ވިޔަފާރި

ރާއްޖެއާއި ޖަރުމަނާ ދެމެދު ސީދާ ފްލައިޓްތައް ފަށައިފި


ޔޫރަޕުގެ އެންމެ ބޮޑު އެއް އެއާލައިންކަމަށްވާ، ޖަރުމަނު ވިލާތުގެ ޤައުމީ އެއަރލައިން ލުފްތަންސާއިން ރާއްޖެއާއި ޖަރުމަނާ ދެމެދު ސީދާ ފްލައިޓްތައް މިއަދު ފަށައިފިއެވެ. މިއަދު އައި ލުފްތަންސާގެ ފުރަތަމަ ފްލައިޓްގެ ފަސިންޖަރުންނާ ފްލައިޓް ކުރޫއަށް މަރުޙަބާ ވިދާޅުވީ ޓުއަރިޒަމް މިނިސްޓަރ މޫސާ ޒަމީރާއި އެއަރޕޯޓްސް ކޮމްޕެނީގެ އިސްވެރިންނެވެ.  ޖަރުމަނު ވިލާތުގެ ޤައުމީ އެއަރލައިންގެ ފްލައިޓްތަކުގެ ދަތުރުތައް މިއަދު ރާއްޖެއަށް ފަށާފައިވާއިރު، ކޮންމެ ހަފްތާއަކުވެސް ދެ ދުވަހު ލުފްތަންސާއިން ރާއްޖެއަށް ދަތުރުކުރާނެކަމަށް މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑުން މައުލޫމާތުދެއްވައެވެ. އެގޮތުން ކޮންމެ ހަފްތާއެއްގެ ބުދަ ދުވަހާއި ހޮނިހިރު ދުވަހު ލުފްތަންސާގެ ފްލައިޓް އިބްރާހިމް ނާސިރު އިންޓަރނޭޝަނަލް ވައިގެ ބަނދަރުގައި ބަނދަރު ކުރާނެކަމަށް އެއަރޕޯޓްސް ކޮމްޕެނީން ވިދާޅުވިއެވެ. ޖަރުމަނު ވިލާތުގެ ލުފްތަންސާގެ ދަތުރުތައް ރާއްޖެއަށް ފެށުމަކީ، ރާއްޖޭގެ ފަތުރުވެރިކަމަށް ލިބިގެންދިޔަ ބޮޑު ކުރިއެރުމެއްކަމަށް ޓުއަރިޒަމް މިނިސްޓަރ މޫސާ ޒަމީރު ވިދާޅުވިއެވެ. އެގޮތުން ލުފްތަންސާއިން ރާއްޖެއަށް ދަތުރު މިފެށީ ޖަރުމަނު ވިލާތުގައި ބާއްވާ އެންމެ ބޮޑު ފަތުރުވެރިކަމުގެ ފެއަރއައިޓީބީގެ އޮފިޝަލް ކަންޓްރީ ޕާޓްނަރއެއްގެ ގޮތުގައި ރާއްޖެ ހަމަޖެހިފައިވަނިކޮށްކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި ސީދާ ޔޫރަޕުން އަންނަ ފަތުރުވެރިންގެ އަދަދު އަންނަ އަހަރު އިތުރުވެގެންދާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.ލުފްތަންސާ އެއަރލައިންގެ ފުރަތަމަ ފްލައިޓް އައުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީގެ މެނޭޖިންގ ޑިރެކްޓަރ އާދިލް މޫސާ ވިދާޅުވީ، އެއަރބަސް އޭ 340 މަރުކާގެ މަތިންދާ ބޯޓެއް ކަމުގައިވާ ލުފްތަންސާއިން އިބްރާހިމް ނާސިރު އިންޓަރނޭޝަނަލް އެއަރޕޯޓްގައި ބަނދަރުކުރުމަކީ އެއަރޕޯޓަށް ލިބިގެންދިޔަ ކުރިއެރުމެއްކަމަށެވެ. އަދި  އެއަރޕޯޓަށް މިހާރު އަންނަމުންދާ ތަރައްގީއާއިއެކު އެއަރޕޯޓަށް މުޅިން އާ ޗެޕްޓަރއެއް ހުޅުވިގެންދާނެކަމަށް ވިދާޅުވިއެވެ. ސައުތް އޭޝިޔާ ލުފްތަންސާ ޕެސެންޖާ އެއަރލައިންސްގެ ޑައިރެކްޓަރ ވުލްފްގޭން ވިލް ވިދާޅުވީ، ރާއްޖެ ކަހަލަ ދުނިޔެއަށް މަޝްހޫރު ފަތުރުވެރިކަމުގެ ގައުމަކަށް ލުފްތަންސާގެ ދަތުރުތައް ފެށިގެން ދިޔަކަމީ ލިބުނު ފަޚުރެއްކަމަށެވެ. އަޑުލުފްތަންސާގެ މި ފްލައިޓަކީ، 298 ޕަސިންޖަރުންގެ ސީޓްގެ ބޯޓެކެވެ. މި ފްލައިޓް ރާއްޖެއަށް ދަތުރުކުރަނީ، ޖަރުމަނު ވިލާތުގެ ވިޔަފާރި ސިޓީއެއްކަމަށްވާ ފްރޭންކް ފާރޓްއިންނެވެ. ޖަރުމަނު ވިލާތުން މިއަހަރުގެ އޮކްޓޫބަރުމަހުގެ ނިޔަލަށް 85 ހާސް ފަތުރުވެރިން ވަނީ ރާއްޖެއަށް ޒިޔާރަތްކޮށްފައެވެ.