ޚަބަރު

އިތުރު 79 މީހަކު ކޯވިޑަށް ޕޮޒިޓިވްވެއްޖެ


ރާއްޖެއިން އިތުރު 79 މީހަކު ކޯވިޑް-19އަށް ޕޮޒިޓިވްވެއްޖެއެވެ. ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި އެންމެ ގިނައިން މީހުން ކޯވިޑްއަށް ޕޮޒިޓިވްވީ އަތޮޅުތެރޭގެ ރަށްރަށުންނެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ޢާއްމުކޮށްފައިވާ އެންމެފަހުގެ ތަފާސްހިސާބުތައް ދައްކާގޮތުން ފައިތުވި 24ގަޑިއިރުތެރޭ ރާއްޖެއިން ބައްޔަށް ޕޮޒިޓިވްވެފައިވަނީ 79 މީހުންނެވެ. މީގެތެރޭގައި ހިމެނެނީ މާލެ ސަރަޙައްދުން ޕޮޒިޓިވްވި 26 މީހުންނާއި، އަތޮޅުތަކުގެ ރަށްރަށުން ޕޮޒިޓިވްވި 42 މީހުންނެވެ. އަދި ރިސޯޓްތަކުން 11 މީހަކު ވަނީ ޕޮޒިޓިވްވެފައެވެ.

އަލަށް ބައްޔަށް ޕޮޒިޓިވްވި މީހުންނާއެކު ރާއްޖެއިން ކޯވިޑަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ ޢަދަދުވަނީ 83،655 އަށް އަރާފައެވެ.

ކޯވިޑް-19އަށް މިވަގުތު ފަރުވާ ހޯދަމުންދަނީ 1،609މީހުންނެވެ. މި މީހުންގެ ތެރެއިން 23 މީހުންނަށް ފަރުވާދެމުން އަންނަނީ ކޯވިޑް މެޑިކަލް ފެސިލިޓީތަކުގައި އެޑްމިޓްކޮށްގެންނެވެ. ވޭތުވެދިޔަ 24 ގަޑިއިރު މިބަލިން 133 މީހަކު ވަނީ ރަނގަޅުވެފައެވެ. މިއާއެކު ބަލިން ރަނގަޅުވި މީހުންގެ ޢަދަދުވަނީ 81،804އަށް އަރާފައެވެ.

ބަލި ދެނެގަތުމަށް ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައިވަނީ 3،983 ސާމްޕަލް ޓެސްޓުކޮށްފައެވެ. މިބަލީގައި މިހާތަނަށް 229 މީހުން ރާއްޖޭގައި ވަނީ ނިޔާވެފައެވެ.