މީހުން ހައްޔަރު ކުރުމަށް ނިމުމަށް ގެނެވިގެންދާނެއެވެ.