އަންނަ އަހަރު ކުރިއަށްގެންދާ ދިވެހިރާއްޖޭގެ ބޯހިމެނުމުގެ މަސައްކަތުގައި ރާއްޖޭގެ އިޤްތިޞާދާ ގުޅުންހުރި މުހިންމު މަޢުލޫމާތުތަކެއް އެއްކުރުމަށް ނިންމާފަވާކަމަށް ނެޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސް (ންބީއެސް)އިން ވިދާޅުވެއްޖެއެވެ. އެންބީއެސްއިން ވަނީ ބޯހިމެނުން ކުރިއަށްގެންދިއުމަށް ނިންމާފަވާ ތާރީޚު އިޢުލާނުކުރައްވާފައެވެ.
ރާއްޖޭގައި އެންމެ ފަހުން ބޯހިމަނާފަވަނީ 2014ވަނަ އަހަރުއެވެ. ބޯހިމެނުމުގެ މަސައްކަތަކީ ރާއްޖޭގެ އާބާދީ ދެނެގަނެ، ކުރިމަގުގައި ކަންކަން ރޭވުމުގައި ބޭނުންވާ މަޢުލޫމާތު އެއްކުރުމަށް ކުރިއަށްގެންދާ މުހިންމު މަސައްކަތެކެވެ. ޤާނޫނުން ލާޒިމުކުރަނީ ކޮންމެ 10އަހަރަކުން 1 އަހަރު މުޅި ރާއްޖެ ހިމެނޭހެން ބޯހިމެނުމުގެ މަސައްކަތް ކުރިއަށްގެންދިއުމަށެވެ.
ބޯހިމެނުމުގެ މަސައްކަތްތައް އަންނަ އަހަރު ފެށުމަށް ހަމަޖެހިފަވާ ތާރީޚު އިޢުލާންކޮށްދެއްވީ މިނިސްޓަރ އޮފް ނެޝަނަލް ޕްލޭނިން ހައުސިން އެންޑް އިންފްރާސްޓްރަކްޗަރ މުޙައްމަދު އަސްލަމްއެވެ.
"މިއީ ޤައުމުގެ ކުރިއެރުމުގައި އެންމެންގެ ބައިވެރިވުން އޮންނަ މަސައްކަތެއް. މިނަގާ މަޢުލޫމާތުގެ އެހީގައި އެރަށެއް އަތޮޅު ނުވަތަ ސަރަޙައްދެއް ތަރައްޤީކުރެވޭނެގޮތުގެ ޕްލޭން އެކުލަވާލުމަށް ފަސޭހަވޭ. ބޯހިމެނުމުގެ މަސައްކަތް ފެށުމަށް ހަމަޖެހިފަވަނީ 17 ސެޕްޓެމްބަރު 2022ގައި." މިނިސްޓަރ އަސްލަމް ވިދާޅުވިއެވެ.
ބޯހިމެނުމާ ގުޅޭ މަޢުލޫމާތު ޙިއްސާކުރެއްވުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޗީފް ސްޓެޓިސްޓީޝަން ޢާއިޝަތު ޙަސަން ވިދާޅުވީ ބޯހިމެނުމުގެ މަސައްކަތަށް ވާންޖެހޭ ތައްޔާރީތައް މިހާރުވެސް ފަށާފައިވާކަމަށެވެ.
ނެޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސްއިން މިހާރު ކުރަމުންދަނީ ބޯހިމެނުމުގެ ސަރވޭގައި ބޭނުންކުރާ ސުވާލުތައް ތައްޔާރުކުރުމުގެ މަސައްކަތެކެވެ. މިކަމުގައި ކަމާގުޅުންހުރި ދާއިރާތަކުގެ ޚިޔާލާއި ޢާއްމުންގެ ޚިޔާލުވެސް ހޯދުމަށްވަނީ ހަމަޖެހިފައެވެ. ބޯހިމެނުމުގެ މަސައްކަތުގައި މިފަހަރު އިޤްތިޞާދީ ދާއިރާއަށް ޚާއްސަ އިސްކަމެއް ދީގެން މަޢުލޫމާތު އެއްކުރުމަށް ނިންމާފަވާކަމަށް ޢާއިޝަތު ޙަސަން ވިދާޅުވިއެވެ.
"މިފަހަރުގެ ތަފާތަކީ މިފަހަރު އިޤްތިޞާދީ ހުރިހާ ހަރަކާތްތަކުގެ މަޢުލޫމާތު އެއްކުރާނަން. ކުރިން މި ފެންވަރުގައި މަޢުލޫމާތު ނެގިފައެއް ނުވާނެ. މީގެ ބޭނުމަކީ ޖީޑީޕީއާ ގުޅުންހުރި ކަންކަމަށް ބޭނުންވާ މަޢުލޫމާތު އެއްކުރުން. އިޤްތިޞާދީ މަސައްކަތްކުރާ ތަންތަނާ އެކަމުގައި އުޅޭ މީހުންގެ މަޢުލޫމާތުވެސް އެއްކުރެވޭނެ." ޢާއިޝަތު ޙަސަން ވިދާޅުވިއެވެ.
ސަރވޭގެ މަސައްކަތަށް މުޅި ރާއްޖެ ހިމެނޭހެން 4000މީހުންގެ ޓީމެއް ނެގުމަށްވަނީ ހަމަޖެހިފައެވެ. ސަރވޭގެ މަސައްކަތުގެ ޓީމް ނެގުމާއި އެމީހުންނަށް ބޭނުންވާ ޓްރެއިނިންތައް ދިނުމުގެ މަސައްކަތްފަށާނީ އަންނަ އޮގަސްޓްމަހުގެތެރޭގައެވެ.
އަންނަ އަހަރުގެ 17 ސެޕްޓެމްބަރުގައި ފަށާ ދިވެހިރާއްޖޭގެ ބޯހިމެނުމުގެ މަސައްކަތަށް މަޢުލޫމާތު އެއްކުރުން ކުރިއަށްދާނީ ސެޕްޓެމްބަރު 30ގެ ނިޔަލަށެވެ. ރާއްޖޭގެ އާބާދީއާ ބޯހިމެނުމުގެ ބައެއް މަޢުލޫމާތުތައް އޮކްޓޯބަރު 6 ވަނަ ދުވަހު އާއްމުކުރާނެއެވެ. އަދި މުޅި ސަރވޭގެ މަޢުލޫމާތު ޙާމަކުރާނީ ޤައުމީ ތަފާސްހިސާބުތަކުގެ ދުވަސްކަމަށްވާ އޮކްޓޯބަރު 20ގައެވެ.
މި ސަރވޭގަ ވަކިވަކި ފަރުދުންގެ އެއްވެސް މަޢުލޫމާތެއް ހާމައެއް ނުކުރާނެއެވެ. ހާމަކުރާނީ ޖުމްލަކޮށް ނިކުންނަ ނަތީޖާތަކެވެ.