ޚަބަރު

ދެގަޑިއިރުތެރޭ 14.5 ޓަނުގެ ކުނި، ހުޅުމާލޭ ބީޗުން

ހުޅުމާލޭގައި ބޭއްވި ސާފުކުރުމުގެ ޙަރަކާތެއްގައި ދެގަޑިއިރުގެ ތެރޭގައި ހުޅުމާލޭ ބީޗް ސަރަޙައްދުން ޓަނަކަށްވުރެ ގިނަ ކުނި ނަގައިފިއެވެ. ބީޗް ސާފުކުރުމުގެ ޕްރޮގްރާމް ކުރިއަށްގެންގޮސްފައިވަނީ ބައިނަލްއަޤުވާމީ ސާފުކުރުމުގެ ދުވަހުގެ މުނާސަބަތުގައެވެ.

އެކި ފަރާތްތަކުން އިސްނަގައިގެން ހުޅުމާލޭގައި ސާފުކުރުމުގެ ޙަރަކާތްތައް ބާއްވައެވެ. ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން އެޗްޑީސީގެ ފަރާތުން މިފަހަރު ސާފުކުރުމުގެ ޕްރޮގްރާމް ބާއްވާފައިވަނީ ބައިނަލްއަޤުވާމީ ސާފުކުރުމުގެ ދުވަހުގެ މުނާސަބަތުގައެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކުން 180އަށްވުރެ ގިނަ ޤައުމު ބައިވެރިވި މިޙަރަކާތުގައި ރާއްޖެއިންވެސް ވަނީ ބައިވެރިވެފައެވެ. ދުވަހާ ގުޅިގެން ހުޅުމާލެ ސާފުކުރުމަށް ބޭއްވި ޙަރަކާތުގައި ދެގަޑިއިރުގެތެރޭގައި 14.5 ޓަނުގެ ކުނި ބީޗުން ނަގާފައިވާކަމަށް އެޗްޑީސީން ވިދާޅުވެއެވެ.

ރާއްޖޭގެ ސާފުކުރުމުގެ އިވެންޓުގައި ސަރުކާރުގެ ބައެއް މުއައްސަސާތަކާއި ސަރުކާރުގެ ކުންފުނިތަކާއި ސްކޫލް، ކޮލެޖްތަކުގެ އިތުރުން ބައެއް ޖަމްޢިއްޔާތަކުންވެސްވަނީ ބައިވެރިވެފައެވެ. އެގޮތުން މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީއާއި މޯލްޑިވްސް ކަސްޓަމްސްއާއި ސްޓެލްކޯއާއި އެމްޕީއެލްއާއި އެޗްޑީސީއާއި ހުޅުމާލޭ ހޮސްޕިޓަލާއި އެމްއެންޑީއެފާއި ހުޅުމާލޭ ޕޮލިހާއި މޯލްޑިވްސް ރެޑް ކްރެސެންޓާއި މައި ކޮލެޖާއި ލިޓްލް ޖެމްސް ޕްރީ ސްކޫލާއި ރެހެންދި ސްކޫލާއި ބްރައިޓްވޭ އިންޓަރނޭޝަނަލް ސްކޫލާއި ޣާޒީ ސްކޫލާއި ހުރަވީ ސްކޫލާއި ކްލީން މޯލްޑިވްސްއާއި ސޭވް ދަ ބީޗް މޯލްޑިވްސްއިންވަނީ ބައިވެރިވެފައެވެ.

މިޙަރަކާތުގައި މިމުއައްސަސާތަކުން 250އަށްވުރެ ގިނަ މީހުންވަނީ ބައިވެރިވެފައެވެ.

ވޯލްޑް ކްލީނަޕް ޑޭ ނުވަތަ ސާފުކުރުމުގެ މިދުވަސް ފާހަގަކުރަނީ އެންމެން އެކަތިގަނޑަކަށްވެގެން ކުނީގެ މައްސަލަފަދަ ބޮޑު މައްސަލައަކަށް ޙައްލެއް ގެނައުމަށް މުޖުތަމަޢުގެ ބަދަހިކަން ޤާއިމުކުރުމަށެވެ. އަދި ކުނީގެ މައްސަލައާމެދު ހޭލުންތެރިކަން އިތުރުކުރުމަކީވެސް މިޕްރޮގްރާމްގެ އަމާޒެކެވެ. ވޮލަންޓިއަރުންގެ ގޮތުގައި ދުނިޔޭގެ އެކި ޤައުމުތަކުން ވިހި މިލިއަނަށްވުރެ ގިނަ މީހުން މިޙަރަކާތުގައި ބައިވެރިވެފައިވާކަމަށް ދުނިޔޭގައި ސާފުކުރުމުގެ ޙަރަކާތްތައް އިންތިޒާމުކޮށް މިކަމުގެ ރިކޯޑުތައް ބަލަހައްޓަމުންދާ ކްލީންއަޕްޑޭ ޖަމިއްޔާއިން ބުނެއެވެ.