ޚަބަރު

އެޗްޑީސީގެ ރަށްވެހި ދަނޑުވެރިކަން ކުރުމަށް ބިން ޙަވާލުކޮށްފި


ހުޅުމާލޭގައި ޢާންމުންނަށް ދަނޑުވެރިކަން ކުރުމަށް ހުޅުވާލި ފުރުޞަތުގައި ބިން ލިބުނު ފަރާތްތަކަށް ބިން ޙަވާލުކޮށް "އާބަން ފާމިން" މަޝްރޫއު މިއަދު ރަސްމީކޮށް އިފުތިތާހު ކޮށްފިއެވެ.

މިމަޝްރޫޢާއި ދަނޑުވެރިކަން ކުރުމަށް ކަނޑައަޅާފައިވާ ސަރަަޙައްދު ހުޅުވައިދެއްވީ މިނިސްޓަރ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ ޑރ.ޙުސައިން ރަޝީދު ހަސަނެވެ.

"ކޮމިއުނިޓީ އަރބަން ފާމިން"މަޝްރޫޢުއަކީ ޖަޕާންގެ ހިލޭ އެހީގައި ޔޫއެންޑީޕީ އާއި އެޗްޑީސީ ގުޅިގެން ހިންގާ "ސަސްޓެއިނަބަލް އިކޮނޮމިކް އެމްޕަވަރމަންޓް ފޯ ޑިވެލޮޕްމަންޓް އޮފް އެމް.އެސް.އެމް.އީސް"(ސީޑްސް) މަޝްރޫއުގެ ބައެކެވެ.

މި މަޝްރޫއުގެ ދަށުން ޒުވާން އަންހެނުންނަށް ޚާއްސަ ކެޓަގަރީއަކާއި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ އިތުރަށް އެހެނިހެން ކެޓަގަރީއަށް ބަހާލައިގެން 3 ދަނޑުވެރިން އެކުލެވޭ 16 ގްރޫޕެއް ވަނީ ހޮވާފައެވެ. އެޗްޑީސީން ވިދާޅުވީ މިމަޝްރޫއު ކުރިއަށް ގެންދިޔުމުގެ އެންމެ ބޮޑު މަޤްޞަދަކީ ދަނޑުވެރިކަމުގެ ސިނާއަތް ކުރިއަރުވައި ދަނޑުވެރިކަމަށް އަހުލުވެރިކޮށް މި ދާއިރާއިން ގިނަ ބަޔަކު ބިނާކުރުން ކަމަށެވެ. މިގޮތުން ހުޅުމާލޭގައި ދިރިއުޅެނީ ރައްޔިތުންނަށް ދުޅަހެޔޮ ދިރިއުޅުމެއް އުޅުމުގެ ފުރުޞަތު ހޯދައިދިނުމަށް ގިނަ ޕާކްތަކާއި ހުސްޖާގަތައް ހެޔޮގޮތުގައި ބޭނުންކޮށް އަދި ކޯވިޑް-19ގެ ސަބަބުން މާލީގޮތުން އެންމެ ބޮޑު ގެއްލުމެއް ލިބިފައިވާ ފަރާތްތަކަށް ދެމެހެއްޓެނިވި ގޮތެއްގައި ޢާމްދަނީ ލިބޭނެ ގޮތެއް ހޯދައިދިނުމަކީވެސް މި މަޝްރޫއުގެ އަމާޒެއްކަމަށް އެޗްޑީސީން ވިދާޅުވެއެވެ.

އަރބަން ފާމިންގެ ގޮތުގައި ހުޅުމާލެއިން ދޫކޮށްފައިވާ 16 ޕްލޮޓްގައި ފުރަތަމަ 3 މަސް ދުވަހު އެއްވެސް ކުއްޔެއް ނުނަގައި އެކަށީގެންވާ އެލަވަންސެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ.

އެޗްޑީސީން ވިދާޅުވީ މި ޕްރޮގްރާމްގެ ބައިވެރިންނަށް ދަނޑުވެރިކަމާއި ގުޅެގޮތުން އިތުރު މަޢުލޫމާތު ދިނުމަށް މިނިސްޓްރީ އޮފް ފިޝަރީސް މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ، ބީސީސީ އަދި އެގްރޯނެޓުން ތަމްރީން ޕްރޮގްރާމެއް ހިންގާފައިވާކަމަށެވެ.

މި މަޝްރޫއަކީ އެޗްޑީސީއާއި ޔޫއެންޑީޕީއާއި ގުޅިގެން ހިންގި މިފަދަ ފުރަތަމަ ޕްރޮގްރާމެވެ. އަދި މިމަޝްރޫއު އިތުރަށް ފުޅާކޮށް ދަނޑު ބިންތަކުގައި ދަނޑުވެރިކަން ކުރާ ފަރާތްތަކަށް އުފައްދާ ބާވަތްތައް ވިއްކާ ޢާމްދަނީ ހޯދުމުގެ މަގު ފަހިކޮށްދިނުމުގެ ގޮތުން ޕްލާޒާ އޭރިއާއެއް އަދި މިފަދަ ބިންތައް އިތުރުކުރުމަށް ހަމަޖެހިފައިވާކަމަށް އެޗްޑީސީން ވިދާޅުވެއެވެ.


މީގެ އިތުރުންވެސް ހުޅުމާލޭގެ މާސްޓަރ ޕްލޭން އެކުލަވާލައި އޯޕަން ސްޕޭސްގެ ގޮތުގައި ގިނަ ސަރަަޙައްދުތަކަށް ކަނޑައެޅިފައިވާއިރު މިފަދަ ތަންތަނަކީވެސް ރިވިއު ކުރެވި ޕްލޭން ބަދަލުކުރުމުގެ މަސައްކަތް ދަނީ އެކުންފުނިން ކުރަމުންނެވެ. މިގޮތުން މިފަދަ ސަރަޙައްދުތަކުން ވީހާވެސް ގިނަ ފަރާތްތަކަކަށް ފައިދާ ކުރާނެ ކަންތައްތައް ހިމަނައިގެން ޕްލޭން ބަދަލުކުރުމަށް ނިންމާފައިވަކަމަސް އެޗްޑީސީން ވިދާޅުވެއެވެ.