ވިޔަފާރި

ޑިލަކްސް ޓްރެވަލް މާކެޓްގައި ރާއްޖެ އިޝްތިހާރުކޮށްފި


ވިޒިޓް މޯލްޑިވްސްއިން ޑިލަކްސް ޓްރެވަލް މާކެޓްގެ އޮރިއެންޓަލް އެޑިޝަންގައި ރާއްޖެ އިޝްތިހާރުކޮށްފިއެވެ.

މިއީ ރަޝިއާ އަދި ސެންޓްރަލް އޭޝިޔާ ސަރަޙައްދަށް އަމާޒުކޮށްގެން ކުރިއަށްގެންދިޔަ ހަރަކާތެކެވެ.

ޑިލަކްސް ޓްރެވަލް މާކެޓްގެ އޮރިއެންޓަލް އެޑިޝަން ބާއްވާފައިވަނީ އިއްޔެއެވެ. މި ހަރަކާތް ބާއްވާފައިވަނީ ޔޫއޭއީގެ މެދީނަތް ޖުމެއިރާ ހޮޓެލްގައެވެ. ވިޒިޓް މޯލްޑިވްސްއިން ބުނީ މި ހަރަކާތުގައި ރާއްޖެއިން ބައިވެރިވީ ރަޝިއާ އަދި ސީއެސްއައި މާކެޓުގެ ލަގްޒަރީ ނުވަތަ މަތީފަންތީގެ ފަތުރުވެރިންގެ މެދުގައި ރާއްޖޭގެ މަގުބޫލުކަން އިތުރުކުރުމަށްކަމަށެވެ. މި ރަކާތުގައި ބައިވެރިވި ފަރާތްތަކުގެ ތެރޭގައި މެދުއިރުމަތި އަދި އިންޑިއާ ކަނޑުގެ ގައުމުތަކުގެ ފަސް ތަރީގެ ހޮޓެލްތަކާއި، ހޮޓެލް އަދި ރިޒޯޓް ޗެއިންތަކާއި، ޑެސްޓިނޭޝަން މެނޭޖްމަންޓް ކޮންޕެނީތަކާއި ޓުއަރިޒަމް އޮފީސްތައް ހިމެނޭކަމަށް ވިޒިޓް މޯލްޑިވްސްއިން ބުނެއެވެ.

މި ހަރަކާތުގައި ބައިވެރިވި އެޖެންޓުންނަށް ރާއްޖޭގެ ރިސޯޓު، ގެސްޓްހައުސް، ހޮޓެލް އަދި ލިވަބޯޑްތަކުން ފޯރުކޮށްދޭ ލަގްޒަރީ ހިދުމަތްތަކުގެ މަޢުލޫމާތާއި ރާއްޖޭގެ މަޢުލޫމަތު ވަނީ ވިޒިޓް މޯލްޑިވްސްއިން ފޯރުކޮށްދީފައެވެ. އަދި ރާއްޖޭގެ ރަށްތައް ގުދުރަތީ ގޮތުން އުފެދިފައިވާ ގޮތުން، ރަޝިއާ އަދި ސީއެސްއައި މާކެޓުގެ ލަގްޒަރީ ފަތުރުވެރިން ދަތުރުކުރުމަށް ރާއްޖެއަކީ އެންމެ ރައްކާތެރި އަދި އެންމެ އެކަށޭނަ މަންޒިލްގެ ގޮތުގައި އިޝްތިހާރުކުރެވިގެންދިޔައެވެ. މީގެ އިތުރުން، ރާއްޖޭގެ ފަތުރުވެރިކަމުގެ ހިދުމަތްދޭ ތަންތަނުގައި އަޅާފައިވާ ހަރުދަނާ ފިޔަވަޅުތައްވެސް މިހަރަކާތުގައި ބައިވެރިވި ފަރާތްތަކާއި ވަނީ ހިއްސާކޮށްފައެވެ.
ވިޒިޓް މޯލްޑިވެސްގެ އަމާޒަކީ މިފަދަ ހަރަކާތްތައް މެދުވެރިކޮށް ރަޝިއާ އަދި ސީއެސްއައި މާކެޓުގެ މަތީ ފަންތީގެ ފަތުރުވެރިންގެ މެދުގައި ރާއްޖެއަކީ އެންމެ މަޤުބޫލު މަންޖިލުގެ ގޮތުގައި ދެމެހެއްޓުންކަމަށް އެ ކޯޕަރޭޝަނުން ބުނެއެވެ.

ރަޝިޔާ މާކެޓްގައި ދިވެހިރާއްޖޭގެ މަގުބޫލުކަން ދަމަހައްޓާ އިޝްތިހާރުކުރުމަށް ދަނީ ގިނަ ހަރަކާތްތަކެއްގައި ބައިވެރިވެ، ހިންގަމުންނެވެ. މިގޮތުން މި އަހަރުގެ މިހާތަނަށް މިޓް 2021، މޮސްކޯ ޑައިވް ޝޯ އަދި ލަކްޒަރީ ޓްރެވެލް މާޓްފަދަ ބޮޑެތި ފެއަރތަކުގައި ވިޒިޓް މޯލްޑިވްސްއިން ވަނީ ބައިވެރިވެފައެވެ. އަދި ރަޝިޔާގެ ބޮޑެތި ސިޓީތަކުގައި ވިޒިޓް މޯލްޑިވްސްއިން ވަނީ ރޯޑްޝޯތައްވެސް ބާއްވާފައެވެ.

އޯގަސްޓް މަހުގެ 18 ވަނަ ދުވަހާއި ހަމަޢަށް ބަލާއިރު، ރަޝިޔާއިން ރާއްޖެއަށް އައި ފަތުރުވެރިންގެ އަދަދު 154380 އަށް އަރާފައިވާއިރު، މިއީ މުޅި އަހަރުގެ ޖުމްލަ އެރައިވަލްސްގެ 22 އިންސައްތައެވެ. ރަޝިޔާއަކީ 2020 އަދި 2019ގައިވެސް ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރި 10 ޤައުމުގެ ތެރޭގައި ހިމެނޭ ޤައުމެކެވެ.