ޚަބަރު

ކައްދޫ އެއަރޕޯޓް ބޮޑުކުރުމަށް މަޝްވަރާތައް ކުރިއަށްދަނީ


އަސްކަރީ އެއަރޕޯޓެއްގެ ގޮތުގައި މިހާރު
ބޭނުންކުރަމުންދާ ކައްދޫ އެއަރޕޯޓްގެ ރަންވޭ 1800 މީޓަރަށް ބޮޑު ކުރުމާއި
ގުޅޭގޮތުން މަޝްވަރާތައް ކުރިއަށްދާ ކަމަށް ކައްދޫ އެއަރޕޯޓް އޮފީހުން
ވިދާޅުވެއްޖެއެވެ. 1 ސެޕްޓެމްބަރުން 2015 އިން ފެށިގެން ކައްދޫ އެއަރޕޯޓް ވަނީ އަސްކަރީ
އެއަރޕޯޓަކަށް ބަދަލުކުރައްވާފައެވެ. މިއާއެކުު މިހާރު އެތަން ބަލަހައްޓަވަމުން
ގެންދަވަނީ ޑިފެންސް މިނިސްޓްރީގެ ބެލުމުގެ ދަށުންނެވެ،



ކައްދޫ އެއަރޕޯޓްގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރ
މުހައްމަދު ނަސީމު މޫސާ ވިދާޅުވީ، ޑިފެންސް މިނިސްޓަރ އާދަމް ޝަރީފް ޢުމަރު ދާދި
ފަހުން ކައްދުއަށް ކުރެއްވި ދަތުރުފުޅެއްގައި އެއަރޕޯޓް ބޮޑު ކުރެއްވުމުގެ
ސިޔާސަތު ޙިއްސާ ކުރެއްވި ކަމަށެވެ. އެގޮތުން 1800 މީޓަރަށް ރަންވޭ ދިގު
ކުރުމާއި،  ރަންވޭ މިހާރު ހުރިވަރަށްވުރެ
10 މީޓަރު ފުޅާ ކުރުމަށް މަޝްވަރާ ކުރެވުނު ކަމަށް ނަސީމު ވިދާޅުވިއެވެ.  އެއަރޕޯޓް
ބޮޑުކުރުމަށް ބިން ހިއްކަން ޖެހުން އެކަށީގެންވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ. އަދި
މި ބަދަލާއެކު އެއަރޕޯޓަށް ބޮޑެތި ބޯޓްތައް ޖެއްސުމުގެ ފުރުސަތު ލިބިގެންދާނެ
ކަން ނަސީމް ފާހަގަކުރެއްވިއެވެ. 



މިލިޓަރީ އެއަރޕޯޓަކަށް ބަދަލުވި ފަހުން
އެއަރޕޯޓްގެ ތަރައްޤީއަށް ކުރެވެމުންދާ މަސައްކަތްތައް އިތުރުވެފައިވާ ކަން
މުހައްމަދު ނަސީމު ފާހަގަކުރެއްވިއެވެ.  މިދިޔަ މަހުން ފެށިގެން ލަގެޖް ބެލްޓް އަދި
ލެގެޖް ސްކޭން މެޝިން ބެހައްޓާ ޚިދުމަތް ދިނުމަކީ ފަހުގެ ތާރީޚެއްގައި އެއަރޕޯޓަށް
ލިބިގެންދިޔަ އެންމެ ބޮޑު ކުރިއެރުން ކަމަށްވެސް އޭނާ ވިދާޅުވިއެވ.



ކައްދޫ އެއަރޕޯޓަށް 29 އަހަރު ފުރުނު  ދުވަހާއި ގުޅުވައިގެން އެ އެއަރޕޯޓުން ވަނީ ގިނަ ހަރަކާތްތަކެއް
ރާވާފައެވެ. 1986 ވަނަ އަހަރު ހުޅުވުނު މި އެއަރޕޯޓަކީ  ތިންވަނަ އަށް ރާއްޖޭގައި ހުޅުވުނު އެއަރޕޯޓެވެ.