ޚަބަރު

އިހުގައި ކާޑުގުދަން ހުރި ސަރަޙައްދުން ބޮލިވަޅެއް، އޭރު އެއީ ފައިސާ


އާދަޔާ ޚިލާފަށް ގިނަ ޢަދަދެއްގެ ކުދި ބޮލި ވަޅުލާފައިވާ ބޮލިވަޅެއް، ނ.ހޮޅުދުއިން ފެނިއްޖެއެވެ. މިވައްތަރުގެ ކުދި ބޮއްޔަކީ އިހުޒަމާނުގައި ރާއްޖޭގައި އަދި ދުނިޔޭގެ ބައެއް ޤައުމުތަކުގައި ފައިސާގެގޮތުގައި ބޭނުންކުރި އެއްޗެކެވެ.

މި ބޮލިވަޅު ފެނުމާއެކު އޮޅުދޫގެ ދުވަސްވީ މިހުންބުނީ އެއީ އިހުގައި އެރަށުގެ ކާޑު ގުދަން ހުރި ސަރަހައްދުކަމަށެވެ. މިހާރު އެއީ އެރަށުގައި ހުންނަ ބެންކް އޮފް މޯލްޑިވްސް ބްރާންޗްގެ ދޮރުމައްޗެވެ.

ހޮޅުދޫގެ ދުވަސްވީމީހުން ބުނާގޮތުގައި އެއީ ކާޑު ގުދަނުން ކާޑުވިއްކާފައި ރައްކާކުރުމަށް ބަހައްޓާފައިހުރި ބޮލިކަމަށް ލަފާކުރެވެއެވެ. މި ބޮލިވަޅު ފެނުނީ ކަރަންޓް ކޭބަލް ވަޅުލުމަށް ކޮންނަމުން ދިޔަބަޔަކަށެވެ. އެއީ އެސަރަޙައްދުގެ ބިމުގެ ދެފޫޓެއްހައި އަޑިންނެވެ.

މިބޮލިތައް މިހާރު ނެގި ސަރަހައްދުގައި ވަޅުލާފައިވާނެކަމަށާ، ރަށުގެ ބައެއް މީހުން އެކި އެކި ބޭނުންތަކަށް މިތަނުން ބައެއް ބޮލިތައް ގެންގޮސްފައިވާކަމަށް އެރަށު ކައުންސިލްގެ ރައީސް ރިޟުވާން މުހައްމަދު ވިދާޅުވިއެވެ.

"އިތުރަށް އެބޮލިތައް ބަލަން ބޭނުންވެއްޖެނަމަ އެސަރަަހައްދު ކޮނެގެން ދައްކަން ޖެހޭނީ، އެއީ މިހާރު އެތަކެތި ރައްކާކުރާނެތަނެއް ނެތުމާ މަގުމަތި ކޮނެފައި ނުބޭއްވޭނެތީ." އޭނާ ވިދާޅުވިއެވެ.

އިހުގައި ބޮލި ވަޅުލަނީ ގިނަ ދުވަހަށް އެބޮލިތައް ހަލާކުވިޔަނުދީ ބެހެއްޓުމުގެ ބޭނުންމުގައްޔާއި ބޮލި ހިލައިގެން ގެނެސް އޭގެ މަސްތައް މަރާލައި ވަސްކެނޑުވުމުގެ ބޭނުމުގައެވެ.

މިނިސްޓަރ އޮފް ސްޓޭޓް ފޯރ އާޓްސް ކަލްޗަރ އެންޑް ހެރިޓޭޖް މުޙައްމަދު ޠާރިޤު ވިދާޅުވީ ރަށްރަށުން ފެންނަ މިފަދަ ތާރީޚީ ބައެއްތަކެތި ބަހައްޓަނީ އެރަށެއްގެ ކައުންސިލް ބެލުމުގެދަށުގައިކަމަށެވެ. އަދި މިގޮތަށް ރަށްރަށުން ފެންނަ ހުރިހާ އެއްޗެއްސަކީ މާލެގެނެސް ދާރުލްއާސާރުގައި ބަހައްޓާ ތަކެތިނޫންކަމަށާ، އެއީ ލޯކަލް ޓުއަރިޒަމް ފުޅާވެގެން ދާ މިދުވަސްވަރުގައި އެރަށެއްގެ ތާރީޚާ ގުޅޭއެއްޗެހި ނުވަތަ އެފަދަ އެއްޗެއްސާބެހޭ މައުލޫމާތު ފަތުރުވެރިންނަށްދީ ދައްކާލުމުގެ ބޭނުމުގައިކަަމަށް ޠާރިޤު ވިދާޅުވިއެވެ.

އިހު ޒަމާނުގައި ފައިސާގެގޮތުގައި ބޭނުން ކުރަމުން އައި ވައްތަރުގެ ބޮލި ރާއްޖޭގެ ރަށަކުން މިހާ ގިނަ ޢަދަދަކަށް ފެނުނު މިއީ ފުރަތަމަ ފަހަރެވެ.