ޚަބަރު

ފުޅަދޫ ވިޔަފާރިވެރިން މިހާތަނަށް ތިބީ ކަރަންޓުން މަޙްރޫވެފައި - ފެނަކަ


އާބާދީގެ ގޮތުން ބަލާނަމަ، ފުޅަދުއއަކީ ބ.އަތޮޅުގައި އޮތް ދެވަނައަށް އެންމެ މީހުން މަދު ރަށެވެ. އާބާދީ މަދުވުމުގެ ސަބަބުން އަސާސީ ގިނަ ޙިދުމަތްތަކުން މަޙްރޫމްވެފައިވާ މިރަށަކީ މިހާރު ރާއްޖެއާއި ރާއްޖެއިން ބޭރުގެ ފަތުރުވެރިންގެ މެދުގައިވެސް މަޤްބޫލް ރަށެކެވެ.

ބ.އަތޮޅުގައި ލޯކަލް ޓުއަރިޒަމް ފުޅާދާއިރާއެއްގައި ކުރާ މިރަށުގައި އެވިޔަފާރި އިތުރަށް ފުޅާކުރުމަށް އޮތް އެންމެ ބޮޑު ގޮންޖެހުން ކަމުގައި ރައްޔިތުން ދެކެނީ ލަފާފުރާނެ ރަނގަޅު ބަނދަރެއް ނެތުމާއި ރަގަޅު ކަރަންޓް ނެޓްވޯކެއް ނެތުމެވެ. ފަތުރުވެރިކަމުގެ ވިޔަފާރި ކުރާމީހުން އަބަދުވެސް އަންނަނީ މިކަމުގެ ޝަކުވާ ކުރަމުންނެވެ.

އެތައް ދުވަހެއްގެ ޝަކުވާއަށްފަހު މިދެންނެވި ދެ މައްސަލައަށްވެސް މިހާރުގެ ސަރުކާރުން އަންނަނީ ޙައްލު ގެނައުމަށް މަސައްކަތް ކުރަމުންނެވެ. އެރަށުގެ ބަނދަރު ހެދުމާއި ކަރަންޓުގެ ވިއުގަ ރަނގަޅުކުރުމަށް އަންނަނީ މިހާރު މަސައްކަތް ކުރަމުންނެވެ.

މިމަސައްކަތް ހިނގާގޮތް ބައްލަވާލެއްވުމަށް ފުޅަދޫއަށް ކުރެއްވި ދަތުރުފުޅަށްފަހު ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑޮރެކްޓަރ އަޙްމަދު ސަޢީދު ވިދާޅުވީ މިއީ އިޤްތިސާދީ ގޮތުން ބޮޑެތި ކުރިއެރުންތަކެއް ހޯދަމުން އަންނަ ރަށެށްކަމަށާ މިރަށަށް އިންވެސްޓް ކުރަން ބޭނުންވާ އެތައްބަޔަކު ކަރަންޓްގެ ރަގަޅު ނިޒާމްމެއް ނެތުމުން އިންވެސްޓް ނުކޮށްވެސް އެބަތިބިކަމަށެވެ. އަދި މިރަށުގެ ވިޔަފާރިވެރިން ތިބީ ގޮތް ހުސްވެފަކަމަށްވެސް ސަޢީދު ވިދާޅުވިއެވެ.

"ފަތުރުވެރިންނަށް ހިތްގައިމު މަންޒިލެއް މިއީ. މިތަނުގައި އިންޖީނުގެއެއް އަޅައި ރަގަޅު ކޭބަލް ނެޓްވޯކެއް އަޅައި ކަރަންޓް ފޯރުކޮށްދެވިއްޖެނަމަ ދައުލަތަށް ވަންނާނެ އާމްދަނީ އިތުރުވާނެ. އެއީ މިހެންމިދެންވި ސަބަބަކީ ގިނަ ގެސްޓްހައުސްތައް އޮޕަރޭޓްވާން ފެށުމުން ފަތުރުވެރިން އައުމާ ކަރަންޓަށް ލިބޭ އާމްދަނީ އިތުރުވާނެތީ." އަޙްމަދު ސަޢީދު ވިދާޅުވިއެވެ.

މިހާރު އެރަށުގައި ކަރަންޓް ފޯރުކޮށްދިނުމަށް ބޭނުން ކުރަނީ 160އާއި 128އާ 80 ކިލޯވޮޓުގެ 3 ޖަނަރޭޓަރެވެ. އާ އިންޖީނުގެ ހުޅުވާނީ 250 ކިލޯވޮޓުގެ އާ އިންޖީނަކާއެކުކަމަށް ފެނަކަ ފުޅަދޫ އޮފީހުން ވިދާޅުވެއެވެ. ފުޅަދޫ ފެނަކަ އޮފީހުން ވިދާޅުވީ ގެސްޓްހައުސްތައް ހުޅުވި ހިސާބުން އިންޖީނުތަކަށް ބާރުބޮޑުވެގެންދާކަމަށެވެ. މިހުރިހާކަމަކަށްވެސް އާ އިންޖީނުގެއާއެކު ހައްލު ލިބިގެން ދާނެކަމަށް ފެނަކަ ކުންފުނިން ވިދާޅުވެއެވެ.

ބ.ފުޅަދޫގައި ޒަމާނީ ވަސީލަތްތަކާއެކު ޢިމާރާތްކޮށްފައިވާ މިއިންޖީނުގޭގެ މަސައްކަތް މިހާރުވަނި ނިމިފައެވެ. މިހާރު ކުރަމުންދަނީ 27 އަހަރުވަންދެން ބޭނުން ކުރި އިންޖީނުގޭގައިހުރި އިންޖީނުތައް ބަދަލު ކުރުމުގެ މަސައްކަތާއި ކޭބަލް ނެޓްވާކް ރަގަޅު ކުރުމުގެ މަސައްކަތެވެ. މިމަސައްކަތްވެސް އަންނަމަހު މެދެއްހައިހިސާބުގައި ނިންމާލެވޭނެކަމަށް އުންމީދުކުރާކަމަށް އަޙްމަދު ސައީދު ވިދާޅުވިއެވެ.

ބ،އަތޮޅުގެ ކަރަންޓުގެ ޙާލާތު ބައްލަވާލެއްވުމަށް މިހާރު ކުރައްވަމުން ގެންދަވާ މިދަތުރުފުޅުގައި ބ.އަތޮޅުގެ 5 ރަށުގައި ކުރިއަށްގެންދާ އިންޖީނުގެތަކަށް ޒިޔާރަތް ކުރުމަށް ވަނީ ހަމަޖެހިފައެވެ.
ޒަމާނީ ފެންވަރަށް ތަރައްޤީކުރާ މި އާ އިންޖީނުގޭގައި އިންޖީން ރޫމްއަކާއެކު ޕެނަލް ރޫމަކާއި އޮފީސް ބައެއްވެސް ހުންނާނެއެވެ.