ދުނިޔޭގެ ވިޔަފާރި

ޑިއުޓީ ފްރީ ވިޔަފާރިތަކަށް ޗައިނާއިން އެހީތެރިވަނީ


ޑިއުޓީ ފްރީ ވިޔަފާރިތައް ހިންގުމަށް އެދި ހުށަހަޅާ ކުންފުނިތަކަށް އެހީތެރިވެ އެއަރޕޯޓާއި، ހޮޓާތައް އަދި މޯލްތަކުގައި ޑިއުޓީ ފްރީ ފިހާރަތައް ހުޅުވުމަށް ހިތްވަރުދޭނެކަމަށް ޗައިނާގެ މުނިސިޕަލް އޮތޯރިޓީތަކުން ބުނެފިއެވެ.

މިކަމުގެ ސަބަބުން ޗައިނާއަށް އެތެރެކުރާ އަގުބޮޑު އަދި ބޮޑެތި ޢަދަދުތަކުން ޓެކްސް ނަގާ އުފެއްދުންތަކަށް ޚަރަދުކުރުމަށް ހިތްވަރު ލިބިގެންދާނެއެވެ. އަދި މިއީ 2021 އިން 2025 އަށް ޗައިނާއިން އެކުލަވާލާފައިވާ ޚަރަދުކުރުމުގެ ޕްލޭންގައިވެސް ހިމެނޭ ކަމެކެވެ.

ޑިއުޓީ ފްރީ ވިޔަފާރި މިހާރު އެންމެ ފުޅާވެފައިވަނީ ޗައިނާގެ ހެނޫން ޕްރޮވިންސްގައެވެ. ހެނޫން ޕްރޮވިންސްގައި ކޮންމެ މީހަކަށްވެސް އަހަރަކު ޑިއުޓީ ފްރީއަށް ޚަރަދުކުރެވޭނެ މިންވަރު ވަނީ 100000 ޔޫއާން ނުވަތަ 15467 އެމެރިކާ ޑޮލަރަށް އިތުރުކޮށްފައެވެ. މިދިޔަ އަހަރު މި ޢަދަދު އުޅެނީ 30000 ޔޫއާންއެވެ. މިއާއިއެކު ބައެއް އަގުބޮޑެތި އުފެއްދުންތައްކަމަށްވާ އަތުކުރީގަޑި އަދި ސެންޓް ފަދަ އުފެއްދުންތަކުން ނަގާ ޓެކްސް ވެސް ވަނީ 30 އިންސައްތައަށް އިތުރުވެފައެވެ.

ތަކެތީގެ އަގުތައް ހެޔޮވުމާއިއެކު ހެނޫން ޕްރޮވިންސްގެ މޯލްތަކަށް ކޮންމެ އަހަރަކު ޒިޔާރަތްކުރާ ޗައިނާގެ ޓުއަރިސްޓުން ދަނީ އިތުރުވަމުންނެވެ. މީގެއިތުރުން ކޯވިޑްގެ ބަލިމަޑުކަމާއި ހެދި ބޭރުގެ އުދުހުންތައް މަނާކުރުމާއި ގުޅިގެން މޯލްތަކަށް ޒިޔާރަތްކުރާ ޗައިނާގެ ފަތުރުވެރިންގެ ޢަދަދުވަނީ ކުރިއަށްވުރެ ބޮޑަށް ވަނީ އިތުރުވެފައެވެ.

ޗައިނާގައި މިހާރުވެސް 300 އަށްވުރެ ގިނަ ޑިއުޓީ ފްރީ ފިހާރަ ހުރެއެވެ. ކޮސްމެޓިކްސް އަންނައުނު އަދި ސެންޓްފަދަ އުފެއްދުންތައް މި ފިހާރަތަކުން ލިބެން ހުންނައިރު ޗައިނާ ޓުއަރިޒަމް ގްރޫޕް ޑިއުޓީ ފްރީ ކޯޕަރޭޝަންއަކީ މި ވިޔަފާރި އެންމެ ފުޅާކޮށްކުރާ ފަރާތެވެ. މި ގްރޫޕުގެ ގާތްގަނޑަކަށް 200 ޑިއުޓީ ފްރީ ފިހާރަ ޗައިނާގައި ހުރެއެވެ.