ވެމްކޯ އުފައްދާފަވަނީ މާލެއަށް ދިމާވެފައިވާ ކުނީގެ މައްސަލަ ޙައްލުކޮށް ވަކި އުސޫލެއްގެދަށުން ކުނި ނެގޭނެ ދެމެހެއްޓެނިވި ނިޒާމަކުން ޚިދުމަތް ދިނުމަށެވެ. ވެމްކޯގެ މަސައްކަތްތައް ރާވާފަވަނީ، ކޮންމެ ގެއެއް ވަކިން ޚިދުމަތަށް ރެޖިސްޓްރީކޮށް ޚިދުމަތް ލިބިގަތުމަށެވެ. އަދި ފުރަތަމަ ޚިދުމަތް ފެށީގެން ކޮންމެ އެޕަރޓްމަންޓަކަށް ވަކިންގޮސް ކުނި ކޮތަޅުނަގާ ގޮތަށެވެ.
މާލޭގެ ގޭބިސީގެ އަދަދު 40،000އަށް އަރައެވެ. ޚިދުމަތަށް މިއިން ކޮންމެ ގެއެއް ވަކިން ރެޖިސްޓްރީކުރަންޖެހެއެވެ. ވެމްކޯއިން ފާހަގަކުރާގޮތުގަ ކުނި އުކާލުމުގެ ޚިދުމަތް ދިނުމުގައި އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ޚިދުމަތް ރެޖިސްޓްރީނުކޮށް ޚިދުމަތް ހޯދާ މައްސަލައެވެ. ކޯވިޑް-19ގެ ޙާލަތާ ގުޅިގެން ކުނިއުމުގެ އުސޫލުތަކަށް އައި ބަދަލާއެކު މި މައްސަލަވަނީ ބޮޑުވެފައެވެ. އޭރު ކުނި އުކަމުންދިޔައީ، ވަކި ގަޑިއަކަށް ހުރިހާ ގޭގެ ކުނި މަގުމައްޗަށް ޖަމާކުރުމުން ނަގާގޮތަށެވެ. މިގޮތަށް ކުނި އުކާލާއިރު، ޚިދުމަތަށް ރެޖިސްޓްރީކޮށްފަ ނުވާ ގެތަށް ބެލޭނެ ނިޒާމެއް ނޯވެއެވެ.
ކޯވިޑްގެ ޙާލަތު މާލޭގަ ރަނގަޅުވެ މިހާރުމިވަނީ އަނެއްކާވެސް ހަރުދަނާ އުސޫލަކާއެކު ވެމްކޯގެ ޚިދުމަތް އަލުން ފަށާފައެވެ. އާ އުސޫލުގަވާގޮތުން ޚިދުމަތް ރެޖިސްޓްރީކުރަންޖެހޭނީ، މުޅިގެ ހިމެނޭހެން ގޭގެ ވެރިފަރާތުންނެވެ. އަދި ރެޖިސްޓްރީނުކޮށް، ޚިދުމަތަށް ފައިސާ ނުދައްކާ ގެތަކުން ކުނި ނުނަގާނެކަމަށްވެސް ވެމްކޯއިންވަނީ ވިދާޅުވެފައެވެ. މިގޮތަށް ހަމަޖައްސާފަވަނީ ކަނޑައެޅިފަވާ ވަކި އުސޫލަކުން ދެމެހެއްޓެނިވި ރަނގަޅު ޚިދުމަތެއް ދިނުމަށެވެ.
މި ބަދަލަށް ޢަމަލުކުރަން ފެށީ ބުދަ ދުވަހުން ފެށިގެންނެވެ. އާ އުސޫލަށް ޢާއްމުން ހޭލުންތެރިކުރުމުގެ މަސައްކަތް ވެމްކޯއިން މިދިޔަ މަހުން ފެށިގެން އަންނަނީ ކުރަމުންނެވެ. އެގޮތުން އޮންލައިންކޮށާއި އަދި ވެމްކޯގެ ހޮޓްލައިން 1666މެދުވެރިކޮށް ފަސޭހަކަމާއެކު ޚިދުމަތަށް ރެޖިސްޓްރީކުރެވޭނެއެވެ.
Register for our Household collection services online. Visit our online portal — https://t.co/QKq1Zs7kBr for a more convenient registration process.
— Waste Management Corporation Limited (WAMCO) (@WAMCOmv) September 16, 2021
*T&C Apply. pic.twitter.com/ClQgOdo8gw
ބުދަދުވަހު ކުނި ނަގާ ވަގުތު ހަމަވުމަށްފަހުގަވެސް ފެނިގެންދިޔައީ މަގުތަކުގައި ކުނި ޖަމާވެފަވާ މަންޒަރެވެ. އާ އުސޫލުގައި ބުނާގޮތުން ޚިދުމަތަށް ރެޖިސްޓަރ ނުކުރާ ގެތަކާއއި ފައިސާ ނުދައްކާ ގެތަކަށް ޚިދުމަތެއް ނުދޭނެއެވެ. ވެމްކޯއިން ކަންބޮޑުވުން ފާޅުކުރާގޮތުގަ އަދިވެސް ގިނަ ގޭބިސީތަކެއް ޚިދުމަތް ރެޖިސްޓްރީކޮށްފައެއް ނުވެއެވެ. މާލޭގެ 40،000 އެއްހައި ގޭބިސީގެ ތެރެއިން ކުނީގެ ޚިދުމަތަށް ރެޖިސްޓްރީކޮށްފަވަނީ 18،000 އެއްހައި ގޭބިސީންކަމަށް އެ ކުންފުނިން ފާހަގަކުރެއެވެ.
ޚިދުމަތަށް ރެޖިސްޓްރީކޮށްފަވާ ގެތަކުގެ ތެރެއިން އެއްވެސް ގެއެއްގެ ކުނި ނުނެގިވާނަމަ، އެކަން ވެމްކޯގެ ހޮޓްލައިނަށް ގުޅައި ވެމްކޯގެ ސަމާލްކަމަށް ގެނައުމަށް އެ ކުންފުނިންވަނީ އެދިފައެވެ.
މަހުންމަހަށް ކަރަންޓާ ފެނުގެ ޚިދުމަތް ބޭނުންވާހެން، ކުނި އުކާލުމުގެ ޚިދުމަތްވެސް މިހާރުވެފަވަނީ އަސާސީ ބޭނުމަކަށެވެ. އެހެންކަމުން މާލެއަކީ ސާފުތަނެއްގެ ގޮތުގަ ބޭއްވުމަށް ކުރާ މަސައްކަތުގަ ހުރިހާ ފަރާތްތަކުންވެސް އެއްބާރުލުން ދިނުމަށް ވެމްކޯއިން އަންނަނީ އިލްތިމާސްކުރަމުންނެވެ.
މާލެ ސަރަހައްދުގަ މިހާރު ކުނި އުކާލުމުގެ ޚިދުމަތް ދެނީ އިރުއޮއްސި 18:00އިން ފެށިގެން ރޭގަނޑު 23:00އަށެވެ.