ވިޔަފާރި

އެމް.އެމް.ޕީ.އާރް.ސީގެ މެންޑޭޓަށް ބަދަލުގެނެސްފި


މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން އެމް.އެމް.ޕީ.އާރް.ސީގެ ހަމައެކަނި މެންޑޭޓަކީ ފަތުރުވެރިކަން އިޝްތިހާރުކުރުމާ ގުޅޭ މަސައްކަތްތައް ކުރުން ކަމުގައި ސަރުކާރުން ހަމަޖައްސަވައިފިއެވެ.ޓޫރިސްޓު ރިސޯޓު ތަރައްގީކުރުމަށް ރަށްތައް ހަވާލުކުރުން ފަދަ މަސައްކަތްތައް މީގެފަހުން ކުރާނީ ހަމައެކަނި ޓޫރިޒަމް މިނިސްޓްރީން ކަމަށް އެ މިނިސްޓްރީން ވިދާޅުވެއެވެ. އެމްއެމްޕީއާރްސީން ކުރާނެ މަސައްކަތްތަކުގެ ގޮތުގައި ސަރުކާރުން މިހާރު ކަނޑައަޅާފައި ވަނީ ރާއްޖޭގެ ޓޫރިޒަމް ޕްރޮމޯޓް ކުރުމާއި އެޑްވަޓައިޒް ކުރުން އެކަނި ކަމަށް މިނިސްޓްރީން ވިދާޅުވިއެވެ. ހަމައެހެންމެ ޓޫރިޒަމްގެ ދުނިޔޭގެ މާކެޓަށް އަންނަ ބަދަލުތައް ދިރާސާ ކޮށް އެ ދިރާސާތަކަށް ބިނާކޮށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަކީވެސް އެމްއެމްޕީއާރްސީގެ މެންޑޭޓެއްގެ ގޮތުގައި ކަނޑައަޅާފައިވާ ކަމަށް މިނިސްޓްރީން މައުލޫމާތުދެއްވައެވެ.އެމްއެމްޕީއާރްސީގެ މެންޑޭޓަށް ބަދަލުގެނެސްފައި މިވަނީ ޓޫރިސްޓު ރިސޯޓު ތަރައްގީކުރުމަށް ކޮރަޕްޝަނަށް މަގުފަހިވާގޮތަށް އެކުންފުނިން ރަށްތައް ދޫކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލަ ފުލުހުންނާއި އެންޓީ ކޮރަޕްޝަން ކޮމިޝަނުން ތަހުގީގު ކުރަމުން އަންނަ ދަނޑިވަޅެއްގައެވެ. އޭގެތެރެއިން ބައެއް މައްސަލައިގެ ތަހުގީގު ނިންމައި ފުލުހުން ވަނީ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވާފައެވެ.