ވިޔަފާރި

މޯލްޑިވްސް ބޯޑަރ މައިލްސްގެ ބްރޭންޑް އެންބެސެޑަރަކަށް ޖޯސް އެންރިކް


މޯލްޑިވްސް ބޯޑަރ މައިލްސްގެ ބްރޭންޑް އެންބެސަޑަރަކަށް ޖޯސް އެންރިކް ހަމަޖައްސައިފިއެވެ. މީނާއަކީ ކުރިން ލިވަރޕޫލް އެފްސީ އަދި ނިއުކަރސަލް ޔުނައިޓެޑްގެ ޑިފެންޑަރެއްގެ މަޤާމު އަދާކޮށްފައިވާ ކުޅުންތެރިއެކެވެ.

މޯލްޑިވްސް ބޯޑަރ މައިލްސް ޕްރޮގްރާމަކީ ކޯވިޑް-19ގެ ބަލިމަޑުކަމާއެކު ދިވެހިރާއްޖޭގެ ބޯޑަރު ބަންދުކުރުމާ ގުޅިގެން، ފަތުރުވެރިން ރާއްޖެއައުން ހުއްޓި، ޤައުމުގެ އިޤްތިޞާދަށް އައި ހީނަރުކަމުން އަރައިގަނެ، ރާއްޖޭގެ ފަތުރުވެރިކަން އާ ހަރުފަތަކަށް ގެންގޮސް، އިތުރަށް ކުރިއެރުވުމަށްޓަކައި މޯލްޑިވްސް އިމިގްރޭޝަންގެ އިސްނަގައިގެން ތައާރަފްކޮށްފައިވާ ޕްރޮގުރާމެކެވެ. މިއީ ދުނިޔޭގައި ވެސް މިފަދަ ޕްރޮގްރާމެއް ފެށި ފުރަތަމަ ފަހަރެވެ.

މި ޕްރޮގްރާމްގެ ބްރޭންޑް އެންބެސެޑަރަކަށް ޖޯސް އެންރިކް ހަމަޖެއްސުމާއި ގުޅިގެން އެމްބެސެޑަރެއްގެ ހައިސިއްޔަތުން އޭނާ ބޯޑަރ މައިލްސްގެ ޓީމާއެކު ރާއްޖެ މުޅި ދުނިޔޭގައި އިސްތިހާރުކުރާނެއެވެ.

މޯލްޑިވްސް ބޯޑަރ މައިލްސް ޕްރޮގްރާމްގެ އެންމެ ފުރަތަމަ އެމްބެސެޑަރަކަށް ޖޯސް ހަމަޖެއްސުމާ ގުޅިގެން އޭނާ ބުނެފައިވަނީ މިއީ އޭނާއަށް ލިބުނު ވަރަށް ބޮޑު ޝަރަފެއްކަމަށެވެ. ރާއްޖެއަކީ ޗުއްޓީ ހޭދަކޮށްލުމަށް އޭނާއަށް އެންމެ ކަމުދާ މަންޒިލްކަމަށާ، އަދި ޖޯސް ރާއްޖެ ސިފަކުރެއްވީ ދުނިޔެމަތީގެ ސުވަރުގޭގެގޮތުގައެވެ.

ބޯޑަރ މައިލްސް ޕްރޮގްރާމްގެ ބްރޭންޑް އެންބެސެޑަރަކަށް އޭނާ ހަމަޖެއްސުމާ ގުޅިގެން ޖޯސް ވަނީ އޭނާގެ ހުރިހައި ސަޕޯޓަރުންނަށް ބޯޑަރ މައިލްސް ޕްރޮގްރާމްގައި ބައިވެރިވުމަށް ގޮވާލާފައެވެ. އޭނާ ބުނެފައިވަނީ މި ޕްރޮގްރާމްގެ ސަބަބުން ފަތުރުވެރިންނަށް ގިނަ ފައިދާތަކެއް ލިބިގެންދާނެކަމަށެވެ.

ޖޯސް ބުނީ އޭނާ ޤަބޫލުކުރާ ގޮތުގައި އެއްފަހަރަށްވުރެ ގިނަ ފަހަރު ރާއްޖެ އަންނަ ފަތުރުވެރިންނަށް މިއީ ރަނގަޅު ޕްރޮގްރާމެއްކަމަށެވެ. އަދި މި ޕްރޮގްރާމްގެ ތެރެއިން ރާއްޖޭގެ އެކިއެކި ކަންކަން ބަލާ ތަޖުރިބާކޮށްލުމުގެ ފުރުސަތު ފަތުރުވެރިންނަށް ލިބިގެންދާނެކަމަށެވެ.

މި ޕްރޮގްރާމުގެ ބައިވެރިންނަށް ލިބޭ ޚާއްސަ ފައިދާތައް ބެހިގެންވަނީ 3 ދަރަޖައަކަށެވެ. ބްރޮންޒް އަށް ދީފައިވާ ނަމަކީ "އައިދަ"އެވެ. ސިލްވަރ އަށް "އަންތަރަ" ކިޔާއިރު ގޯލްޑަށް ކިޔަނީ "އަބާރަނަ"އެވެ. މިއިން ކޮންމެ ދަރަޖައަކަށް ލިބޭ އިނާޔަތްތައްވެސް ތަފާތެވެ.

ބޯޑަރ މައިލްސް ޕްރޮގްރާމްގައި ބައިވެރިވުމަށް ފަތުރުވެރިން ރާއްޖޭގައި މަދުވެގެން 3 ދުވަސް މަޑުކުރަންޖެހެއެވެ. އަދި މަޑުކުރަންޖެހޭނީ ޓޫރިސްޓް ފެސިލިޓީއެއްގައެވެ. މޯލްޑިވްސް އިމިގްރޭޝަނުން އިސްނަގައިގެން ޓޫރިޒަމް މިނިސްޓްރީއާއި ގުޅިގެން ތަޢާރަފުކުރި މި ޕްރޮގްރާމުގައި މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯރޕަރޭޝަން، (އެމްއެމްޕީއާރްސީ)އާއި މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް، އެމް.އޭ.ސީ.އެލް ވަނީ ޕާޓްނަރުންގެ ގޮތުގައި ބައިވެރިވެފައެވެ.