ޚަބަރު

މިއަހަރުގެ ފުރަތަމަ 6 މަސްތެރޭގައި 339 ލަފާ ދެއްވާފައިވާނެ-އޭސީސީ


މިއަހަރުގެ ފުރަތަމަ 6 މަސް ދުވަހުގެ ތެރޭގައި ދައުލަތުގެ އެކި އިދާރާތަކަށް 339 ލަފާ ދެއްވާފައިވާކަމަށް އެންޓި-ކޮރަޕްޝަން ކޮމިޝަނުން ވިދާޅުވެއްޖެއެވެ.

އެ ކޮމިޝަނުން ވިދާޅުވީ، ދައުލަތުގެ އިދާރާތަކަށް ދެ ޙާލަތެއްގައި ލަފާއާއި އިރުޝާދު ދެއްވާފައިވާކަމަށެވެ. އެއީ ދައުލަތުގެ އިދާރާތަކުން ލަފަޔަށް ނުވަތަ ހުއްދައަށް އެދުމުންނާއި، ކޮމިޝަނުން ތަޙުޤީޤުކުރާ މައްސަލަތަކާ ގުޅިގެން ފާހަގަކުރެވޭ ކަންތައްތައް އިޞްލާޙުކުރުމަށް އެކަމާ ގުޅުންހުރި ދައުލަތުގެ އިދާރާތަކަށް އެންގޭ އެންގުންތަކާއި ދެވޭ ލަފަޔާ އިރުޝާދުކަމަށް އޭސީސީން މަޢުލޫމާތުދެއްވައެވެ. 

އެގޮތުން، ދައުލަތުގެ އިދާރާތަކުން ހުއްދައަށް ނުވަތަ ލަފަޔަށް އެދި ހުށައަޅުއްވައިފައިވާ ކަންކަމާ ގުޅިގެން 2015 ވަނަ އަހަރުގެ ފުރަތަމަ 6 މަސް ދުވަހު 129 އިދާރާއަކަށް 224 ހުއްދައާއި، ލަފާ ދީފައިވާއިރު 2014 ވަނަ އަހަރު ތެރޭގައި ޖުމްލަ 145 އިދާރާއަކަށް 380 ހުއްދައާއި ލަފާ ދީފައިާކަމަށް އޭސީސީގެ ތަފާސް ހިސާބުތަކުން ދައްކައެވެ.

މީގެ އިތުރުން ކޮމިޝަނުން ތަޙުޤީޤުކުރާ މައްސަލަތަކާ ގުޅިގެން ފާހަގަކުރެވޭ ކަންތައްތައް އިޞްލާޙުކުރުމަށް 2015 ވަނަ އަހަރުގެ ފުރަތަމަ 6 މަސް ދުވަހު 115 އެންގުމެއް، 116 އިދާރާއަކަށް އަންގާފައި ވާކަމަށްވެސް އޭސީސީގެ ތަފާސް ހިސާބުތަކުން ދައްކައެވެ.