ޚަބަރު

ޔޫރަޕްގައި ލިބޭ ގޮތަށް އިންސާނީ ހައްޤުތައް ރާއްޖޭގައި ނުލިބޭނެ


ދިވެހިރާއްޖެއަކީ
ސައްތަ އިން ސައްތަ އިސްލާމީ ޤައުމަކަށްވެފައި، ހުޅަނގުގެ އެއްވަނައިގެ
ޤައުމުތަކުގައި އޮންނަ ފުޅާ މިނުގަޔާ އެމިންވަރަށް ރާއްޖޭގައި އިންސާނީ ޙައްޤުތައް
ނުލިބޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމް
ވިދާޅުވެއްޖެއެވެ.



ބައިނަލްއަޤްވާމީ
އިންސާނީ ޙައްޤުތަކުގެ ދުވަސް ފާހަގަކުރުމަށް ދަރުބާރުގޭގައި ބޭއްވި ޖަލްސާގައި
ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމް
ވިދާޅުވީ، ދިވެހިރާއްޖެއަކީ ސައްތައިން ސައްތަ މުސްލިމުން ދިރިއުޅޭ
ޤައުމަކަށްވެފައި، ހުޅަނގުގެ އެއްވަނައިގެ
ޤައުމުތަކުގައި އޮންނަ ފުޅާ މިނުގައި ރާއްޖޭގައި އިންސާނީ ޙައްޤުތައް ނުލިބޭނެ
ކަމަށެވެ. އަދި އެ ޙައްޤުތައް ދިނުމަށް ރާއްޖޭގެ ޤާނޫނުތަކާއި، ރައްޔިތުންގެ
ވިސްނުންވެސް ޖާގަ ނުދޭ ކަމަށް ރައީސް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ، ބޭރު
ދުނިޔޭގެ ފާޑުކިޔުންތައް ރާއްޖެއަށް އެންމެ ބޮޑަށް އަމާޒުވަނީ، ރާއްޖޭގައި
އެއްޖިންސުން ކައިވެނިކުރުމާއި، ރާއްޖޭގައި އެކިއެކި ދީނަށް އުޅުމުގެ މިނިވަންކަން
ނެތް ކަމަށް ބުނެ ކަމަށެވެ. އަދި މިހުރިހާ ޙައްޤުތަަކަށްވުރެ  މުހިންމީ އިސްލާމީ ދައުލަތެއްގެ ގޮތުގައި
ދިވެހިރާއްޖެ އޮތުން ކަމަށް ރައީސްގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.



'' މިހުރިހާ ޙައްޤުތަކަށްވުރެ
މުހިންމު ވަނީ އިސްލާމީ ދައުލަތެއްގެ ގޮތުގައި ދިވެހި ދައުލަތް އޮންނަން. އިސްލާމީ
ދައުލަތެއްގެ ގޮތުގައި ދިވެހި ދައުލަތް އޮންނަ އިރު ނުދެވޭ ޙައްޤުތަކެއް
އޮންނާނެ،  ރާއްޖެއަށް ދުނިޔޭގެ
ފާޑުކިޔުންތައް އަމާޒުވަނީ ސިޔާސީ ކަންކަމުގެ ތެރެއިންވެސް އިންސާނީ ޙައްޤުޤެ
ފަރުދާގެ ފުރަގަހުގައި ތިބިގެން. ރާއްޖެއަކީ ދީނީ އެކިއެކި ދީންތަކަށް އުޅުމުގެ މިނިވަންކަން
ނެތުމަކީ ދިވެހި ދައުލަތުން އިންސާނީ ޙައްޤުތަކަށް އަރައިގަނެވޭ ކަމެއްގެ ގޮތުގައި
މިއޮތީ ކަނޑައަޅާފައި. އަދި އެއްޖިންސުން ކައިވެނިކުރަން ރާއްޖޭގައި ޖާގަ ނުދޭތީ
ރާއްޖޭއަކީ އެންމެ ފުރިހަމަޔަށް އިންސާނީ ޙައްޤު ނުލިބޭ ޤައުމަކަށްވެފައި މި
އޮންނަނީ " ރައީސް ވިދާޅުވިއެވެ.



ރައީސްގެ
ވާހަކަފުޅުގައި ވިދާޅުވެފައިވަނީ، އިންސާނީ ޙައްޤުތައް ކަށަވަރު ކުރެވޭނީ
ހަމައެކަނި މުއާހަދާތަކުގައި ސޮއިކޮށްގެން ނޫން ކަމަށާއި އެކަން ކުރެވޭނީ
އަޅުގަނޑުމެންގެ މުޖުތަމައުގައި އެކަކު އަނެކަކަށް އިޙްތިރާމްކުރާ ޡަޤާފަތެއް
ކުރިއަރުވައިގެން ކަމަށެވެ.



ރައީސްގެ
ވާހަކަފުޅުގައި ރާއްޖޭގެ އިންސާނީ ޙައްޤުތަކުގެ ޙާލަތާއި މެދު ފާޑުކިޔާ ބޭރު ޤައުމުތަކުގެ
އިންސާނީ ޙައްޤުތަކުގެ ޙާލަތު އޮތް މިންވަރާއި މެދު ވަނީ ސުވާލު އުފައްދަވާފައެވެ.
އެގޮތުން ބައެއް ހިސާބުތަކުގައި ދިރިހުރުމުގެ ޙައްޤުތަކުން މަޙްރޫމްވާ މީހުންގެ
ޚާލު އެފަދަ ޤައުމުތަކަށް ނުފެންނަ ކަމަށާއި މީގެ އެންމެ ފުރިހަމަ މިސާލަކީ
ފަލަސްތީނުގެ ޙާލަތުކަމަށް ރައީސް ފާހަގަކުރެއްވިއެވެ.



ރޭގެ ޖަލްސާގައި
ވާހަކަފުޅުދައްކަވަމުން ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްގެ ރައީސް
އައިމިނަތު އީނާޒް ދެއްކެވި ވާކަފުޅުގައި، ޙައްޤުތަކަކީވެސް ވަކި ހުދޫދެއްގެ
ތެރެއިން ވަކި މިންގަނޑެއްގެ ތެރެއިން ލިބެންޖެހޭ އެއްޗެއް ކަން ޤަބޫލުކުރަންޖެހޭ
ކަމަށް ވިދާޅުވިއެވެ. އަދި އެޗްއާރްސީއެމްއަށް ހުށަހެޅޭ މައްސަލަތައް
އިންސާފުވެރިކަމާއެކު ބެލުމަށް ވަރަށް ގިނަ ބައެއްގެ އެއްބާރުލުން ބޭނުންވާ ކަމަށް
އީނާޒް ވިދާޅުވިއެވެ.



ރޭގެ ޖަލްސާގައި
އެޗްއާރްސީއެމްގެ މެންބަރުންނާއި ދައުލަތުގެ ވަޒީރުންނާއި އިސްވެރިން ވަނީ
ބައިވެރިވެވަޑައިގެންފައެވެ. ބައިނަލްއަޤްވާމީ އިންސާނީ ޙައްޤުތަކުގެ ދުވަސް
ފާހަގަކުރަމުންދަނީ ކޮންމެ އަހަރެއްގެ ވެސް ޑިސެމްބަރު މަހުގެ ދިހަ ވަނަ ދުވަހުއެވެ.