ވިޔަފާރި

ޖޮބް ސެންޓަރގެ ޑެސްކެއް އއ. ބޮޑުފޮޅުދޫގައި ޤާއިމްކޮށްފި


އއ. ބޮޑުފޮޅުދޫގައި އިކޮނޮމިކް މިނިސްޓްރީގެ ޖޮބް ސެންޓަރުގެ ޑެސްކެއް ޤާއިމްކޮށްފިއެވެ.

ބޮޑުފޮޅުދޫގައި އިކޮނޮމިކް މިނިސްޓްރީގެ ޖޮބް ސެންޓަރުގެ ޑެސްކެއް ޤާއިމްކުރުމާއި ގުޅޭ އެއްބަސްވުމުގައި އިކޮނޮމިކް މިނިސްޓްރީއާއި ބޮޑުފޮޅުދޫ ކައުންސިލުން ވަނީ ސޮއިކޮށްފައެވެ.

ބޮޑުފޮޅުދޫ ކައުންސިލާއި އިކޮނޮމިކް މިނިސްޓްރީއާއި ދެމެދު ޤާއިމްކުރި އެއްބަސްވުމުގެ ދަށުން އެ ރަށުގައި ޖޮބް ސެންޓަރުގެ ޑެސްކެއް ޤާއިމްކުރުމުގެ އިތުރުން ބިޒްނަސް ޕޯޓަލްގެ ޙިދުމަތްދިނުމާއި އަދި އެކްސްޕެޓް ސިސްޓަމް ފޯރުކޮށްދިނުމަށް ވަނީ އެއްބަސްވެފައެވެ.

އިކޮނޮމިކް މިނިސްޓްރީން ވިދާޅުވީ، މި އެއްބަސްވުމުގެ ދަށުން އެކްސްޕެޓް ސިސްޓަމްގެ އެކްސެސް ކައުންސިލަށް ލިބި ކައުންސިލްގެ މުވައްޒަފުނަށް ތަމްރީން ދޭނެކަމަށެވެ. އަދި ބިޒްނަސް ޕޯޓަލްގެ ސަބަބުން އެރަށުގެ ވިޔަފާރިތަކަށް އިތުރު ފަސޭހަތަކެއް ލިބިގެންދާނެކަމަށް މިނިސްޓްރީން ވިދާޅުވެއެވެ.

ބޮޑުފޮޅުދޫގައި ހުޅުވި ޖޮން ސެންޓަރ ޑެސްކުގެ ސަބަބުން އެ ސަރަހައްދުގައި ތިބި ވަޒީފާ ބޭނުންވާ މީހުންނަށް އެހީތެރިކަން ފޯރުކޮށްދޭނެއެވެ. އަދި ވަޒީފާދޭ މީހުންނަށްވެސް މީގެ ސަބަބުން އެހީތެރިކަން ލިބިގެންދާނެކަމަށް އިކޮނޮމިކް މިނިސްޓްރީން ވިދާޅުވެއެވެ.

ސަރުކާރުން ޤާއިމް ކޮށްފައިވާ ޖޮބް ސެންޓަރު މެދުވެރިކޮށް ވަޒީފާއަށް އެދި ރަޖިސްޓްރީކޮށް، ވަޒީފާ ބޭނުންވެފައިވާ އެކަށީގެންވާ މީހަކު ހުރެއްޖެނަމަ އެ މީހަކަށް ވަޒީފާ ނުދީ ބޭރު މީހަކު ގެނައުމުގެ ފުރުޞަތު ސަރުކާރުން ނުދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ދާދިފަހުން ވަނީ ވިދާޅުވެފައެވެ. ރައީސް މިހެން ވިދާޅުވީ، މާލެއިން ބޭރުގައި މި ސަރުކާރުން ހުޅުވި ފުރަތަމަ ޖޮބް ސެންޓަރ ރ. އަލިފުށީގައި ހުޅުވައިދެއްވުމަށްފަހު ވާހަކަދައްކަވަމުންނެވެ.

ރާއްޖޭގައި ވަޒީފާ ނެތް މީހުންނަށް ނުވަތަ ވަޒީފާ ހޯދާ މީހުންނަށް ޚާއްސަކޮށްގެން ސަރުކާރުން ޤައުމީ ޖޮބް ސެންޓަރެއް އެންމެ ފުރަތަމަ މާލޭގައި ހުޅުވީ މިއަހަރުގެ އޭޕްރީލްމަހުގެ ތެރޭގައެވެ.