ވިޔަފާރި

ފިނި މޫސުމާ ދިމާކޮށް އައިބީރިއާގެ ދަތުރުތައް ރާއްޖެއަށް


ޑިމާންޑު ރަނގަޅުވުމުން މިއަހަރުގެ ފިނި މޫސުމާއި ދިމާކޮށްވެސް ރާއްޖެއަށް ދަތުރުތަށް ބޭއްވުމަށް ސްޕެއިންގެ އައިބީރިއާ އެއަރލައިންސްއިން ނިންމައިފިއެވެ.

އައިބީރިއާ އެއަރލައިންސުންވަނީ މިއަހަރުގެ ހޫނު މުސުމުގައިވެސް ރާއްޖެއަށް ދަތުރުތަށް ބާއްވާފައެވެ. އެގޮތުން ޖުލައި މަހުން ފެށިގެން އޮގަސްޓްމަހުގެ ނިޔަލަށް އައިބީރިލިއާ އެއަރލައިންސްއިން ރާއްޖެއަށް ދަތުރުތަށް ބާއްވާފައިވާއިރު، މި ދަތުރުތަކަށް ރަނގަޅު ޑިމާންޑެއް އޮތްކަން އެއެއަރލައިނުން ފާހަގަކުރެއެވެ. އައިބީރިއާ އެއަރލައިނުން އޭރު ރާއްޖެއަށް ބާއްވާފައިވަނީ ހަފްތާއަކު 3 ދަތުރެވެ.

މިއަހަރުގެ ފިނި މޫސުމާއި ދިމާކޮށް ބާއްވާ ދަތުރުތަށް ބޭއްވުމަށް ހަމަޖެހިފައިވަނީ ޑިސެމްބަރުމަހުން ފެށިގެން ފެބްރުއަރީމަހުގެ ނިޔަލަށެވެ.

އައިބީރިއާގެ ދަތުރުތައް ރާއްޖެއަށް ކުރުމަށް ހަމަޖެހިފައިވަނީ ސްޕެއިންގެ ވެރިރަށް މެޑްރިޑާއި ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓާ ދެމެދުއެވެ. މި ދަތުރުތަކާއެކު ޔޫރަޕްގެ ޤައުމުތަކުން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ ޢަދަދުތައް އިތުރުވެގެންދާނެކަމަށް ބެލެވެއެވެ.

ކޯވިޑާގުޅިގެން ދުނިޔޭގެ ފަތުރުވެރިކަމަށްވެސް އޭގެ ނޭދެވޭ އަސަރުކޮށްފައިވާއިރު، ރާއްޖެ ފަދަ ކުޑަ ޤައުމަކުންދަނީ މިޙާލަތުގައި ފަތުރުވެރިކަމުގެ ދާއިރާއިން ގިނަ ކާމިޔާބީތަކެއް ހޯދަމުންނެވެ. ރައްކާތެރި މަންޒިލެއްގެ ގޮތުގައި ރާއްޖެ އިޝްތިހާރުވެފައިވާއިރު، ފަތުރުވެރިންގެ މެދުގައި ރާއްޖެއަށް އޮންނަ މަޤްބޫލްކަން އިތުރުވެ ގިނަ އެއަރލައިންތަކަކުން ދަނީ ރާއްޖެއަށް ދަތުރުތައް ބާއްވަމުންނެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާގޮތުން މިހާރު ރާއްޖެއަށް 33 އެއަލައިންއަކުން ދަނީ ދަތުރުތައް ބާއްވަމުންނެވެ. މީގެތެރޭގައި ހިމެނެނީ ޝެޑިއުލް ދަތުރުތައް ރާއްޖެއަށް ބާއްވާ 23 އެއަރލައިންއަކާއި ޗާޓަރ ދަތުރުތައް ރާއްޖެއަށް ބާއްވާ 10 އެއަރލައިނެކެެވެ.