ޚަބަރު

އިތުރު 1300 އަށްވުރެ ގިނަ މީހުން ކޯވިޑް ވެކްސިން ފުރިހަމަކޮށްފި


ކޯވިޑުން ދިފާޢުވުމަށް ރާއްޖޭގައި ކުރިއަށްގެންދާ ޤައުމީ ވެކްސިން ޕްރޮގްރާމުގެ ތެރެއިން އިތުރު 1300 އަށްވުރެ ގިނަ މީހުން ވެކްސިން ފުރިހަމަކޮށްފިއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ، (އެޗްޕީއޭ)ގެ ތަފާސް ހިސާބުތައް ދައްކާގޮތުން ރާއްޖޭގައި ކޯވިޑް ވެކްސިން ފުރިހަމަކުރި މީހުންގެ ޢަދަދު މިހާރު ވަނީ 330,000އަށް އަރާފައެވެ.

އެޗްޕީއޭއިން އެންމެފަހުން ޢާންމުކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާގޮތުން ބުރާސްފަތި ދުވަހު 1392 މީހުންވަނީ ކޯވިޑް ވެކްސިންގެ ދެވަނަ ޑޯޒް ޖަހާފައެވެ. މީގެ ތެރޭގައި ހިމެނެނީ މާލެ ސަރަޙައްދުން ވެކްސިންގެ ދެވަނަ ޑޯޒް ޖެހި 546 މީހުންނާއި އަތޮޅުތަކުން ވެކްސިން ފުރިހަމަކުރި 846 މީހުންނެވެ. މިއާއެކު ރާއްޖެއިން ކޯވިޑް ވެކްސިން ފުރިހަމަކުރި މީހުންގެ ޖުމްލަ ޢަދަދު ވަނީ 330،022 އަށް އަރާފައެވެ.

ކޯވިޑުން ދިފާޢުވުމަށް ދޭ ވެކްސިންގެ ފުރަތަމަ ޑޯޒް ބުރާސްފަތި ދުވަހު 359 މީހުން ޖަހާފައިވެއެވެ. އެއީ މާލެ ސަރަޙައްދުން ފުރަތަމަ ޑޯޒް ޖެހި 115 މީހުންނާއި އަތޮޅުތަކުން ވެކްސިން ޖެހި 244 މީހުންނެވެ. މިއާއެކު ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި މީހުންގެ ޖުމްލަ ޢަދަދުވަނީ 390،644އަށް އަރާފައެވެ.

މާލެ ސަރަހައްދުގައި ޢުމުރުން 18 އަހަރާއި 60 އަހަރާ ދެމެދުގެ މީހުންނަށް ސިނޯފާމާއި އެސްޓްރާޒެނަކާ ވެކްސިން ޖަހަމުން އަންނައިރު، އުމުރުން 12 އަހަރާއި 17 އަހަރާ ދެމެދުގެ ކުދިންނަށާއި އެޗްޕީއޭއިން ކަނޑައަޅާފައިވާ ޚާއްސަ ކެޓަގަރީތަކުގެ މީހުންނަށް މިހާރުދަނީ ފައިޒާ ވެކްސިން ޖަހަމުންނެވެ.

މާލެއާއި ވިލިމާލެ އަދި ހުޅުމާލެ ހިމެނޭހެން 6 ސެންޓަރެއްގައި ވެކްސިން ދިނުން ކުރިއަށްދެއެވެ. އަދި ގޭގެއަށް ގޮސްގެން ވެކްސިން ދިނުމަށް 3 މޮބައިލް ޓީމް ޙަރަކާތްތެރިވެއެވެ.