ޚަބަރު

އދ.ގެ ޖެނަރަލް އެސެމްބްލީގެ ދަރިވަރުންގެ މާދިރީ، ވަރަށް ޝައުޤުވެރި!


އދ.ގެ 76ވަނަ ދައުރު ފެށުން ފާހަކުރުމުގެ ގޮތުން ރާއްޖޭގެ ހުރިހާ ސްކޫލްތަކެއް ގުޅިގެން އދ.ގެ ޖެނެރަލް އެސެމްބްލީގެ ނަމޫނާ ބައްދަލުވުމެއް ބާއްވައިފިއެވެ.

މިއީ އެކުވެރި ދައުލަތްތައް (އދ)އާ ބެހޭގޮތުން ސްކޫލް ދަރިވަރުންނަށް މަޢުލޫމާތުދީ ހޭލުންތެރިކޮށް، އދ.ގެ ޢާއްމު މަޖިލީހުގެ 76ވަނަ ދައުރުގެ ފެށުން ފާހަގަ ކުރުމުގެ ގޮތުން ބޭއްވި ނަމޫނާ ބައްދަލުވުމެކެވެ.

ވަރޗުއަލްކޮށް ކުރިއަށް ގެންދިޔަ މިބައްދަލުވުމުގައި ސަރުކާރު ސްކޫލްތަކާއި ރާއްޖޭގައި ހިންގާ އަމިއްލަ ސްކޫލްތައް ހިމެނޭ ގޮތަށް ޖުމްލަ 219 ސްކޫލަކުން ވަނީ ބައިވެރިވެފައެވެ.

މި ބައްދަލުވުން ފަށާފައިވަނީ އދ.ގެ ޢާއްމު މަޖިލީހުގެ 76ވަނަ ދައުރުގެ ރިޔާސަތަށް ހޮވިވަޑައިގެންނެވި ރާއްޖޭގެ ޚާރިޖީ ވަޒީރު ޢަބްދުﷲ ޝާހިދަށް މަރުހަބާ ދެންނެވުމަށްފަހުގައެވެ. އަދި މާދަރީގައި ޢާއްމު މަޖިލީހުގެ ރައީސްކަން އަދާކުރި ދަރިވަރު ވަނީ ފެށުމުގެ ބަސްވަނީ މި ބއްދަލުވުގައި ދީފައެވެ. މި ބައްދަލުވުމުގައި ދަރިވަރުން ވަނީ އދ.ގެ އެކި މެމްބަރު ޤައުމުތައް ތަމްސީލްކޮށް މިއަހަރުގެ ތީމް ކަމުގައިވާ " ބިލްޑިން ރެސިލިއަން ތްރޫ ހޯޕް ޓު ރިކަވަރ ފްރޮމް ކޯވިޑް-19، ރީބިލްޑް ސަސްޓެއިނަބަލީ، ރެސްޕޯންޑްސް ޓު ދަ ނީޑްސް އޮފްދަ ޕްލެނެޓް، ރެސްޕެކްޓް ދަ ރައިޓްސް އޮފް ޕީޕަލް"އާ ގުޅޭގޮތުން ވާހަކަދައްކާފައެވެ. އަދި ދަރިވަރުން ވަނީ އެދަރިވަރަކު ތަމްސީލްކުރި ޤައުމުތަކުގެ އެކި މައްސަލަތަކާ ގުޅޭގޮތުންވެސް ވާހަކަދައްކާފައެވެ.

މިބައްދަލުވުމުގައި ދަރިވަރުން ތިބީ އެދަރިވަރަކު ތަމްސީލްކުރި ޤައުމުތަކުގެ ހެދުންއަޅައިގެންނެވެ.

އދ.ގެ ޢާންމު މަޖިލީހަކީ 193 މެމްބަރު ގައުމުގެ މައްޗަށް އެކުލެވޭ އާންމު މަޖިލީހެވެ. މިއީ އދ.ގެ ސިޔާސަތު ކަނޑައަޅާ އެންމެ މުހިންމު ގުނަވަނެވެ. އަދި މި މަޖިލީހަކީ ދުނިޔޭގެ ހުރިހާ ގައުމަކުން ތަމްސީލުކުރާ ދަރުބާރަކަށް ވުމާއެކު، މިއީ ދުނިޔޭގެ ގައުމުތަކަށް ކުރިމަތިވާ ތަފާތު މައްސަލަތަކާމެދު ބަހުސްކުރެވޭ، އަދި އެވަގުތެއްގެ ދުނިޔޭގެ ސިޔާސީ، އިޤްތިސާދީ އަދި އިޖުތިމާއީ ހާލަތު ވަރަށްވެސް ރަނގަޅަށް ތަމްސީލުކޮށްދޭ މަޖިލީހެކެވެ.

އާންމު މަޖިލީހުން، އދ.ގައި އަދާކުރާ މައިގަނޑު މަސްޢޫލިއްޔަތުތަކުގެ ތެރޭގައި ޔޫއެންގެ ސެކިއުރިޓީ ކައުންސިލްގެ ލަފާގެމަތިން، ޖަމިއްޔާގެ ސެކްރެޓަރީ ޖެނެރަލް އައްޔަން ކުރުމާއި، ސެކިއުރިޓީ ކައުންސިލްގެ ދާއިމީ ނޫން މެމްބަރުން އައްޔަން ކުރުމާއި، އދ.ގެ ބަޖެޓު ފާސްކުރުން ހިމެނެއެވެ.