ވިޔަފާރި

މާފަރާއި ނިއުދިއްލީއާއި ދެމެދު މޯލްޑިވިއަން ޝެޑިއުލްދަތުރުތަށް މިއަންނަ މަހު ފަށަނީ


މާފަރާއި އިންޑިއާގެ ވެރިރަށް ނިއުދިއްލީއާ ދެމެދު ދަތުރުތައް މިއަންނަ މަހު ފެށުމަށް ހަމަޖެހިފައިވާ ކަމަށް ޤައުމީ އެއާރލައިން މޯލްޑިވިއަންއިން ބުނެފިއެވެ.

މޯލްޑިވިއަންއިން އިން ބުނީ މިއަންނަ މަހު 21 ވަނަ ދުވަހު ފަށާ މިދަތުރުތައް ހަފްތާއަކު ތިން ދުވަހު ބާއްވާ ގޮތަށް ރޭވިފައިވާ ކަމަށެވެ. އެގޮތުން ދަތުރުތައް ކުރާނީ ބުދަ، ހުކުރު އަދި އާދިއްތަ ދުވަހު ކަމަށް އެއަރލައިން ބުނެއެވެ.

މޯލްޑިވިއަންއިން ހާމަކުރި ގޮތުގައި މާފަރާއި ނިއުދިއްލީއާއި ދެމެދު ދެކޮޅު ޓިކެޓު އުޅެނީ 285 ޑޮލަރަށެވެ. އަދި ނިއުދިއްލީއާއި މާފަރާއި ދެމެދު ޓިކެޓު ވިއްކަންފަށާ އަގަކީ، 312 ޑޮލަރު ކަމަށެވެ.

ކޯވިޑް-19އިގެ ހާލަތުގައި ބައިނަލްއަޤްވާމީ ދަތުރުތައް ބޯޑަރު ބަނދުވުމާއެކު މޯލްޑިވިއަން ހުއްޓާލިއެވެ. ނަމަވެސް މިހާރު ކައިރި ޤައުމުތަކަށް މޯލްޑިވިއަން ދަތުރުތައް ފަށާފައިވާކަން އެކުންފުނިން ފާހަގަ ކުރެއެވެ. އަދި މިއީ ކޯވިޑް ހާލަތަށްފަހު އެއާލައިނުން މުޅިން އަލަށް ދަތުރު ފަށާ ރޫޓެއްކަމަށް މޯލްޑިވިއަންއިން ބުނެއެވެ.