ބޯކޮށް ވާރޭވެހި، ވައި ގަދަވާނެ ކަމަށް ލަފާކޮށް ރީނދޫ ސަމާލު ނެރެފިއެވެ. މޫސުމާ ބެހޭ ޤައުމީ އިދާރާ، މެޓް އޮފީހުން ރީނދޫ ސަމާލު ނެރެފައިވަނީ ހއ. އަތޮޅުން ފެށިގެން މ. އަތޮޅަށެވެ.
ރީނދޫ ސަމާލު ނެރެފައިވަނީ 07:30 އިން 11:30 އަށެވެ. މެޓުން ވިދާޅުވީ ބޯކޮށް ވާރޭވެހި ގަޑިއަކު 25 މޭލާއި 30 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހި، ވިލާގަނޑުގައި ގަޑިއަކު 50 މޭލަށް ވައި ގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.
Alert Yellow for torrential rain pic.twitter.com/3i7wuA5PSq
— Maldives Meteorology (@MetMaldives) July 31, 2026
މެޓުން ވަނީ މިހަފުތާ ބަންދުގައި ރާއްޖެއަށް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށްފައެވެ. އަދި މިއަދު ވަރަށް ބޮޑަށް މޫސުން ގޯސްވާނެ ކަމަށް ވަނީ ލަފާކޮށްފައެވެ. މެޓް އޮފީހުން ވިދާޅުވީ ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައަކީ ހުޅަނގު މޫސުމުގެ ވިއްސާރަކަމަށެވެ. މި ދުވަސްވަރު އެކި ސަރަހައްދުތަކުގައި ކޮޅިގަނޑުތައް އުފެދެމުންދާކަން ފާހަގަކުރައްވައި، އެ އިދާރާއިން ވިދާޅުވީ ރާއްޖޭގެ އުތުރާއި އިރުދެކުނުގައި އުފެދިފައިވާ "ލޯ ޕްރެޝަރ ޓަރަފް" އެއްގެ ސަބަބުން، ހުޅަނގު ފަރާތުގައި ގިނަ އަދަދަކަށް ބޯ ވިއްސާރަވިލާ އުފެދެމުންދާ ކަމަށެވެ.
ރާއްޖެއަށް މިހާރު ކުރަމުންދާ ހުޅަނގު މޫސުމުގެ ވިއްސާރައިގައި އެކި ހިސާބުތަކަށް މޫސުން ގޯސްވަމުންދާތީ، ހާއްސަކޮށް ކުދި އުޅަނދުފަހަރުގައި ދަތުރުކުރާ ފަރާތްތަކުން ސަލާމަތީ ފިޔަވަޅުތައް ވަރުގަދަކުރުމަށް ކަމާބެހޭ އިދާރާތަކުން އިލްތިމާސްކުރައްވައެވެ.