ޚަބަރު

ބަންގްލަދޭޝް ލައިސަންސްވެސް ރާއްޖޭގައި ވަކި މުއްދަތަކަށް ބޭނުންކުރެވޭނެ


ރާއްޖޭގެ ޓްރާންސްޕޯޓް މިނިސްޓްރީން ޤަބޫލުކުރާ ބޭރުގެ އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސްތަކުގެ ތެރޭގައި ބަންގްލަދޭޝްގެ ލައިސަންސް ހިމަނައިފިއެވެ.

ރާއްޖޭގެ ޓްރާންސްޕޯޓް މިނިސްޓްރީން ޤަބޫލުކުރާ ލައިސަންސްތައް ރާއްޖޭގައި ވަކި މުއްދަތަކަށް ބޭނުންކުރުމުގެ ހުއްދަ ދޭން ފެށީ އެއްގަމު ދަތުރުފަތުރުގެ ޤާނޫނަށް ގެނައި އިސްލާހާއެކުއެވެ.

ޓްރާންސްޕޯޓް މިނިސްޓްރިއިން ވިދާޅުވީ މިނިސްޓްރީއިން ޤަބޫލުކުރާ ޤައުމުތަކުން ދޫކޮށްފައިވާ ސައްޙަ ލައިސަންސްއެއް އޮތް މީހުންނަށް، އިތުރު ލައިސެންސެއް ހޯދުމަކާއިނުލާ ރާއްޖޭގައި އެއްގަމު އުޅަނދު ދުއްވޭނެކަމަށެވެ. މި ހުއްދަ ދެނީ 90 ދުވަހުގެ މުއްދަތަށްކަމަށް ޤަވާއިދުގައިވެއެވެ.

މިނިސްޓްރީން ހުއްދަ ދޫކުރި ޤައުމުތަކުގެ ލިސްޓް ފުރަތަމަ އާއްމުކޮށްފައި ވަނީ މިއަހަރުގެ އޮގަސްޓްމަހުގެ 3 ވަނަ ދުވަހުއެވެ. ފުރަތަމަ އާއްމުކުރި ލިސްޓުގައި އެއްގަމު އުޅަނދު ދުއްވުމުގެ ހުއްދަ ދީފައިވަނީ 25 ޤައުމަކަށެވެ. މީގެތެރޭގަ ޔޫރަޕާއި އޭޝިއާގެ ޤައުމުތައްވެސް ހިމެނެއެވެ.

މި ލިސްޓާއެކު އެންމެ ބޮޑު ޝަކުވާއަކަށް ވަނީ ބަންގްލަދޭޝްގެ ލައިންސަންސް ކާޑު ބޭނުންކޮށްގެން، ދަތުރުކުރުމުގެ ހުއްދަ ދީފަ ނުވާތީއެވެ. ރާއްޖޭގައި މަސައްކަތް ކުރާ ބިދޭސީންގެ އެންމެ ބޮޑު އާބާދިއެއް ހިއްސާކުރަނީވެސް ބަންގްލަދޭޝްގެ ރައްޔިތުންނެވެ. މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސްގެ ތަފާސް ހިސާބުތަކުން ދައްކާގޮތުގައި ރާއްޖޭގަ 177،000އަށްވުރެ ގިނަ ބިދޭސީ މަސައްކަތްތެރިން ވަޒީފާ އަދާކުރެއެވެ. މީގެތެރެއިން %63 ޙިއްސާކުރަނީ ބަންގްލަދޭޝްންގެ ރައްޔިތުންނެވެ. އެއީ 112،000އަށްވުރެ ގިނަ މީހުންނެވެ.

މި ލިސްޓުގައި ބަންގްލަދޭޝް މިހާރު ހިމަނާފައިވާއިރު، މިލިސްޓުގައި ހިމެނޭ އަވަށްޓެރި ޤައުމުތަކުގެ ތެރޭގަ އިންޑިއާ، ސްރީލަންކާ، ބަންގްލަދޭޝް، ނޭޕާލް އަދި ބޫޓާން ހިމެނެއެވެ. މީގެއިތުރުން އެމެރިކާ އިނގިރޭސިވިލާތް ޖަރުމަނު އަދި ސަޢުދީ ޢަރަބިޔާފަދަ ޤައުމުތަކުގެ ލައިސަންސްގައިވެސް ރާއްޖޭގަ އެއްގަމު އުޅަނދު ދުއްވުމުގެ ހުއްދަވަނީ ދީފައެވެ.