ޚަބަރު

ކައުންސިލަރ ޝުޖާއު ފިޔަވައްޗަށް ވަނތް މައްސަލަ އެލްޖީއޭއަށް


ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ކުދިން ބަލަހައްޓާ ފިޔަވައްޗަށް މާލެ ސިޓީ ކައުންސިލްގެ ހުޅުމާލެ ދާއިރާ ތަމްސީލްކުރައްވާ މެންބަރު އިބްރާހީމް ޝުޖާއު ވަނތް މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމިޓީން، ލޯކަލް ގަވަރުމަންޓް އޮތޯރިޓީ (އެލްޖީއޭ)އަށް ހުށައެޅުމަށް ނިންމައިފިއެވެ.

ފާއިތުވި ދެ ތިން ދުވަހު ހުޅުމާލޭގައި ހުންނަ ފިޔަވަތީގެ ބައެއް މައްސަލަތައް ވަނީ ސޯޝަލް މީޑިއާގައި އާއްމުވެފައެވެ. އެގޮތުން އެތަނުގައި ތިބޭ ބައެއް ކުދިން އެތަނުގެ ފުރާޅުމައްޗަށް އެރުމާއި ތަނުގެ ބައެއް ތަކެއްޗަށް ގެއްލުން ދީފައިވާކަމަށްބުނެ ސޯޝަލް މީޑިއާގައި ހަބަރު ފަތުރާފައިވެއެވެ. އަދި ހުކުރުދުވަހުގެރޭ އެތަނުގެ ހާލަތު ގޯސްކަމަށް ވިދާޅުވެ މާލެ ސިޓީގެ ހުޅުމާލެ ދާއިރާގެ ކައުންސިލް މެންބަރު ޝުޖާޢު ވަނީ އެތަނަށް ވަދެވަޑައިގެންފައެވެ.

ފިޔަވަތީގެ މައްސަލަތަކާއި ގުޅޭގޮތުން މިއަދު ބޭއްވި ހިއުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމިޓީން ބޭއްވި ބައްދަލުވުމުގައި ވަނީ ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) އާއި ޗިލްޑްރަންސް އޮމްބަޑްސްޕާސަންގެ އޮފީހުން ތައްޔާރުކުރި ރިޕޯޓާމެދު މަޝްވަރާކުރައްވާފައެވެ. ކޮމިޓީގައި ވާހަަފުޅު ދައްކަވަމުން ކޮމިޓީގެ މުގައްރިރު، ހިންނަވަރު ދާއިރާގެ މެންބަރު ޖީހާން މަހްމޫދު ވަނީ ފިޔަވަތީގައި ނިޒާމީ ގޮތެއްގައި މައްސަލަތަކެއް ހުރިކަން އެ ރިޕޯޓްގައި ފާހަގަކޮށްފައިވާކަމަށް ވިދާޅުވެފައެވެ. އެގޮތުން އެންމެ ބޮޑު މައްސަލައެއްގެ ގޮތުގައި ފާހަގަވެފައިވަނީ ފިޔަވަތީގައި ކުދިން ބަލަހައްޓާ މުވައްޒަފުންނާ އެކަށިގެން ނުވާ ޢަދަދަށް ކުދިން އެތަނުގައި ތިބުންކަމަށްވެސް ޖީހާން ވިދާޅުވިއެވެ.

ކޮމިޓީގެ މެންބަރުން ވަނީ ފިޔަވަތީގެ ހާދިސާއާ ގުޅިގެން ބައެއް ނޫސްވެރިން ޢަމަލުކުރި ގޮތާއި ގުޅޭގޮތުން ކަންބޮޑުވުން ފާޅުކުރައްވާފައެވެ. އަދި މާލެ ސިޓީ ކައުންސިލްގެ މެންބަރު އިބްރާހީމް ޝުޖާއު އެތަނަށް ވަދެ ޢަމަލުކުރެއްވި ގޮތާއި ގުޅިގެންވެސް ކޮމިޓީގެ މެންބަރުން ކަންބޮޑުވުން ފާޅުކުރެއްވިއެވެ.

ޖީހާން ވިދާޅުވީ، އެތަނުގައި ތިބި ކުދިންގެ ނަފްސާނީ ޙާލަތު ނޭނގޭއިރު އެތަނަށް އެއްވި ބައެއް މީހުންގެ ފަރާތުން ނޭދެވޭ ކަންކަން ފެނިގެންދިޔަކަމަށެވެ. މިއާއެކު ކޮމިޓިން ވަނީ ފިޔަވަތީގެ ހާލަތު ރަނގަޅުކުރުމަށް ވަގުތުން ވަގުތަށް އެޅެންހުރި ފިޔަވަޅުތައް އެޅުމަށް ޖެންޑަރ މިނިސްޓްރީއަށް އަންގަން ނިންމާފައެވެ. އަދި ފިޔަވަތީގެ ހާދިސާއާއި ގުޅިގެން ބައެއް ނޫސްވެރިން ޢަމަލުކުރި ގޮތް މޯލްޑިވްސް މީޑިއާ ކައުންސިލަށް ހުށައެޅުމަށްވެސް ކޮމިޓީން ވަނީ ނިންމާފައެވެ. މީގެ އިތުރުން ކައުންސިލް މެންބަރު ޝުޖާޢު އެތަނަށް ވަނތް މައްސަލަ އެލްޖީއޭއަށް ހުށައެޅުމަށްވެސް ކޮމިޓީން ވަނީ ނިންމާފައެވެ.

ފިޔަވަތީގައި ހިނގަމުން އަންނަ ކަންކަން މަޖިލީހުގެ ހިއުމަން ރައިޓްސް ކޮމިޓިން ބަލަމުން އަންނައިރު، ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ފައިޞަލް ނަސީމް އިއްޔެ ވަނީ ފިޔަވައްޗަށް ޒިޔާރަތްކުރައްވާ ފާއިތުވި ދެތިން ދުވަހު ހިނގާފައިވާ ހާދިސާތަކާއި ގުޅިގެން އެތަނުގައި ތިބޭ ކުދިންނާ މުވައްޒަފުންނާ ބައްދަލުކުރައްވާފައެވެ. އަދި މި ބައްދަލުވުމުގައި އެކުދިންގެ ކަންބޮޑުވުންތަކާ ގުޅޭގޮތުން މަޝްވަރާކުރައްވާފައިވެއެވެ.