ޚަބަރު

އެމެރިކާގެ އިތުރު ފައުޖުތައް އޮސްޓުރޭލިޔާއަށް، މިސައިލް އުފެއްދުމަށް އެހީތެރިވާނެ


އެމެރިކާގެ އިތުރު އަސްކަރީ ފައުޖުތައް އޮސްޓުރޭލިޔާގައި ޙަރަކާތްތެރިވާނެކަމަށާއި ދެ ޤައުމުން ގުޅިގެން މިސައިލް ތަރައްޤީކޮށް އުފެއްދުމުގެ މަސައްކަތްކުރާނެކަމަށް އޮސްޓުރޭލިޔާގެ ދިފާޢީ ވަޒީރު ޕީޓަރ ޑަޓޮން ވިދާޅުވެއްޖެއެވެ. އެއީ ޗައިނާގެ ކުރިމަތިކުރަމުންދާ ނުރައްކާތެރިކަމުން ސަލާމަތްވުމަށް އެ ދެ ޤައުމުން ގުޅިގެން އެންމެ ފަހުން އެޅި ފިޔަވަޅެވެ. އަދި އެ ނިންމުން އިޢުލާންކޮށްފައިވަނީ ޗައިނާއާ ދެކޮޅަށް މަސައްކަތްކުރުމަށް އެމެރިކާއާއި އިނގިރޭސިވިލާތާއި އޮސްޓުރޭލިޔާއިން އައު ސަލާމަތީ އިއްތިޙާދެއް އެކުލަވާލައި އިޢުލާންކޮށްފައިވާ ދަނޑިވަޅެއްގައެވެ.

އޯކެސްގެ ނަން ދީފައިވާ އައު އިއްތިޙާދެއް އެކުލަވާލިކަން އިޢުލާންކޮށްފައިވަނީ އެމެރިކާއާއި އިނގިރޭސިވިލާތާއި އޮސްޓުރޭލިޔާގެ އެންމެ އިސްވެރިން ވީޑިޔޯ މެދުވެރިކޮށް ބޭއްވެވި ބައްދަލުވުމެއްގައެވެ. އެ އިއްތިޙާދުގެ ސަބަބުން އޮސްޓުރޭލިޔާއަށް ފުރަތަމަ ފަހަރަށް ނިޔުކްލިޔަރ ސަބްމެރީން ލިބޭނެއެވެ. ނަމަވެސް އެއީ ނިޔުކްލިޔަރ ހަކަތަ ބޭނުންކުރާ ސަބްމެރީންތަކެއްކަމަށާއި އެ އުޅަނދުތަކުގައި ނިޔުކްލިޔަރ ހަތިޔާރެއް ނުހުންނާނެކަމަށް އެ ތިން ޤައުމުންވެސްވަނީ ބުނެފައެވެ. އޮސްޓުރޭލިޔާއަކީ ނިޔުކްލިޔަރ ހަތިޔާރު ބޭނުންކުރުމާ ދެކޮޅަށް އެކުލަވާލާފައިވާ ޤަރާރުގައި ސޮއިކޮށްފައިވާ ޤައުމެކެވެ.

އައު ސަލާމަތީ އިއްތިޙާދެއް އެކުލަވާލައި އިޢުލާންކުރުމުން ފަރަންސޭސިވިލާތުންވަނީ ހިތްހަމަނުޖެހުން ފާޅުކޮށްފައެވެ. އެ ގޮތުން އެ ޤައުމުން އެންމެ ބޮޑަށް ހިތްހަމަނުޖެހުނީ 2016ވަނަ އަހަރުގެ ތެރޭގައި ސޮއިކުރި އެއްބަސްވުމެއްގެ ދަށުން އެ ޤައުމުން އުފައްދައި ސަބްމެރީން އޮސްޓުރޭލިޔާއިން ނުގަންނަން ނިންމުމުންނެވެ. އޭގެ ބަދަލުގައި އަސްކަރީގޮތުން އޮސްޓުރޭލިޔާއަށް އެހީތެރިކަން ފޯރުކޮށްދޭނީ އެމެރިކާއިންނާއި އިނގިރޭސިވިލާތުންނެވެ.

އެމެރިކާއާއި އޮސްޓުރޭލިޔާގެ ޚާރިޖީ ވަޒީރުންނާއި ދިފާޢީ ވަޒީރުން އެމެރިކާގެ ވެރިރަށް ވޮޝިންޓަނުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ޑަޓޮން ވިދާޅުވީ ކުރިޔަށް އޮތް 10 އަހަރުދުވަހުގެ ތެރޭގައި އޮސްޓުރޭލިޔާގެ އުތުރުގައި އޮންނަ ޑާވިންގައި އެމެރިކާގެ ފައުޖުތައް ޙަރަކާތްތެރިވާ މިންވަރު އިތުރުވާނެކަމަށެވެ. އަދި ދެ ޤައުމުން ގުޅިގެން މިސައިލް ތަރައްޤީކުރުމުގެ އިތުރުން އެނޫންވެސް ގޮވައި ޒާތުގެ ހަތިޔާރު އުފެއްދުމުގެ މަސައްކަތްކުރާނެކަމަށް އޭނާ ވިދާޅުވިއެވެ. އޭގެ އިތުރުން ވައިގެ މަގުންނާއި ކަނޑު މަގުން އޮސްޓުރޭލިޔާ ދިފާޢުކުރެވޭނެ ޤާބިލުކަން އިތުރުކުރުމަށްވެސް ދެ ޤައުމުން ގުޅިގެން މަސައްކަތްކުރާނެކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އޮސްޓުރޭލިޔާގެ ބޮޑުވަޒީރު ސުކޮޓު މޮރިސަން މީގެ ކުރިންވަނީ ދިގު ރާސްތާއަށް ދަތުރުކުރާ ޓޮމަކޯކް ކުރޫސް މިސައިލް އެ ޤައުމުން ގަންނާނެކަން އިޢުލާންކޮށްފައެވެ. ޓޮމަކޯކް ކުރޫސް މިސައިލަކީ އެމެރިކާއިން އުފައްދާ ހަތިޔާރެކެވެ. އަދި އެ މިސައިލަކީ އެމެރިކާގެ އިތުރުން އިނގިރޭސިވިލާތުގެ އަސްކަރިއްޔާއިންވެސް ބޭނުންކުރާ ހަތިޔާރެކެވެ.