ޚަބަރު

13 މަސްދުވަހަށްފަހު ލުބުނާނުގައި ސަރުކާރެއް ޤާއިމުކޮށްފި


13 މަސްދުވަހަށްފަހު ލުބުނާނުގެ ސަރުކާރަށް އެ ޤައުމުގެ ޤާނޫނުހަދާ މަޖިލީހުން ރުހުންދީފިއެވެ.

ލުބުނާނުގެ ޤާނޫނުހަދާ މަޖިލީހުގައި ބޭއްވި ޖަލްސާއެއްގައި އެ ޤައުމުގެ ބޮޑުވަޒީރު ނަޖީބު މީޤާތީ އެކުލަވާލި ސަރުކާރަށް ރުހުންދީފައިވަނީ 85 މެންބަރުންނެވެ. އަދި ސަރުކާރާ ދެކޮޅަށް ވޯޓު ދީފައިވަނީ 15 މެންބަރުންނެވެ. ކަރަންޓު ކެނޑުމުގެ ސަބަބުން 8 ގަޑިއިރަށް ދިގުދެމިގެންދިޔަ ޖަލްސާ ފަށައިފައިވަނީ އެއް ގަޑިއިރުފަހުންނެވެ.

ސެޕުޓެންބަރު މަހުގެ 10ވަނަ ދުވަހު ލުބުނާނުގެ ބޮޑުވަޒީރުގެ މަޤާމާ ޙަވާލުވެވަޑައިގަތް މިޤާތީ ވިދާޅުވީ އައު ސަރުކާރުން ޤައުމަށް އުއްމީދެއް ގެނެސްދޭނެކަމަށެވެ. އަދި އައު ސަރުކާރުން މަސައްކަތްކުރަނީ އިޚްލާސްތެރިކަމާއެކުކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ލުބުނާނުގެ ބޮޑުވަޒީރުގެ މަޤާމަށް މީޤާތީ ޢައްޔަންކޮށްފައިވަނީ އެ މަޤާމުން ސަޢުދުލް ޙަރީރީ އިސްތިޢުފާދެއްވިތާ 11 ދުވަސްފަހުންނެވެ. ޙަރީރީ އިސްތިޢުފާދެއްވާފައިވަނީ އެ ޤައުމުގައި އައު ސަރުކާރެއް އެކުލަވާލެއްވުމަށް 8 މަސްދުވަހު ކުރެއްވި މަަސައްކަތް ނާކާމިޔާބުވުމުންނެވެ.

ލުބުނާނުގެ ސަރުކާރަށް އެ ޤައުމުގެ ޤާނޫނުހަދާ މަޖިލީހުން ރުހުންދިނުމުގެ ކުރިން މީޤާތީވަނީ 9 ޞަފުހާގެ މައްޗަށް އެކުލެވޭ ސިޔާސަތުތަކެއް އިޢުލާންކުރައްވައިފައެވެ. އޭނާގެ ސަރުކާރުން އެންމެ ބޮޑު އިސްކަމެއް ދޭނީ ލުބުނާނުގެ ހީނަރުވެފައިވާ އިޤްތިޞާދު ކޮޅަށް ޖަހައި ބައިނަލްއަޤްވާމީ މުޖުތަމަޢުން ހިފަހައްޓާފައިވާ އެހީތައް ހޯދުމުގެ އިތުރުން ޤައުމު ހިންގުމަށް ބޭނުންވާ މާލީ އެހީތެރިކަން ހޯދުމަށެވެ. ލުބުނާނުގެ ސިޔާސީ ޙާލަތު ގޯސްވުމުގެ ސަބަބުން ބައިނަލްއަޤްވާމީ މުޖުތަމަޢުން އެ ޤައުމަށް ދެމުންދިޔަ މާލީ އެހީތެރިކަންވަނީ މަޑުޖައްސާލައިފައެވެ.

ވޯލްޑު ބޭންކުން ބުނެފައިވާ ގޮތުގައި ލުބުނާނަށް ކުރިމަތިވެފައިވަނީ ފާއިތުވި 150 އަހަރުގެ ތެރޭގައި ޤައުމަކަށް ދިމާވެފައިވާ އެންމެ ބޮޑު އިޤްތިޞާދީ މުސީބާތާކަމަށެވެ.