ޚަބަރު

ހިންމަފުށީ ބޮޑު ބަނދަރާއެކު ފަތުރުވެރިކަމާއި މަސްވެރިކަން އެހެން ހަރުފަތަކަށް


ބައިނަލްއަޤުވާމީ ފެންވަރުގެ މަސް ފެކްޓްރީ ހިންގަމުން އަންނަ ކ.ހިންމަފުށީ ބަނދަރަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން މިއަހަރުގެ ނިޔަލަށް ޙައްލުވާނެކަމަށް އެމްޓީސީސީން ވިދާޅުވެއްޖެއެވެ. ހިންމަފުއްޓަކީ ރާއްޖޭގެ ނިސްބަތުން ލޯކްލް ޓޫރިޒަމްވެސް ފުޅާ ދާއިރައެއްގައި ކުރަމުން އަންނަ ރަށެކެވެ.

ހާހަކަށްވުރެ ގިނަ މީހުންގެ އާބާދީއެއް އޮންނަ ކ.ހިންމަފުއްޓަކީ މާލެ ސަރަޙައްދުގައި ބައިނަލްއަޤުވާމީ ފެންވަރުގެ މަސް ފެކްޓްރީ ހިންގަމުން އަންނަ މަސްވެރި ރަށެކެވެ. މީގެއިތުރުން އެރަށަކީ ލޯކަލް ޓޫރިޒަމްގެވެސް ޚާއްސަ ރަށެކެވެ. މިކަންކަން ކުރިއަރުވައި ތަރައްޤީކުރުމަށް ދިމާވެފައިވާ އެންމެ ބޮޑު ދައްޗަކީ ރަށުގެ ބަނދަރު ކުޑަވުމެވެ. ހިންމަފުށީ ކައުންސިލްގެ ރައީސް ހަސަން ފާއިޒް ވިދާޅުވީ ހިންމަފުށީގައި މިހާރު ބޭނުންކުރަމުން އަންނަ އޮޑިދޯނިފަހަރަށް ވަދެނުކުމެވުމުގައި ބަނދަރު ކުޑަވުމުގެ ދަތިކަން ވަރަށް ބޮޑަށްކުރިމަތިވާ ކަމަށެވެ. އަދި ފަހުން ޕްލޭންކުރި ބަނދަރުވެސް އިތުރަށް ފުޅާކޮށް ދިނުމަށް ރައްޔިތުން ސަރުކާރުގައި އެދިފައިވާކަން ފާއިޒް ފާހަގަކުރެއްވިއެވެ. އަދި އެކަމަށް އެދެވޭ ޖަވާބެއްވެސް ދެއްވާފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ.

"މިހާރު ތަރައްޤީކުރާ ބަނދަރަކީ މިރަށަށް ވަރަށް މުހިއްމު ބަނދަރެއް. އީޔޫ ސްޓެންޑަރޑަށް މަސް ބަންދުކުރާ ފެކްޓްރީ ހިންގަމުން އަންނައިރު މިރަށަކީ ލޯކަލް ޓޫރިޒަމްވެސް ފުޅާދާއިރާއެއްގައި ކުރާރަށެވެ. ހަގީގަތުގަ މިހާރު ބޭނުންކުރާ އޮޑިދޯނިފަހަރަށް މިރަށުގަ މިބަނދަރުވަނީ ކުޑަވެފައި." ފާއިޒް ވިދާޅުވިއެވެ.

ހިންމަފުށީ ބަނދަރުގެ މަސައްކަތް ކުރަމުން އަންނަ އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވި މަސައްކަތް ކޮންމެވެސް ވަރަކަށް ލަސްވެފައިވީނަމަވެސް މަސައްކަތް ކުރަމުން އަންނަނީ މިއަހަރުގެ ނިޔަލަށް ބަނދަރުގެ މަސައްކަތް އެއްކޮށް ނިންމާލުމަށްކަމަށެވެ.

"މަސައްކަތް ކުރިއަށްދާގޮތާމެދު ހިތްހަމަޖެހޭ. މިހާރު ކޮނުމުގެ ހުރިހާކަމެއްވަނީ ނިމިފައި. މިމަސައްކަތް ކުރަމުންދާއިރު އަޅުގަނޑުމެން މިދަނީ ރަށުގެ ރައްޔިތުން އެދޭ ބައެއްކަންކަންވެސް ކޮށްދެމުން. އެގޮތުން މިރަށުގެ ރައްޔިތުންގެ އެދުމަށް ލައިސެންސް ނަގާ ސަރަޙައްދުވާނީ ސާފުކޮށްދީފައި." އާޒިމް ވިދާޅުވިއެވެ.

ހިންމަފުށީ ބަނދަރަކީ ދައުލަތުގެ ބަޖެޓުން 24.60 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ތަރައްޤީކުރާ ބަނދަރެކެވެ. އެގޮތުން މި މަޝްރޫއުގެ ދަށުން 28760 އަކަމީޓަރުގެ ސަރަޙައްދެއް ފުންކުރުމުގެ މަސައްކަތް މިހާރުވަނީ ނިމިފައެވެ. 38 މީޓަރުގެ ސަރަޙައްދެއްގައި ބޭރު ތޮއްޓެއްލައި 287 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓްޖަހާ ޙިމާޔަތްކުރުމަށްވަނީ ނިންމާފައެވެ. މީގެއިތުރުން 172 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމު ތޮށިލުމަށްވެސް ވަނީ ހަމަޖެހިފައެވެ. މިމަސައްކަތް އެމްޓީސީސީއާ ޙަވާލުކޮށްފައިވަނީ 2019ވަނަ އަހަރުގެ ޑިސެމްބަރުމަހުގައެވެ.